ހިތްފަސޭހަ ހެނދުނެކެވެ. މޫސުންރީތި ދުވަހެކެވެ.
ސާފު، ނޫއުޑުގައި ކުދި ކުދި ހުދުވިލާކޮޅުތައް އެއް މިސްރާބަކަށް ދަތުރުކުރަމުން ދެއެވެ. މަޑު ދުވެއްޔެއްގައި ދަތުރުކުރަމުން ދިޔަ ފެރީގެ ޑެގްމަތީގައި އަހަރެން އިނީ މޫދަށް ނަޒަރު ހުއްޓާލައިގެންނެވެ. ގަދަނޫކުލައިގެ ކަނޑުގައި އުފެދިފައިވާ ބާނިތައް އެކި ހިސާބުގައިހުރީ އެކިގޮތަށް އެކި ސައިޒަށެވެ. ބައެއް ހިސާބުތަކުގައި ބާނިތައް ގިނަވެފައި ކުދި ރޫތަކެއްހެން ހުރިއިރު، އަނެއްބައި ހިސާބުތަކުގައި ބާނިތައް މަދުވެފައި ލޮނުގަނޑު ފަށުވީގެ އޮމާން ސާލެއްފަދައެވެ.
ފެރީގެ ދަށުން އުފެދެމުން ދިޔަ ހުދު ފޮނުތަކުގެ ތެރެއިން އިރު އިރުކޮޅާ ފުޅަނގި ބައިގަނޑެއް އުދުއްސައި ގަނެއެވެ. ބައެއްފަހަރު ދެތިން އެއްޗެވެ. އަނެއްބައި ފަހަރު އައިނެއް ހުރިގޮތަށެވެ. ކުދި ކުދި މަތިންދާ ބޯޓްތަކެއްފަދައިން ފިޔަތައް ހުޅުވާލައިގެން އުދުހިފައި ގޮސް ލޮނުގަނޑުގެ ތެރެއަށް ޖެހިގަނެއެވެ.
ރަށެއްގެ ބޭރުން ދަތުރު ކުރަމުން ދިޔައިރު، ގަސްރުކުން ފެހިވެފައިވާ މަލަމަތި ފެންނަލެއް ނުހަނު ހިތްގައިމެވެ. ރަށުގެ އެކި ހިސާބުން ބޮޑެތި ބިޔަ ނިކަ ގަސްތައް އޭގެ ހައިބަތުކަން ދައްކަމުން ދިޔައިރު، އެކި ޒާތުގެ ކުދި ގަސްތައް އޭގެ ނިކަމެތިކަމާއެކު އިސްޖެހިފައި ތިއްބެވެ. ކާނި ގަހާއި މިދިލި ގަހެވެ.ހިރުނދު ގަހާއި ދިއްގާ ގަހެވެ. މީގެ އިތުރުންވެސް ގޮނޑުދޮށުގެ ހޭޅިފަށުން ފެހިކުލައިގެ ތަފާތު ގަސްތައް ފެންނަން ހުއްޓެވެ.
ރަށުގެ ދެކުނުކޮޅުން ފެންނަން އޮތް ހުދު ދޮންވެލި ތުނޑިމައްޗަށް ރާޅު ބީހިލާ މަންޒަކީވެސް ހިތްތަކަށް ފިނިކަން ގެނުވައިދޭ މަންޒަރެކެވެ.އެހެނަސް އެމަންޒަރުން ހިތް އުފާކޮށްލާނެ އެކަނިވެރި އާޝިޤަކުވެސް ގޮނޑުދޮށުން ފެންނާކަށް ނެތެވެ. ޖެހެމުންދިޔަ ފިނި ފިނި ރޯޅިން އިރު އިރު ކޮޅުން އަހަރެންނަށް ލޯމަރާލެވެއެވެ.
އެރަށާއި މާދުރުނޫން ހިސާބެއްގައި އެހެންރަށެއްވެސް ފެންނަން އޮތެއެވެ. އެއީ އެރަށެއްގައި އަހަރެން އުފަންވެ، ބޮޑުވި ރަށެވެ.ކުޑައިރުގެ އެތަކެއް ހަނދާންތަކާއި ޒުވާންއިރުގެ ހަނދާންތައް ފޮރުވިފައިވާ އަހަރެން އުފަން ރަށެވެ. ނަމަވެސް މިއަދު އެރަށް އެވަނީ ފަޅުވެ ހިމޭންވެފައެވެ. އެރަށުގެ ބިނާތައް ވެއްޓި އޭގެ ބިންގާތައްވެސް ވަނީ ނެތި ގޮސްފައެވެ. އެރަށުގެ މަގުތަކުގައި އަހަރެން ކުޅެ ސަކަރާތްޖަހާ ދުވެހެދި މަގުތައް މިއަދުވަނީ ގަސްބޯ ޖަންގައްޔަކަށް ބަދަލުވެފައެވެ.
އެތަކެއް ޒަމާނުއްސުރެ މީހުން އާބާދުވެ އުޅެމުން އައި އެ ހިތްގައިމު ރަށް މިއަދު އެވަނީ ފަޅު ރަށަކަށް ބަދަލުވެފައެވެ. އިންސާނުން ދިރިއުޅުނު ކަމުގެ އަލާމާތްތަކާއި އަސަރުތައް ފެންނަން ހުރިނަމަވެސް މިއަދު އެއީ ދިރުމެއްނުވާ ވީރާނާ ރަށެކެވެ. އެއްއިރެއްގައި ފަޚުރުވެރިކަމާއެކު އެއީ އަހަރެންގެ އަމިއްލަ ރަށޭބުނި ނަމަވެސް، މިއަދު އެރަށަށް ނިސްބަތްވާ ހަމައެކަކުވެސް ނެތެވެ. މިއަދު އެއީ އެއްވެސް މީހެއްގެ މިލްކިއްޔާތެއް އޮތްތަނެއް ނޫނެވެ.
ވިސްނާށެވެ. ދުނިޔެއަކީ މިކަހަލަ އެއްޗެކެވެ. ތިމާގެ ދާއިމީ މަންޒިލެއް ކަމުގައި ހިތައި ދުނިޔެ އާރާސްތު ނުކުރާށެވެ. ކިތަންމެ އަވަހަކަށްވެސް، މިތަނުން ފުރައިގެން ދާން ޖެހިދާނެއެވެ. މުދަލާއި ގެދޮރާއި ތިމާ ލޯބިވީހާ ބަޔަކުވެސް ދޫކޮށްފައެވެ. ތިމާއަށް ގެންދަން ލިބޭނެ ހަމައެކނި އެއްޗަކީ ތިމާކުރި ހެޔޮ ޢަމަލެކެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް