ފަށްކުރުމެއް!: އަނބިންނާ އެއްތަށިން ކައިބޮއި ހެދުމަކީ ސަމާލުކަމާ ލޯބި އިތުރުވާކަމެއް! ސުންނަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ފަށްކުރުމެއް!: އަނބިންނާ އެއްތަށިން ކައިބޮއި ހެދުމަކީ ސަމާލުކަމާ ލޯބި އިތުރުވާކަމެއް! ސުންނަތެއް!

ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބި ކަނބަލުން ކަންވާރުގައި އަނގަފުޅު ޖައްސަވާ ތަނުގައި އަނގަފުޅު ޖައްސަވައިގެން ދިޔާ ތަކެތި ބައްލަވައިގަން ކަމުގައި ވެއެވެ: 

ޢާއިޝާ رضي الله عنها ރިވާކުރައްވާފައިވެއެވެ: 

"ތިމަން ކަމަނާ ޙައިޟުވެ ހުރެ (ދިޔާ ތަކެތި) ހިއްޕަވާ ކަމުގައި ވީމެވެ. އަދި ނަބިއްޔާ صلى الله عليه وسلم އަށް ތިމަން ކަމަނާގެ ކަންވާރު ދިއްކުރައްވަމެވެ. ފަހެ، (އެހިނދު) ތިމަން ކަމަނާ އަނގަފުޅު ޖެއްސެވި ތަނުގައި އެކަލޭގެފާނު އަނގަފުޅު ޖައްސަވައި (އެތަށިން) ހިއްޕަވައެވެ. އަދި ތިމަން ކަމަނާ ޙައިޟުވެ ހުރެ (ނަޢަމު ސޫފީގެ މަސް ކެއުމައްޓަކައި އޭގެ) ކަށީގައި އަނގަ ޖައްސަވަމެވެ. އެއަށް ފަހު ނަބިއްޔާ صلى الله عليه وسلم އަށް އެ ދިއްކުރައްވަމެވެ. ފަހެ، ތިމަން ކަމަނާ އަނގަފުޅު ޖެއްސެވި ތަނުގައި އެކަލޭގެފާނު (ވެސް) އަނގަފުޅު ޖައްސަވައެވެ"

. مسلم 300. 

އަދި އެހެން ރިވާޔަތެއްގައި ވެއެވެ: 

"ويشرب من فضل شرابي". النسائي 387

"އަދި ތިމަން ކަމަނާ ހިއްޕަވައި ބާކީވެފަ ހުންނަ (ފެން، ކިރު) ފޮދުން އެކަލޭފާނު ހިއްޕަވައެވެ".. 

ފަހެ، މިފަދަ ކުދިކުދި ކަންކަމުންވެސް އެކަލޭގެފާނު ބެއްލެވީ އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުންގެ ސަމާލުކަން ހޯއްދަވައި އެކަނބަލުންގެ ހިތްތަކުގައި އެކަލޭގެފާނަށް އޮންނަ ލޯބި އިތުރު ކުރެއްމައްޓަކައެވެ. އެހެނީ، ފިރިހެނުންނާ ޚިލާފަށް އަންހެނުންނަކީ މިފަދަ ކުދިކުދި ކަންކަމަށް ވެސް ނުހަނު ސަމާލުކަން ދޭ ބައެކެވެ. އެކަނބަލުންގެ ޠޮބީޢަތަކީ، ފިރިމީހާގެ ދުލުން ނިކުންނަ ކޮންމެކޮންމެ ކަލިމަކަށް ފާރަލާ ފަދައިން އޭނާގެ ފަރާތުން ފެންނި މިފަދަ ކުދިކުދި ޢަމަލުތަކުންވެސް އޭނާގެ ސަމާލުކަމާއި އަޅާލުމާއި ލޯބި ހޯދަން މަސައްކަތް ކުރުމެވެ. އެނާގެ އެކިއެކި ޙަރަކާތްތަކުން ލިބޭ މެސެޖުތަކަކީ ކޮބައިކަން ދެނެގަންނަން މަސައްކަތް ކުރުމުވެ. އެޙަރަކާތްތަށް މާނަ ކުރަން މަސައްކަތް ކުރުމެވެ. އެކޮށްލި ކަމުން އެލިބުނީ އޭނާ ތިމަންނަ ދެކެ ލޯބިވާ ކަމުގެ މެސެއްޖެއްތޯ، ނުވަތަ ކުރިން ވަމުން އައި ލޯބި މަދުވާ ކަމުގެ ނިޝާނެއްތޯ، ނުވަތަ ތިމަންނަ ދެކެ ފޫހިވާ ކަމުގެ އިޝާރާތެއްތޯއެވެ. މިފަދަ ޙަދީޘްތަކުން ފެނިގެން މިދަނީ ނަބިއްޔާ صلى الله عليه وسلم އެފަދަ ކަންކަމުގައިވެސް މިއުއްމަތަށް ނަމޫނާ ދައްކަވާފައިވާ ތަނެވެ.  

- އަދި ނުނިމޭ  

- ޝައިޚް ޒަމްޒަމް ފާރިޝް

 

 

މިއަދު އޮންލައިން