ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ނަޒަރުގައި ދުނިޔެވީ އަރާމާއި ލައްޒަތަކީ އެއްވެސް އެއްޗެއް ނޫން!

ކިޔުމަށް ހޭދަވާނީ 5މ 12ސ
ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ނަޒަރުގައި ދުނިޔެވީ އަރާމާއި ލައްޒަތަކީ އެއްވެސް އެއްޗެއް ނޫން!

ޢަލީ އިޙްޞާން ފިރާޤް

 

ޢުމަރު ބިން ޢަބްދުލްޢަޒީޒަކީ، ވަރަށް ޞާލިޙު ބޭކަލެކެވެ. އެކަލޭގެފާނުގެ ނަޒަރުގައި ދުނިޔެވީ އަރާމާއި ލައްޒަތަކީ އެއްވެސް އެއްޗެއް ނޫނެވެ. ޚަލީފާކަށް ލިބިވަޑައިގެންނެވުމުން ގަނޑުވަރުގައި ދިރިއުޅުއްވުމުގެ ބަދަލުގައި އެކަލޭގެފާނު ދިރިއުޅުއްވަމުން ގެންދެވީ އެކަލޭގެފާނު ސާދާ ގެކޮޅުގައެވެ. ރަސްރަސްކަލުންނާއި އަމީރުން ތުރުކުރައްވާ ކަހަލަ އޮމާން ފޭރާން ތުރުކުރެއްވުމުގެ ބަދަލުގައި އެކަލޭގެފާނު ތުރުކުރެއްވި ދެރަފޮތީގެ ރާޅު ފޭރާމެވެ. މުނިކާފާފުޅު ޢުމަރުގެފާނު ފަދައިން ބައެއް އާންމުނަށް ޢުމަރު ބިން ޢަބްދުލްޢަޒީޒުވެސް ހުންނަލެއް ސާދާކަމުން އެއީ މުސްލިމުންގެ ޚަލީފާއެއްކަން ފާހަގައެއް ނުކުރެވެއެވެ. 

ޚަލީފާކަށް އިސްވެވަޑައިގެންނެވުމަށްފަހު ޢުމަރު ބިން ޢަބްދުލްޢަޒީޒު އަމީރުންގެ ދިރުއުޅުއްވުން މުޅިން ދޫކޮށްލެއްވިއެވެ. އެކަލޭގެފާނުގެ އަޅުންނާއި ޚާދިމުންނާއި އަސްތަކާއި ގަނޑުވަރުތަކާއި ފޭރާން ކޮޅުތައް ބައިތުލް މާލަށް ލެއްވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ފާޠިމާއަށް އެކަމަނާގެ ބަފައިކަލުން ދެއްވައިފައިވާ ގަހަނާކޮޅުތައްވެސް ބައިތުލް މާލަށް ލެއްވުމަށް އެންގެވިއެވެ. ފާޠިމާ އެކަމަނާގެ ފިރިކަލުންނަށް ކިޔަމަންތެރިވެވަޑައިގެން އެކަމަނާގެ ގަހަނާކޮޅުތައް އެއްކުރައްވައި ބައިތުލް މާލަށް ލެއްވުމަށް ފޮނުއްވިއެވެ. 

އިމާމު ސުޔޫތީ އޭނާގެ ތާރީޚު ފޮތެއް ކަމުގައި [ތާރީޚު އަލްޚުލަފާއު] ގައި ބަޔާން ކުރައްވައިފައިވެއެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު ޚަލީފާކަމަށް ހުންނެވި އިރު އެކަލޭގެފާނުގެ ބޭނުންފުޅުތަކަށް ކޮންމެ ދުވަހަކު ހޭދަކުރައްވަނީ ދެ ދިރުހަމެވެ. އެކަލޭގެފާނުގެ މުސާރަފުޅު އެކަލޭގެފާނުގެ ދަށުން މަސައްކަތް ކުރާ މީހުންނަށް ވުރެ މަދެވެ. އެކަލޭގެފާނު ޚަލީފާކަމަށް އިސްވެވަޑައިގެންނެވުމުގެ ކުރީ އަމިއްލަފުޅު މަސައްކަތް ކުރައްވައިގެ އަހަރެއްގެ މައްޗަށް ފަންސާސްހާސް ދީނާރު ހޯއްދަވައެވެ. ނަމަވެސް ޚަލީފާއަކަށް އިންތިޚާބު ވެވަޑައިގެންނެވުމަށްފަހު އަމިއްލަފުޅު މަސައްކަތުން ލިބިވަޑައިގަންނަވަނީ އަހަރެއްގެ މައްޗަށް ދުއިސައްތަ ދީނާރެވެ. އެހެނީ އެކަލޭގެފާނު ޚަލީފާކަން ލިބިވަޑައިގެންނެވުމުން އެކަލޭގެފާނުގެ އެއްޗެހި ކޮޅުތައްވަނީ ބައިތުލް މާލަށް ލައްވައިފައެވެ.

އެއްފަހަރަކު ޢުމަރު ބިން ޢަބްދުލްޢަޒީޒު ނަމާދުފުޅުން އަވަދިވެވަޑައިގެންނެވުމަށްފަހު ކީރިތި ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އަނބިކަނބަލުން ވީ ކީއްތޯ ސުވާލު ކުރެއްވުމުން ވިދާޅުވިއެވެ. [އަޅުގަނޑު މިވަނީ މުސްލިމުން ޚަލީފާއަކަށް އިސްކުރެވިފައެވެ. ބަނޑުހައި ހޫނުކަމުގައި އުޅޭ ފަޤީރުންނާއި، ފަޤީރު ބަލިމީހުންނާއި، އަނިޔާވެރިކަން ބަރުދާސްތު ކުރަމުންދާމީހުންނާއި، އުނުއޮރިޔާން ނިވާނުވާ ޙާލު ހިތާމައިގައި ދުވަސްތައް ހޭދަކުރަމުންދާ މީހުންނާއި، ޖަލުގައި ހައްޔަރު ކުރެވިފައިވާ އަޖުނަބީންނައި، ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ މީހުންނާ މެދު އަޅުގަނޑަށް ފިކުރުކޮށްލެވުނީއެވެ. ޤިޔާމަތްދުވަހު އަޅުގަނޑުގެ ވެރިރަސްކަލާނގެ އެބައިމީހުންނާ މެދު ސުވާލު ކުރައްވާނެއެވެ. އޭރު އަޅުގަނޑު ހިމާޔަތެއް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެކަން ހިތައް އެރުމުން ރޮވުނީއެވެ.] 

މާތް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުތައް  ރަސްމީ ގޮތެއްގައި ލިޔުއްވުމަށް އަމުރުފުޅު ކުރެއްވީ ޢުމަރު ބިން ޢަބްދުލްޢަޒީޒު އެވެ. އެއީ މާތް ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅުތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު ގެ އަމުރުފުޅަށް أبو بكر بن محمد بن حزم އާއި ابن شهاب الزهری ޙަދީޘް ޖަމާކުރެއްވިއެވެ. 

މާތް ރަސޫލާ ﷺ އަމަލުކުރެއްވި ފަދައިން ޢުމަރު ބިން ޢަބްދުލްޢަޒީޒުވެސް ދީން ފެތުރެއްވުމަށް ވަފުދުތައް ޤައުމުތަކަށް ފޮނުއްވިއެވެ. އެ ގޮތުން ޢުމަރު ބިން ޢަބްދުލްޢަޒީޒު ދީން ފެތުރެއްވުމަށްޓަކައި ޗައިނާއަށާއި ޓިބެޓަށް ވަފުދު ފޮނުއްވިއެވެ. އެ ޤައުމުތަކުގެ އަމީރުންނަށް އިސްލާމްދީނުގެ ދައުވަތު ދެއްވިއެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒު ގެންނެވި އިޞްލާޙީ ބަދަލުތަކުގެ ސަބަބުން މީސްތަކުން ހިތުން ރުހުމުން ޓެކްސްގެ ފައިސާ ދައްކަން ފެށިއެވެ. އިބްނު ކަޘީރު ލިޔުއްވައި ގޮތުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ފާރިސްކަރައިން ބައިތުލް މާލަށް ވަންނަ އަހަރީ އާމްދަނީގެ އަދަދު 28 މިލިޔަން ދިރުހަމުން 124 މިލިޔަން ދިރުހަމަށް އިތުރު ވެގެން ދިޔައެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ވެރިކަމުގެ ދުވަސްވަރުގައި ތަރައްގީގެ އާންމު މަޝްރޫއުތަކެއް ފާރިސްކަރައާއި ޚުރާސާނުގައި އަދި އުތުރު އެފްރިކާގައި ކުރިއަށް ގެންދެވިއެވެ. އޭގެ ތެރޭގައި ކެނަލްތަކާއި މަގުތައް ހެދުމާއި، ދަތުރުވެރިންނަށް ފަސޭހައިން ކުއްޔަށް ހިފޭނެ ގޮތަށް ގެތައް އިމާރާތް ކުރެއްވުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަން ބިނާ ކުރެއްވުން ހިމެނެއެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ އަދުލުވެރިކަމާއި، ސާދާ ދިރިއުޅުއްވުމާއި ވަކި ގިންތިއަކަށް ވަކި ފަންތިއަކަށް ނުބައްލަވައި އެންމެންނަށް ހަމަހަމައަށް މުއާމަލާތް ކުރަމުން ގެންދާ މަންޒަރަކީ ގަނޑުވަރު ތެރޭގެ އަމީރުން މާ ރުހިވަޑައިގެންނެވި ކަމެއް ނޫނެވެ. އެހެންކަމުން ރިޝްވަތުގެ ގޮތުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒު ގެ އަޅަކަށް އެއްހާސް ދީނާރު ދީގެން އެކަލޭގެފާނަށް ޒަހަރު އެރުވިއެވެ. އޭގެ ސަބަބުން އެކަލޭގެފާނުގެ ޙާލުކޮޅު ވަރަށް ބޮޑުވިއެވެ.  

ޢުމަރު ބިން ޢަބްދުލްޢަޒީޒު އެ އަޅުކަލޭގެ ގެންނަވައިފައި ވިދާޅުވިއެވެ. [ކަލޭ އަހަރެންނަށް ޒަހަރު ދިނީ ކީއްވެގެން ހެއްޔެވެ؟] އެ އަޅުކަލޭގެ ދެންނެވީ އެއްހާސް ދީނާރުގެ ދަހިވެތި ކަމުގައި ކުރެވުނު ކަމެއް ކަމަށެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އޭނާ އަތުން އެއްހާސް ދީނާރު އަތުލައްވައިފައި ބައިތުލް މާލަށް ލެއްވިއެވެ. އަދި އަޅުކަލޭގެ މިނިވަންކުރައްވައި ވަގުތުން އެތަން ދޫކޮށް އެހެން ތަނަކަށް ދިޔުމަށް އެންގެވިއެވެ. އެއީ ޚަލީފާއަށް ޒަހަރު އެރުވި މައްސަލައިގައި އޭނާ ޤަތުލުކޮށް ފާނެތީއެވެ. 

ޢުމަރު ބިން ޢަބްދުލްޢަޒީޒު އަވަހާރަވީ އެ އާލާސްކަންފުޅުގައެވެ. ހިޖުރައިން 101 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައެވެ.  دير سمعان އޭ ކިޔުނުތަނުގައި އެކަލޭގެފާނު ކުއްޔަށް ހިއްޕެވި ގެކޮޅެއްގައެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ دير سمعان ގައި އެކަލޭގެފާނު ނަޞާރާއިންގެ މީހެއްގެ އަތުން ބައްލަވައިގެންނެވި ބިންކޮޅެއްގައެވެ. އެކަލޭގެފާނު އަވަހާރަވީ އިރު ދޫކުރައްވައިފައިވަނީ އެންމެ 17 ދީނާރެވެ. އެކަލޭގެފާނުގެ ވަޞިއްޔަތާ އެއްގޮތަށް އެކަލޭގެފާނުގެ ގެކޮޅުގެ ކުއްޔާއި ބައްލަވައިގެންނެވި ބިމުގެ ފައިސާ ދެއްކެވީ އެއިންނެވެ.  

އަރަހުށި މާތްﷲ، ޢުމަރު ބިން ޢަބްދުލްޢަޒީޒުއަށް ހެޔޮ ރަޙްމަތް ލައްވާށިއެވެ.! 

- ލިޔުނީ: ޢަލީ އިޙްޞާން ފިރާޤް

Umar bin Abdul Aziz: A great Muslim ruler | Arab News

 

 

މިއަދު އޮންލައިން