ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 10

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 10

މި ވާހަކަތަކުން ރުސްތުމްއަށް ކުރީ ވަރަށް އެހެންކަހަލަ އަސަރުތަކެކެވެ. އޭގެ ކުރިން އޭނާއަށް ޤަބޫލުކުރެވިފައިވަނީ ޢަރަބީންނަކީ އެފަދަ ކެރިފޯރުންތެރިކަމެއް ހުރި ބަޔަކު ނޫންކަމުގައެވެ. ޢަރަބީންގެ ކުރީގެ ރަސްކަލެއްކަމުގައިވާ ނުޢުމާން ބިން މުންޒިރު ކިސްރާގެ އަރިހަށް އެއްފަހަރު ވަޑައިގަތެވެ. އޭނާ ވަޑައިގެން އެދުނީ އޭނާއަށް ގޮދަނުގެ ބާވަތްތައް ދިނުމަށެވެ. ރުސްތުމްއަށް ވިސްނުނީ ޢަރަބީންނަކީ ހައިހޫނުކަމުގައިވާ ނިކަމެތި ބައެއްކަމުގައެވެ. ދާދި ކުޑަ ފައިސާކޮޅަކަށް އެބައިމީހުން ގަނެލެވޭނެ ކަމަށެވެ. ނަމަވެސް މިހާރު އޭނާއަށް އެއީ ޙަޤީޤަތާ ދުރު ވިސްނުމެއްކަން އެނގިއްޖެއެވެ. ރުސްތުމް މުޣީރާގެފާނަށް ދެންނެވިއެވެ.

[އަހަރެމެންނަށް ކަލޭމެންގެ އިޤްތިޞާދީ ޙާލަތު ރަނގަޅަށް އެނގެއެވެ. ކަލޭމެންނަކީ ދުނިޔެމަތީގައިވާ އެންމެ ފަޤީރު ޤައުމުގެ މީހުންނެވެ. އެ ކަމަށް ކަލޭ އަޅައިގެން ތިޔަހުރި ހެދުން ހެކިދެއެވެ. އަހަރެން ކަލޭމެންގެ ޙާލަތަށް ހަމްދަރުދީވަމެވެ. ކަލޭމެންގެ ތެރެއިން ކޮންމެ ޒުވާނަކަށް ބޭނުންވަރަކަށް ގޮދަނާއި ކަދުރު ދިނުމަށް އަހަރެންގެ މީހުންނަށް އަންގާނަމެވެ. ކޮންމެ މީހަކަށް ޖަމަލެއްގެ މުދާ ދޭނަމެވެ. ކަލޭމެންނަކީ އަހަރެމެންނާ އެއްފަންތިއެއްގެ މީހުންކަމަށް ކަލޭމެން ދުށްކަމުގެ މަޢާފު އަހަރެމެން ދީލަތިކަމާއެކުގައި ކޮށްފީމެވެ.]

މުޣީރަތު ބިން ޝުޢުބާ ޖަވާބުދެއްވިއެވެ. [އަހަރެމެންގެ ނިކަމެތި ޙާލަތާމެދުގައި ތިޔަ ބުނި ހުރހާ ވާހަކައަކީ ތެދެވެ. އެ ކަމަށް އަހަރެމެން އެއްބަސްވަމެވެ. އެ ކަމަށް އަހަރެމެން އިންކާރެއް ނުކުރަމެވެ. ޝައްކެއްނެތެވެ. އެންމެ ނިކަމެތި ފަޤީރު މީހުންކަމުގައި އަޅުގަނޑުމެން ވީމުއެވެ. ލިބޭ ކޮންމެ އެއްޗެއް ޙަރާމެއް ޙަލާލެއް ބެލުމެއްނެތި ކައިއުޅުނީމުއެވެ. ޖާހިލުކަމާއި އުރެދުމުގެ ތެރޭގައި އަޅުގަނޑުމެން ވީމުއެވެ. މުދަލުގެ ދަހިވެތިކަމުގައި އަހަރެމެން އަހަރެމެންގެ އެންމެ ލޯބިވާ މީހުން މަރައިއުޅުނީމެވެ. އެ ގޮތުގައި އުޅެއުޅެ ތިއްބާ ﷲ އަހަރެމެންނަށް އޯގާވަންތަވެވޮޑިގެންފިއެވެ. އަހަރެމެންގެ ތެރެއަށް ނަބިއްޔަކު ފޮނުއްވައިފިއެވެ. އަހަރެމެން އެ ނަބިއްޔާއަށް ތަބާވީމުއެވެ. އެ ނަބިއްޔާ އަހަރެމެންނަށް ގޮވައިލެއްވީ ހެޔޮކަމުގެ މަގަށެވެ. ހެޔޮކަންތައްތަކަށް މަގުދައްކައިދެއްވިއެވެ. ނަފުރަތާއި ރުޅިވެރިކަމުން ފުރިފައިވާ ހިތްތައް ލޯތްބާއި ކުލުނުވެރިކަމުން ފުރައިލެއްވިއެވެ.]

ރުސްތުމް މި ވާހަކަތައް އަޑުއަހަން އިނދެފައި މުޣީރަތު ބިން ޝުޢުބާގެ ކަނޑިކޮޅަށް ބަލައިލިއެވެ. [މިއީ ކަލޭ ހަނގުރާމަކުރަން ގެންގުޅޭ ކަނޑި ހެއްޔެވެ؟ ނަސީބު ދެރަކަމުން އެ ކަނޑިލާނެ ރަނގަޅު އުރައެއްވެސް ނެތެއްނޫންހެއްޔެވެ؟] ރުސްތުމް މިހެން ބުނެފައި އޭނާގެ ބޮޑުންނަށް އަންގައިގެން ރަނގަޅު، މޮޅު ކަނޑިއެއް ގެނެސް ބުންޏެވެ. [ކަލޭގެ ތިޔަ ކަނޑި އެއްލައިލާށެވެ. އޭގެ ބަދަލުގައި އަހަރެންގެ މި މޮޅު ކަނޑި ގެންދާށެވެ.]

މުޣީރަތު ބިން ޝުޢުބާ ނުރުހުމުގެ ލޯފުޅަކުން އެ ކަނޑިއާ ދިމާއަށް ބައްލަވައިލައްވައިފައި، އެކަލޭގެފާނުގެ ކަނޑިކޮޅު އުރައިން ނެރުއްވިއެވެ. އެ ކަނޑިކޮޅުގެ ވިދުވަރުން ލޯތައް ތަރަތަރަޖަހައިގެން ދިޔައެވެ. ފަސްޖެހިވަޑައިގަތުމެއްނެތި އެކަލޭގެފާނު އެ ކަނޑިކޮޅުން ޖައްސަވައި ރުސްތުމް ގެނައި ކަނޑި ދެފަޅިކޮށްލެއްވިއެވެ. އެއަށްފަހު ރުސްތުމްއާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. [ކަލެއަށް އޮތީ ތިން ގޮތެކެވެ. ފުރަތަމަ ގޮތަކީ އިސްލާމްވުމެވެ. ދެވަނަ ގޮތަކީ ޖިޒީދީގެން ތިބުމެވެ. ތިންވަނަ ގޮތަކީ ހަނގުރާމައެވެ.]

ރުސްތުމް ރުޅިއައިސްގެން ތުރުތުރުއަޅައިގެން ދިޔައެވެ. [ކަލެޔަކީ އަހަރެންގެ ސަފީރެއްކަމުގައި ނުވާނަމަ ކަލޭގެ ބޯ ކަނޑައިލީމުހެވެ. ރަނގަޅަށް އަޑުއަހާށެވެ! މާދަމާ އަހަރެން ކަލޭމެންގެ އެންމެން ޤަތުލުކުރާނަމެވެ.]

މިއަދު އޮންލައިން