ކޮންމެ ކަމެއްވެސް ކާމިޔާބުލކުރެވޭނީ ހޭލުންތެރިވެވިގެންނެވެ. ގިނަ މީހުން ވަރަށް ގިނަ ކަންކަމަށް ހޭލުންތެރިއެވެ. އެކަމަކުވެސް އެންމެ މުހިންމު ކަންތަކަށް ހޭލުންތެރިވަނީ މަދު މީހެކެވެ. މިބުނަނީ ޒަވާޖީ ހަޔާތް ބާއްޖަވެރިކުރަން ކުރަންހުރި ކަންކަން ކުރުމަށް ހޭލުންތެރިވަނީ މަދު މީހަކު ކަމެވެ. އަނެކާދޭ މެސެޖުތަކަށާއި އަނެކާއަށް އަންނަ ބަދަލުތަކާއިމެދު ނުވިސްނޭ ކަމެވެ.
ހެޔޮލަފާ އަނބިންނަކީ ކުއްލިއަކަށް ފިރިންނާއި ވަކިވެގެންދާނެ ބައެއް ނޫނެވެ. އެމީހުން އެފިޔަވަޅު (ވަކިވުމުގެ ފިޔަވަޅު) އަޅާނީ މަރުޙަލާތަކެއް ފާއިތުކޮށްފައެވެ. އޭނާގެ ހުށަހެޅުންތަކަށް ފިރިމީހާ އެއްވެސް ޖަވާބެއް ނުދިނުމުންނެވެ. ޢިޖާބަ ނުދިނުމުންނެވެ.
1 ފުރަތަމަ ކަމަކަށް އޭނާ އެދޭ ކަންތައްތަކާއި ކަންބޮޑުވާ ކަންތައްތަކުގެ ވާހަކަ ފިރިމީހާއާއި ޙިއްޞާކުރާނެއެވެ. އެހެނަސް ތިބާ ޢިޖާބަ ނުދެނީއެވެ.
2 ދެވަނަ ކަމަކަށް އެމީހުން ހިތާމަކޮށް ރޯނެއެވެ. އެކަމަށްވެސް ތިބާ އަޅައިވެސް ނުލަނީއެވެ.
3 ތިންވަނަ މަރުޙަލާގައި އޭނާ ތިބާގެ މަތިން ފޫހިވެ ތިބާއަށް ނުރުހުން ފައުޅުކުރަން ފަށާނެއެވެ. ޒުވާބުވެސް ކުރާނެއެވެ. އެކަކު އަނެކަކަށް ކުރިމަތިނުލެވޭނެ ޙާލަތަށްވެސް ކަންކަންދާނެއެވެ. އެހެނަސް ތިބާ ސަމާލުކަން ނުދެނީއެވެ.
4 ހަތަރުވަނަ މަރުޙަލާއަކީ ފިރިހެނުންނަށް އެންމެ ބޮޑަށް އޮޅުން އަރާ މަރުޙަލާއެވެ. އެމަރުޙަލާގައި ފިރިމީހާ ކުރާ އެއްވެސް ކަމަކާއި އަދި އުޅޭ ގޮތަކާއިވެސް ނުބެހޭނެއެވެ. ޒުވާބެއްވެސް ނުކުރާނެއެވެ. އެހެންވެ ފިރިމީހާއަށް ހީވާނީ އަނބިމީހާ މިހާރު ފުދިގެން ހުރީކަމަށެވެ. އެހެންވެ އުފަލުން ހުއްޓައި ފެންނާނީ އަލްވިދާޢޫ ކިޔާފައި ގެއިން ނުކުމެގެންދާތަނެވެ.
އެހިސާބުން ފިރިންގެ ހިތުގައި ސުވާލު އުފެދޭނެއެވެ. އެހުރިހާ މައްސަލަތަކެއް ޖެއްސި މީހާ އަޅައިވެސް ނުލާ ހުރެފައި ކުއްލިއަކަށް އަހުރެން ދޫކޮށްލާފައި އެދިއައީ ކީއްވެގެންބާވައެވެ. ޖަވާބަކީ އެއީ ކުއްލިއަކަށް އޭނާ ކުރިކަމެއް ނޫނެވެ. 1،2،3 މަރުހަލާގައި މަސައްކަތްކުރުމުންވެސް ތިބާ އެއްވެސް ސަމާލުކަމެއް ނުދިނުމުން 4 ވަނަ މަރުޙަލާގައި މަޑުން އެހުރީ އޭނާގެ ވިސްނުމުން ތިބާ އާއި ވަކިވެގެންނެވެ. ތިބާ ދޫކޮށްލައިގެންނެވެ. ގެއިން ނުކުމެގެންދާނެ ފުރުޞަތަކަށް ބަލަބަލައެވެ. ރަނގަޅު ވަޤުތުގައި ނުކުމެގެންދިއައީއެވެ.
ވީމާ މިކަންކަމަށް ފިރިން ސަމާލުވާށެވެ! ހަވާނަފްސަށް ގެއްލި ތިބާދެކެ ލޯބިވާ ހެޔޮލަފާ އަނބިން ތިބާއާއި ވަކިވެގެން ދިއަނުދޭށެވެ. އެކަން ކުރެވޭނީ އެކަނބަލުންގެ އަޑުއަހައި ސަމާލުކަން ދީގެންނެވެ.
މިއީ ސޯޝަލް މީޑިއާއިން ފެނިފައިވާ ވާހަކައެކެވެ. ވިސްނައިފި ކޮންމެ މީހަކަށްވެސް ވަރަށް ޢިބްރަތްތެރި ވާހަކަކޮޅެކެވެ.
- އަލަފް / މިއަދުނޫސް