ސަޖިދައަށް ދިއުމުން ﷲ ގެ މަތިން ހަނދުމަ ނުކުރެވޭ ސަބަބަށް ފިސާރިބޮޑަށް ސަމާލުކަންދޭން މަސައްކަތްކުރަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ސަޖިދައަށް ދިއުމުން ﷲ ގެ މަތިން ހަނދުމަ ނުކުރެވޭ
ސަބަބަށް ފިސާރިބޮޑަށް ސަމާލުކަންދޭން މަސައްކަތްކުރަން ޖެހޭނެ!

ޝައިޠޯނާ އެންމެ ދެރަވެ ހިތާމަކުރާކަމަކީ

މީސްތަކުން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. ސަޖިދައިގައި އޮންނަ ވަޤުތަކީ އެންމެ ބޮޑަށް ދެރަވެ ހިތާމަކޮށް ރޮއި ކަރުނައަޅާ ވަޤުތެވެ. ސަޖިދައަށްދާއިރަށް ވަސްވާސްތައް ގިނަކޮށް ﷲ ތަޢާލާގެ މަތިން ހަނދުމަނެތިކުރުވަން ކުރެވުނުހައި ކަމެއް ކުރާނެއެވެ.  

ސަބަބުވެސް ވަރަށް ސާފެވެ! އޭއްޗަށް ﷲ ތަޢާލާ ލަޢުނަތް ލެއްވެވީ ﷲ ތަޢާލާގެ އަމުރުފުޅަށް ސަޖިދަ ނުކުރުމުންކަމަށްވާތީއެވެ. ދުނިޔޭގައި މީސްތަކުން އުޅޭހައި ދުވަހަކު އެޙަސަދަވެރިކަން ދާނީ މީސްތަކުންނަށް ފިލުވަމުންނެވެ. މީސްތަކުގެ ސަޖިދަ ހަލާކުކުރުވަން މަސައްކަތްކުރަމުންނެވެ.  

ޔަޤީންކުރަންވީ މީސްތަކުން ކުރާ އަޅުކަން ހަލާކުކޮށްލަން ޝައިޠޯނާ އަބަދުވެސް އޭއްޗަށް ކުރެވުނުހައި މަސައްކަތްތަކެއް ކުރަމުންގެންދާނެކަމެވެ. އެކަމުގައި ދުވަހަކުވެސް ވަރުބައްޔެއްވެސް ނުވާނެކަމެވެ.

ޝައިޠޯނާ އެންމެ ބޮޑަށް މަސައްކަތްކުރާނީ އަޅުކަންކުރިއަ ނުދިނުމަށެވެ. އަޅުކަންކުރުން ނުހުއްޓުވުމުން ދެން މަސައްކަތްކުރާނީ ކުރާ އަޅުކަން ހަލާކުކޮށްލައި ބޭކާރުކޮށްލުވުމަށެވެ. އެގޮތުން ދެކަމަކަށް މަސައްކަތްކުރާނެއެވެ.  

އެއްކަމަކީ އެއަޅުކަމެއް ކުރަން އަންގަވާފައިވާ ގޮތަށްވުރެ ބޮޑަށް ނުވަތަ އިތުރަށް ކުރުވުމެވެ. ދެވަނަ ގޮތަކީ ކުރަން އަންގަވާފައިވާ ގޮތަށްވުރެ އުނިކޮށް ކުރުވުމެވެ. ވީމާ އަޅުކަންކުރާއިރު މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ.  

ވީމާ ކޮންމެ އަޅުކަމެއް ކުރިނަމަވެސް އެއަޅުކަމެއް ކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްފުޅުކޮށް ދެއްވަވާފައިވާ ގޮތަށް ކުރަން މަސައްކަތްކުރާށެވެ. މިޘާލަކަށް ބުނާނަމަ ނަމާދުކުރުމުގައިވެސް ކަންކަން ކުރަންވާނީ ސުންނަތާއިއެއްގޮތަށެވެ. މޮޅުކޮށްލަން ކަންކަން އިތުރުކޮށް އަދި އަވަސްކޮށްލަން ކަންކަން ދޫކޮށްލައި ނުހަދާށެވެ. ކޮންމެ ޙަރަކާތެއް ކުރުމުގައިވެސް ސުންނަތުން ޘާބިރުވާ އިންތަކުގައި ހިފަހައްޓާށެވެ. މޮޅުކުރަން އިތުރުކޮށް އަދި ލުއިކުރަން އުނިކުރުން ފަދަ ކަންކަން ނުކުރާށެވެ. އަދި ކޮންމެ އަޅުކަމެއް ކުރިނަމަވެސް މިކަންކަން ނަގަހައްޓައި ދަމަހައްޓާށެވެ!  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން