ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީބޭކަލުންގެ އަދަދު ގާތްގަނޑަކަށް 124،000 އާ ގާތްކުރެއެވެ. މާތް ރަސޫލާ ދެކެވަޑައިގެންނެވުމުގެ ޝަރަފު ހާސިލުކުރެއްވި ބާއްޖަވެރި ޞަޙާބީންގެ ތެރެއިން މިފަނާވަނިވި ދުނިޔެއާ އެންމެފަހުން އަލްވަދާއު ވިދާޅުވި ބޭކަލަކީ، (أبو الطفيل عامر بن واثلة رضي الله عنه) އަބުއްޠުފައިލު ޢާމިރު ބިން ވާޘިލާ ރަޟިޔަﷲ ޢަންހުއެވެ.
ޞަޙާބީންނަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި، އެކަލޭގެފާނާ ބައްދަލުވެވަޑައިގެން، އެކަލޭގެފާނުގެ ރަސޫލުކަމަށް އީމާންވެވަޑައިގެން، މުސްލިމެއްގެ ގޮތުގައި ދުނިޔެ ދޫކޮށްފައިވާ ބޭކައުކަނބަލުންނެވެ.
أبو الطفيل عامر بن واثلة رضي الله عنه އަށް މާތް ރަސޫލާ صلّى اللّـه عليه وسلّم އާ ބައްދަލުވެވަޑައިގަތީ ޙައްޖަތުލް ވަދާޢުގެ ތެރޭގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ އެންމެ އަށް އަހަރުފުޅެވެ. އެކަލޭގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ދެކެ ނިހާޔަތައް ލޯބިފުޅުވެވަޑައިގަންނަވައެވެ. އެ ލޯބިފުޅު އެކަލޭގެފާނު ސިފަކުރައްވަނީ މޫސާގެފާނުގެ މައިކަނބަލުން މޫސާގެފާނުދެކެ ލޯބިވެވަޑައިގެންނެވި ފަދައިންނެވެ.
أبو الطفيل عامر بن واثلة رضي الله عنه އަވަހާރަވި ތާރީޚަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ހިނގައިފައިވެއެވެ. އެކަލޭގެފާނު އަވަހާރަވީ، ހިޖުރައިން 102 ވަނަ އަހަރުކަމުގަޔާއި، 100 ވަނަ އަހަރުކަމުގަޔާއި، 107 ވަނަ އަހަރުކަމުގަޔާއި، 110 ވަނަ އަހަރު ކަމުގައި ރިވާކޮށްފައިވާ ރިވާޔަތްތައްވެއެވެ. މީގެ ތެރެއިން އެންމެ މަޝްހޫރު ބަހަކީ 110 ވަނަ އަހަރު ކަމުގައި ބުނެވޭ ރިވާޔަތެވެ. އެކަލޭގެފާނު އަވަހާރަވީ މައްކާގައެވެ. ފަސްދާނުވެޑުވިފައިވަނީ ޖަންނަތުލް މުޢައްލާގައެވެ.
އަދަބުލް މުފްރަދުގައި ރިވާވެގެން އައިސްފައިވެއެވެ. އެއްފަހަރަކު أبو الطفيل عامر بن واثلة رضي الله عنه އަށް ދެންނެވުނެވެ. [ކަލޭގެފާނު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ދެކެވަޑައިގެންނެވީމުތޯއެވެ؟] އެކަލޭގެފާނު ވިދާޅުވިއެވެ. [އާދޭހެވެ. ތިމަންކަލޭގެފާނު ފިޔަވައި މި ބިންމަތީގައި މާތް ނަބިއްޔާ صلّى اللّـه عليه وسلّم ދެކެވަޑައިގެންނެވި އެހެން މީހަކު ހުރިކަމެއް ތިމަންކަލޭގެފާނަށް އެނގިފައެއްނެތެވެ.]
މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ސިފަފުޅު ބަޔާން ކުރައްވަމުން أبو الطفيل عامر بن واثلة رضي الله عنه ވިދާޅުވެފައިވެއެވެ. [މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ ހަށިކޮޅުގެ ކުލަކޮޅު ދޮނެވެ. އެކަލޭގެފާނުގެ މޫނުފުޅު ރީތިވެފައި އުޖާލާއެވެ.]
ހަމަ މި މާނައިގެ ރިވާޔަތެއް ޝަމާއިލުއް މުޙައްމަދިއްޔާގައިވެސް ރިވާވެގެން އައިސްފައިވެއެވެ.
އެންމެ ފަހުން އަވަހާރަވި ޞަޙާބީއަކީ ކޮބައިތޯ އިންޓަނެޓްގައި ޖަހާލައިފިނަމަ އަންނާނީ އަނަސު ބުނު މާލިކު ރަޟިޔަﷲ ޢަންހުގެ ނަންފުޅެވެ. ނަމަވެސް، އެކަލޭގެފާނަކީ ބަޞަރާގައި އެންމެ ފަހުން އަވަހާރަވި ޞަޙާބީއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 93 ވަނަ އަހަރުގައެވެ. ޞަޙާބީންގެ ތެރެއިން އެންމެފަހުން އަވަހާރަވި ޞަޙާބީއަކީ އަބުއްޠުފައިލު ޢާމިރު ބިން ވާޘިލާ ރަޟިޔަﷲ ޢަންހުއެވެ.
އަރަހުށި މާތްﷲ އެކަލޭގެފާނަށް ރުއްސުންލައްވާށިއެވެ.! އާމީން
https://lifeinsaudiarabia.net/who-was-the-last-sahabi-to-die/