ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 12

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 28ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 12

ރުސްތުމްވަނީ އޭނާގެ ލަޝްކަރުގެ ބައެއް މީހުން ކޯރުގެ މަތީގައި އަޅައިފައިވާ ފާލަންކައިރީގައި ބަހައްޓާފައެވެ. މުސްލިމުން އެތަން ހުރަސްކޮށްފާނެތީއެވެ. އަދި ކުއްލިއަކަށް މުސްލިމުންނަށް ފަހަތުން ހަމަލާދޭން ވެސް ފަސޭހަވާނެއެވެ.

އިސްލާމީ ލަޝްކަރުގެ މުޖާހިދުން ތިބީ ހަނގުރާމައަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދުޝްމަނުންނާ ކުރިމަތިލާން އެ ބޭކަލުންގެ މޭ އައްޑަނައަކަށް ހަދައިގެންނެވެ. ހެނދުނު ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު ލަޝްކަރުގެ ސަފުތައް އެއްވަރުކުރައްވައި، ލަޝްކަރުގެ އެކި ބައިބަޔަށް ކޮމާންޑަރުން އައްޔަންކުރެއްވިއެވެ. ޢުމަރުގެފާނުގެ ލަފާފުޅުގެ މަތީން ލަޝްކަރުގެ އެންމެ އިސް ކޮމާންޑަރަކަށް ހެއްދެވީ ސަލްމާނުލް ފާރިސީ ރަޟިޔަ ﷲ ޢަންހުއެވެ.

އިސްލާމީ ލަޝްކަރުގައި ޤުރްއާން ހިތުދަސް ބޭކަލުންނާއި، ރީތި ރާގުގައި ޤުރްއާން ކިޔަވައިވިދާޅުވާ ބޭކަލުން ތިއްބެވިއެވެ. އެ ބޭކަލުންނަށް އަންގަވައިފައިވަނީ ސޫރަތުލް އަންފާލު ކިޔަވައިވިދާޅުވުމަށެވެ. އެ ބޭކަލުންގެ އަސަރުގަދަ ކިޔެވުމުގެ ސަބަބުން އިސްލާމީ ލަޝްކަރުގެ މީސްތަކުންނަށް އިތުރު ހިތްވަރެއް ލިބި ރޫޙު ތާޒާވެގެންދިޔައެވެ. މުޖާހިދުންގެ ލޯތަކަށް ފިނިކަންލިބި ހިތްތަކަށް ތާޒާކަން ލިބިގެންދިޔައެވެ. އެ ބޭކަލުންގެ ހިތްތަކަށް އިލާހީ ކަލާމްފުޅުން ހަމަޖެހުން ލިބިގެންދިޔައެވެ. އެ ބޭކަލުން ގެންދެވީ ކެނޑިނޭޅި ދުޢާކުރަމުންނެވެ. މެންދުރު ނަމާދު ވަގުތުވުމުން އެ ބޭކަލުން ނަމާދުކުރުމަށް ސަފުތައް ހަދައިފިއެވެ. އެއްބައި މުޖާހިދުން ތިބީ ނަމާދުކުރަމުންގެންދިޔަ ބޭކަލުން ޙިމާޔަތްކުރުމަށް ފޯރިމަރަމުންނެވެ.

ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު އަންގަވައިފައިވަނީ މުޖާހިދުން ހުއްޓައިނުލައި لَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ މިފަދައިން ކިޔުމަށެވެ. މިފަދައިން އަމުރުކުރެއްވުމަށްފަހު ސަޢުދުގެފާނު ވިދާޅުވިއެވެ. [ތިޔަބައިމީހުން ނަމާދުން އަވަދިވުމުން ތިމަންކަލޭގެފާނު ﷲ އަކްބަރު ތިން ފަހަރު ގޮވައިލާނަމެވެ. ތިމަންކަލޭގެފާނު ހަތަރުވަނަ ފަހަރަށް ﷲ އަކްބަރު އޭ ގޮވައިލުމުން ދުޝްމަނުންގެ ލަޝްކަރަށް ހަމަލާދޭން ފަށާށެވެ.] ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު އާލާސްކަންފުޅާ އުޅުއްވިކަމުގައި ވިޔަސް، އެކަލޭގެފާނު ގެންދެވީ ލަޝްކަރުގެ ކަންތައްތައް ވަރަށް ރަނގަޅަށް ބައްލަވަމުންނެވެ. އެކަލޭގެފާނަކީ ހިތްވަރުފުޅުގަދަ، ސިންގާއެއް ފަދަ ފަހުލަވާނެކެވެ. އެކަލޭގެފާނު ތަމްރީނުވެވަޑައިގަތީ މާތް ރަސޫލާގެ އަރިހުންނެވެ.

މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި ރުސްތުމް ޖަނަފް އޭ ކިޔުނު ތަނަށް ފައިބައިފައި، އިސްލާމީ ލަޝްކަރުގެ ތެރެއަށް ޖާސޫސުކުރުމަށް އޭނާގެ މީހުން ފޮނުވިއެވެ. އެ މީހުން ގޮސް ބެލުމުން ފެނުނީ މުސްލިމުން ދަތްއުނގުޅައި ސާފުވެގެން ނޫނީ އެއްވެސް ނަމާދެއް ނުކުރާތަނެވެ. ނަމާދުގައި އެބައިމީހުންގެ ފައިތިލަތައް ސާބިތުކަންމަތީގައި އެބައިމީހުންގެ މަޤާމުގައި ހަރުލައިތިބޭތަނެވެ. ޖާސޫސުކުރި މީހުން މި ޚަބަރު ރުސްތުމްއަށް ދިނުމުން އޭނާ އެބައިމީހުންނަށް ބުންޏެވެ. [އެބައިމީހުން ރޭގަނޑު ކެއީ ކޯއްޗެއް ހެއްޔެވެ؟] އެ މީހުން ބުންޏެވެ. [އަޅުގަނޑުމެން އެބައިމީހުންނާއެކުގައި އެއްރޭ ހޭދަކުރިއިރު އެ މީހުން އެއްޗެއް ކަނިކޮށެއް ނުފެނެއެވެ. ރޭގަނޑު ނިދުމުގެ ކުރިންނާއި ހެނދުނު ހޭލުމަށްފަހު އެބައިމީހުން ރަނގަޅަށް ދަތްތައް ސާފުކުރެއެވެ.]

ހަނގުރާމައިގެ މައިދާނުގައި މުސްލިމުން ތިބިއިރު މުޖާހިދުން ގެންދެވީ ކޮންމެ ނަމާދަކަށް ބާރަށް ބަންގިގޮވަމުންނެވެ. މުއައްޒިނު ކޮންމެ ފަހަރަކު ހަރުއަޑުން ބަންގިދޭ އަޑުއިވުމުން ރުސްތުމްގެ ހިތަށް ބިރުވެރިކަމާއި މާޔޫސްކަން ވެރިވަމުންދިޔައެވެ. ރުސްތުމް އެއްފަހަރަކު ހިނގައިފައި ދަނިކޮށް މުސްލިމުން ފަތިސްނަމާދަށް ގޮވާ އަޑު އިވިއްޖެއެވެ. ނަމާދަށް ބަންގި ގޮވައިލުމާއެކު މުސްލިމުން ތެދުވެ އަވަސްއަވަހަށް ޖަމާޢަތަށް ޙާޟިރުވާން ފަށައިފިއެވެ. ރުސްތުމްއަށް މި މަންޒަރު ފެނިގެން އޭނާގެ ސިފައިންނަށް އަވަހަށް އަސްތަކަށް ސަވާރުވުމަށް އެންގިއެވެ. މީހަކު އެއީ ކީއްވެތޯއޭ ދެންނެވުމުން އޭނާ ބުންޏެވެ. [ކަލޭމެންނަކަށް ނުފެނޭ ހެއްޔެވެ؟ ކަލޭމެންގެ ދުޝްމަނުން ދެންމެ އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކުރަން ނިކުތުމަށް ގޮވައިލައިފިއެވެ.] އޭނާގެ ޖާސޫސުން އޭނާއަށް ދެންނެވިއެވެ. [އެއީ އެބައިމީހުން ނަމާދަށް ގޮވައިލި އަޑެވެ.] ރުސްތުމް ބުންޏެވެ. [ހެނދުނު އަހަންނަށް ޢުމަރުގެ އަޑުއިވުނެވެ.]

- ނުނިމޭ -

މިއަދު އޮންލައިން