ބަލިވެ އުޅެންޖެހޭނަމަ އުފުލަންޖެހޭ ތަކްލީފްތަކެއް ހުންނާނެއެވެ. ވޭންއަޅާނެއެވެ. އެނދުމަތިވެފައި އޮންނަންވެސް ޖެހިދާނެއެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމުން ކަންބޮޑުވުމާއި މާޔޫސްކަން ފިލައިގެންދާނެއެވެ. އިން ޝާ ﷲ
ބަލީގެ ސަބަބުން މީހާގެ ދަރަޖަ އުފުއްލެވުން :
ބަލިބަލީގެ ސަބަބުން މީހާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟުރަތުގައި އުފުލި އޭނާގެ ކުދިފާފަތައް އެކަމުގެ ސަބަބުން ފުހެވިގެން ދެއެވެ.
قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: (مَا مِنْ مُسْلِمٍ يُصِيبُهُ أَذًى مِنْ مَرَضٍ، فَمَا سِوَاهُ إِلَّا حَطَّ اللهُ بِهِ سَيِّئَاتِهِ، كَمَا تَحُطُّ الشَّجَرَةُ وَرَقَهَا)
(2571) صحيح مسلم
މާނައީ: ރަސޫލުﷲ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވެއެވެ. "މުސްލިމަކަށް ދަތި އުނދަގޫ މުޞީބާތެއް (ބައްޔެއް، ނޫނީ އެފަދަކަމެއް) ޖެހިއްޖެ ކަމުގައި ވަނީނަމަ، (ވަޔާއެކު) ގަހުން ފަތްތަށް ފައިބައިގެން ދާފަދައިން، ﷲ ތަޢާލާ އޭނާގެ ފާފަތައް ފުއްސަވާދެއްވައެވެ."
ބަލިވުމުން ގިނަގިނައިން ﷲ އަށް ދުޢާ ދަންނަވާ އިސްތިޣްފާރުކުރުން ގިނަކުރަންވާނެއެވެ. މުސްލިމު އަޅާއަށް ބަލީގެ ސަބަބުން އީމާންކަން އިތުރުވެ، އެއިލާހަށް ވަކީލުކުރުން ވަރުގަދަވެ، އެއިލާހުގެ މިންވަރުފުޅަށް ރުހުން، އިހުނަށްވުރެ އިތުރު ވެގެންދާނެއެވެ. އަދި ނަފްސާނީ ބަލިމަޑުކަމާއި ކިބުރުވެރިކަމާއި ދަހިވެތިކަންފަދަ ކަންކަމުން މީހާ ދުރަށް ގެންދާ ކަމެއްކަމުގައި އެކަން ވެގެންދެއެވެ. އަދި ބުއްދިވެރިޔަކީ ބަލިމަޑުކަމަކަށްފަހު އެކަމުން ޢިބުރަތް ޙާސިލުކޮށް އެމީހާގެ ދެދުނިޔެ ފަހި ކޮށްފިމީހާއެވެ. އެމީހެއްގެ ޢަޤީދާ އަށް މުސީބާތެއް ކުރިމަތި ނުވާހާ ހިނދަކު އެމީހަކަށް އޮތީ ސަލާމަތާއި ރައްކާތެރި ކަމެވެ.
ޝިފާ ދެއްވާފަރާތަކީ ﷲ . :
ﷲ ފިޔަވައި ޝިފާ ދެއްވާނެ އެހެން ފަރާތެއް ނުވެއެވެ. އަދި މީހެއްގެ ބަލިމަޑުކަމެއް އުފުއްލަވާނެ އެހެން ފަރާތެއްވެސް ނުވެއެވެ. ރުޤުޔާކުރާ މީހާގެ ރުޤުޔާއާއި އަދި ޑޮކްޓަރާއި، ޑޮކްޓަރީބޭހަކީ، ﷲ ތަޢާލާ ޝިފާދެއްވުމަށް ލައްވާފައިވާ ސަބަބުތަކެކެވެ. އެހެންކަމުން ސަބަބުތަކުގައި ހިފައިގެން ﷲ ހުއްދަކުރައްވާފައިވާ ބޭހުން ބޭސްކުރާށެވެ. ޑޮކްޓަރަކީ ތިބާގެ ބަލިމަޑުކަން ފިލުވާ މީހާކަމަށް ޤަބޫލުނުކުރާށެވެ. އެހެނީ އެމީހަކީ ތިބާފަދަ އިންސާނެކެވެ. އޭނާއަކީ އޭނާގެ ޒާތުގައި މީހަކަށް ގެއްލުމެއްވެސް އަދި މަންފާއެއްވެސް ނުކޮށްދެވޭނެ ފަދަ ހާލެއްގައި ހުރި މީހެކެވެ. އެހެންކަމުން ތިބާ އަށް މަންފާއެއް އަދި ގެއްލުމެއްވެސް ދެވޭނެ ފަރާތަކީ ﷲ ކަމަށްވާހިނދު އެއިލާހަށް ތިބާ ވަކީލުކުރަންޖެހެއެވެ.
( وَإِذَا مَرِضْتُ فَهُوَ يَشْفِينِ) [الشعراء (80) ]
"މާނައީ: “އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމައެކަލާނގެއެވެ."
އެއިލާހުގެ މަދަދުވެރިކަން ނުވާނަމަ ކިތަންމެ ފަރުވާއެއްކުރިޔަސް ބަލިފަސޭހަވުމެއް ނުވެއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
((وَاعْلَمْ أَنَّ الأُمَّةَ لَوْ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ لَمْ يَنْفَعُوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ ، وَلَوْ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ لَمْ يَضُرُّوكَ إِلَّا بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ)) [جامع العلوم والحكم (1/483) ، وصححه الألباني في “صحيح الترمذي”]
މާނަ: "އަދި ދަންނާށެވެ. ހަމަކަށަވަރުން، މުޅި އުންމަތް އެކަތިގަނޑަކަށްވެ، ތިބާއަށް މަންފާއެއް ޙާޞިލުކޮށްދޭން އުޅުނަސް، ﷲ ތިބާއަށްޓަކައި ލިޔުއްވައިފައިވާ މަންފާއެއް މެނުވީ އެބައިމީހުންނަކަށް ޙާޞިލުކޮށް ނުދެވޭނެއެވެ. އަދި އެބައިމީހުން އެކަތިގަނޑަކަށްވެ، ތިބާއަށް ގެއްލުމެއް ދިނުމަށް އުޅުނަސް، ﷲ ތިބާގެ މައްޗަށް ލިޔުއްވައިފައިވާ ގެއްލުމެއް ނޫނީ އެބައިމީހުންނަކަށް ނުދެވޭނެއެވެ."
- އައްޝައިޚް އަޙްމަދު ޚާލިދްގެ ލިޔުއްވުމަކުން