ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 9

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 41ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 9

އެއަށްފަހު ރިބްޢީ ސާފު ބަސްފުޅުން ރުސްތުމްއަށް ތިން ގޮތަކުން އިޚްތިޔާރު ދެއްވިއެވެ.

ފުރަތަމަ ގޮތަކީ އިސްލާމްދީން ޤަބޫލުކުރުމެވެ. ދެވަނަ ގޮތަކީ ޖިޒީދީގެން އެބައިމީހުންގެ ދީނުގައި ތިބުމެވެ. ތިންވަނަ ގޮތަކީ ކުރިން ބުނި ދެ ގޮތް ޤަބޫލުނުކޮށް ހަނގުރާމަކުރުމެވެ. އެބައިމީހުންނަށް ގޮތް ނިންމަން ތިން ދުވަހުގެ މުހުލަތެއް ދެއްވިއެވެ. ގޮތެއް އިޚްތިޔާރު ނުކޮށްފިނަމަ ހަތަރުވަނަ ދުވަހު ހަނގުރާމަ ފަށާނެކަމުގެ އިންޒާރު ދެއްވިއެވެ. ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހުގެ ވާހަކަފުޅު އަޑުއަހައިފައި ރުސްތުމް ބުންޏެވެ. [ތިޔައީ މުސްލިމުންގެ ވެރިމީހާ ހެއްޔެވެ؟] ރިބްޢީ ވިދާޅުވިއެވެ. [ނޫނެކެވެ. ނަމަވެސް މުސްލިމުންނަކީ އެއް ހަށިގަނޑެއްގެ މިސާލެވެ. އެމީހުންގެ ތެރެއިން އެންމެ ނިކަމެތި މީހާއަށްވެސް އެންމެ މޮޅު މީހާ ފަދައިން ރައްކާތެރިކަން ދެވޭނެއެވެ.]

ކޮންމެއަކަސް މި ވާހަކަފުޅު ދެއްކެވުމަށްފަހު ރިބްޢީ ބިން ޢާމިރު ރަޟިޔަ ﷲ ޢަންހު އަނބުރާ މުސްލިމުންގެ ލަޝްކަރަށް ވަޑައިގެންފިއެވެ. އެކަލޭގެފާނު ވަޑައިގަތުމުން ރުސްތުމް އޭނާގެ އެކުވެރިންނާ މަޝްވަރާކުރިއެވެ. އޭނާގެ އެކުވެރިންގެ ވާހަކަ ހުރީ ރިބްޢީގެ ވާހަކަ ދެރަކޮށްލުމުގެ ރާގުގައެވެ. ރުސްތުމްއަކީ ބުއްދިވެރި ކޮމާންޑަރެކެވެ. އޭނާ ބުންޏެވެ. [ހަލާކު ހުއްޓެވެ! އަހަރެން އޭނާގެ ވާހަކަތައް އަޑުއަހައި، އޭނާ މިތަނުގައި އުޅުނުގޮތް ރަނގަޅަށް ބަލައި ވިސްނައިފީމެވެ. ޢަރަބީން ލާ ފޭރާމަކީ އާދައިގެ ފޭރާމެވެ. ނަމަވެސް އެބައިމީހުންނަކީ އެބައިމީހުންގެ ނަސަބަށާއި ޙަސަބަށް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ބައެކެވެ.]

ދެވަނަ ދުވަހު ރުސްތުމް މުސްލިމުންނަށް ޚަބަރު ފޮނުވިއެވެ. [ތިމަންގެ ގާތަށް އަލުން ރިބްޢީ ފޮނުއްވައިދޭށެވެ. ތިމަން އޭނާއާ ވާހަކަދައްކަން ބޭނުމެވެ.] ނަމަވެސް މުސްލިމުންގެ ކޮމާންޑަރު ސަޢުދުގެފާނު މިފަހަރު ފޮނުއްވީ ޙުޒައިފާގެފާނެވެ. ޙުޒައިފާގެފާނު ވަޑައިގެންވެސް ކުރީ ދުވަހު ރިބްޢީ ބިން ޢާމިރު ވިދާޅުވި ވާހަކަތައް ރުސްތުމްގެ ގާތުގައި ވިދާޅުވެފައި ވަޑައިގެންފިއެވެ.

ތިންވަނަ ދުވަހުވެސް ރުސްތުމް ސަޢުދުގެފާނަށް މީހަކު ފޮނުވައިދިނުމަށް އެދުނެވެ. އެ ދުވަހު ފޮނުއްވީ މުޣީރަތު ބިން ޝުޢުބާ ރަޟިޔަ ﷲ ޢަންހުއެވެ. އެކަލޭގެފާނަކީ ޘަޤީފުވަންހައިގެ ބޮޑެކެވެ. ވިސްނުންފުޅު ތޫނު، ޙިކުމަތްތެރި ބޭފުޅެކެވެ. ރުސްތުމްވަނީ މުޣީރަތު ބިން ޝުޢުބާ ވަޑައިގަތުމުގެ ކުރިން އޭނާގެ މީހުންނަށް އަންގައިގެން އޭނާގެ ފޭލިގެ ވަރަށް ވަރުގަދައަށް ޒީނަތްތެރިކުރުމަށް އަންގައިފައެވެ. ސުންދުސާއި އިސްތަބުރަޤުގެ ފޮތިން މުޅިތަން ރީތިކުރުމަށް އަންގައިފައެވެ. އޭނާގެ ޚާދިމުންނާއި އަޅުންވެސް ރީތި ފޭރާމުގައި ތިބުމަށް އަންގައިފައެވެ. މަޤްޞަދަކީ ފާރިސީންގެ ހައިބަތު މުސްލިމުންނަށް ދެއްކުމެވެ.

މުޣީރަތު ބިން ޝުޢުބާ ރަޟިޔަ ﷲ ޢަންހު ވަޑައިގަތީ ވަރަށް އާދައިގެ ފޭރާންތަކެއް ތުރުކުރައްވައިގެންނެވެ. އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގެ ތަންތަންކޮޅު ވީދިގެންވަނީ އެ ތަންތަނުގައި ފޮތިއަޅައި ބައްދާފައެވެ. އެކަލޭގެފާނުގެ ކަނޑިކޮޅުވެސް އޮތީ ބާ ރާޅުފޮތީގެ އުރައަކަށް ލައްވާފައެވެ. އެ ފޭލިގޭގެ ދޮރުކޮޅާ ހަމައަށް އާދެވޭއިރަށް ގާޑުން އެކަލޭގެފާނު ހިފަހައްޓައިފިއެވެ. އެބައިމީހުން ބުނެފިއެވެ. [ކަލޭގެ ހެދުމަށް ބަލާބަލާށެވެ! ތިޔަ ހުރީ އާދައިގެ ހެދުމެއްގައެވެ. ހެދުމުގެ އެތައް ތަނެއް ތިޔަހުރީ މަތިން ފޮތިއަޅައި ބައްދާފައެވެ. ވެރިއަކާ ބައްދަލުކުރާއިރު ހުންނަންޖެހޭނީ ރަނގަޅަށް ހެދުން އަޅައިގެންނެވެ.]

ދޮރުވާނު މުޣީރާގެފާނަށް އާ ހެދުންކޮޅެއް ދިނުމަށްފަހު ބުންޏެވެ. [ކަލޭގެ ކަނޑި އަހަރެންނާ ޙަވާލުކޮށްފައި މި ހެދުން ލައިގެން އަހަރެމެންގެ ވެރިމީހާއާ ބައްދަލުކުރަން ދާށެވެ.] މުޣީރާގެފާނު ވިދާޅުވިއެވެ. [އަހަރެން ކަލޭމެންގެ ވެރިމީހާއާ ބައްދަލުކުރާނީ އަހަރެން މިތަނަށް އައިއިރުވެސް ހުރި ގޮތަށެވެ. މިގޮތަށް ހުރެ އަހަރެން އޭނާއާ ބައްދަލުކުރަން ކަލޭމެން އިޢުތިރާޟުކުރާނަމަ އަހަރެން އެނބުރި މިދަނީއެވެ.] ރުސްތުމްއަށް މި ޚަބަރު ގެންގޮސްދިނުމުން އޭނާ ބުންޏެވެ. [އޭނާ އެދޭގޮތަކަށް އައިސް އަހަރެންނާ ބައްދަލުކުރުމުގެ ހުއްދަ ދޭށެވެ.]

އީރާނު މީހުން ތިބީ އެބައިމީހުންގެ އެންމެ ރަނގަޅު ފޭރާންލައިގެންނެވެ. ބޮލުގައި ތާޖުތައް އަޅައިގެންނެވެ. އެބައިމީހުންގެ ފޭރާންތަކުގައި ރަނުން ރޮދިއަޅައިފައިވެއެވެ. ފޭލިގޭގައި ދިގު ދޫލަތައް އަޅައި ޒީނަތްތެރިކޮށްފައިވެއެވެ. މުޣީރަތު ބިން ޝުޢުބާ ވަރަށް ހަމަޖެހިވަޑައިގެން، މަޑުހިންގެވުމެއްގައި ކުރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ލޮންސިކޮޅުން އެތަނުގެ އަގުބޮޑު ދޫލަތައް ތޮރުފަމުން ވަޑައިގެން، ރުސްތުމްގެ ތަޚުތުގެ ކުރިމަތީގައި އިށީންނެވިއެވެ. [މިއީ ހާދަ ނާތަހުޒީބު މީހެކެވެ. ޢަރަބީންނަކީ ތަނެއްދޮރެއް ދަންނަ ބައެއް ނޫނެވެ.] ލޯއަޅަމުން އެތަނުގައި އެއްވެފައިވާ ރުސްތުމްގެ ބޮޑުން މަޑުމަޑުން ކިޔަންފެށިއެވެ. އެ މަންޒަރު ފެނިވަޑައިގެން މުޣީރާގެފާނު ރުސްތުމްއަށް ބައްލަވައިލައްވައިފައި، އެތަނުގައި ތިބި ބޮޑުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ.

[އޭ ނާތަހުޒީބު މީހުންނޭވެ! އަހަރެމެންނަށް ކަލޭމެންނާ ދޭތެރޭގައި ކުރެވުނީ ކުށް ހީއެކެވެ. އަހަރެމެން ހީކުރީ ކަލޭމެންނަކީ ބުއްދިވެރި، ވިސްނުންތޫނު، ރީތި ގޮތުގައި ޖަދަލުކުރަން ދަންނަ ބަޔަކު ކަމުގައެވެ. ނަމަވެސް އަހަރެން މިތަނަށް އައުމުން ކަލޭމެންގެ ކިބައިގައި ބުއްދިވެރިކަމުގެ ކަންފުޅެއްވެސް ނުވާކަން އެނގިއްޖެއެވެ. ކަލޭމެންނަށްވުރެ މޮޔަ ޤައުމެއްގެ ބަޔަކު މި ދުނިޔޭގައިވެސް ވާކަމެއް ނޭނގެއެވެ. ކަލޭމެން ތިޔަތިބީ ކަލޭމެންގެ ބޮޑުންގެ އަޅުވެތިކަމުގައެވެ. އަހަރެމެން ޢަރަބީން މިތިބީ ހަމަހަމަކަން މަތީގައެވެ. ދެރައެއް ނިކަމެއްޗެއް ފަރަގުކުރުމެއް ނެތިއެވެ. އަހަރެމެންގެ ވެރިޔެކޭ ޢާއްމު މީހެކޭ ތަފާތެއް ނެތެވެ. އަހަރެން ހީކުރީ ކަލޭމެން ކަލޭމެންގެ ދަށުގައިވާ މީހުންނަށް ކަންތައްކުރަނީ އަހަރެމެން ކަންތައް ކުރާގޮތަށް ހަމަހަމަކަން މަތީގައި ކަމަށެވެ. ނަމަވެސް ކަލޭމެންގެ ކަންތައް ހުރީ އެހެނެއް ނޫނެވެ. އެފަދަ ކަންތައްތަކަކީ އަހަރެމެންގެ ތެރޭގައި ޤަބޫލުކުރެވޭނެ ގޮތްތަކެއް ނޫނެވެ. އަހަރެމެންގެ އަމީރަކީ އަހަރެމެންގެ ތެރެއިން އެންމެ އަވަދިނެތި އުޅުއްވާ މީހާއެވެ. އެކަލޭގެފާނު އަބަދުވެސް އުޅުއްވަނީ މީސްތަކުންގެ ކަންތައްތަކުގައި އަވަދިނެތިއެވެ. އަހަރެމެން ޤަބޫލުކުރަނީ ވެރިކަމަކީ އިތުރު ޒިންމާއެއް ކަމަށެވެ. އިތުރު ބުރައެއް ކަމަށެވެ. އެ ކަމުގައި އަރާމެއް ފަސޭހައެއް ނެތެވެ.]

މިއަދު އޮންލައިން