ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން ހުރިހާ އިންސާނުންވެސް ހައްދަވާފައިވަނީ އެއިލާހު ސުބުޙާނަހޫ ވަތަޢާލާ އެއްކައުވަންތަ ކޮށް، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހުރިހާ އަމުރުފުޅުތަކަށް ބޯލަނބައި އަދި އަޅުކަންކޮށް ހެދުމަށެވެ. އެކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި އެއިލާހުގެ ބަސްފުޅު ވަނީ ވަޙީކުރައްވާފައެވެ.
(وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ) سورة الذاريات: 56
މާނައީ: "އަދި ހަމަކަށަވަރުން ތިމަންއިލާހު، އިންސާނުންނާއި ޖިންނީން (ﷲއަށް) އަޅުކަންކުރުމަށް މެނުވީ ނުއުފައްދަވަމެވެ."
މިތަނުގައި އައިސްފައިވާ އަޅުކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އެކަނިކުރެވޭ އަޅުކަމުގެ ވާހަކައެވެ. އެއީ ޝަރުޢީގޮތުން ﷲއާއި އެއްވެސް އެއްޗެއް ބައިވެރިކޮށްފިނަމަ އެއީ ޤަބޫލުވެވިގެންވާ އަޅުކަމަކަށް ނުވާނެއެވެ.
ތަފުސީރު އިބުނު ކަޘީރުގައި މިއާޔަތުގެ ތަފުސީރުގައި ބަޔާންވެފައިވެއެވެ. “އަޅުކަމުގެ ތެރޭގައި ފައިދާކުރަނިވި އަޅުކަމާއި ފައިދާނުކުރަނިވި އަޅުކަން ވެއެވެ. (މިސާލަކީ ﷲގެ މިބަސްފުޅެވެ.) وَلَئِن سَأَلْتَهُم مَّنْ خَلَقَ السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّـهُ (سورة لقمان:25) (މާނައީ: އަދި އެބައިމީހުންނާއި(މައްކާގެ މުޝްރިކުންނާއި) ކަލޭގެފާނު(މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ)، އުޑުތަކާއި ބިން ހެއްދެވީ ކޮންފަރާތެއްތޯ ސުވާލުކުރައްވައިފިނަމަ އެބައިމީހުން ބުނާނެއެވެ. ﷲއެވެ.) އެއީ އެމީހުންގެ ކިބައިން އަޅުކަމެކެވެ. އެކަމަކު ޝިރުކާއި އެކު އެއްވެސް ފައިދާއެއް ނުކުރެއެވެ." އިބުނު ކަޘީރުގެ ތަފުސީރުން.
(އިބުނު ކަޘީރަކީ ޝާފިޢީ މަޒުހަބުގެ، އެންމެ މުހިންމު އެންމެ ތަފުސީރު ލިޔުއްވާފައިވާ ވަރަށް ބޮޑު ޢިލްމުވެރިޔެކެވެ.)
އެހެނީ ﷲއަށް ކުރާ އަޅުކަން އަޅުކަމަކަށް ވަނީ އެއިލާހަށް އެކަނިކުރެވިގެންނެވެ. މައްކާގެ މުޝްރިކުން ﷲ ސުބުޙާނަހޫ ވަތަޢާ އުޑުތަކާއި ބިން ހެއްދެވި ކަމަށް ޤަބޫލުކުރި ކަމުގައިވިޔަސް، އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުގެ ސަބަބުން އެބައިމީހުންވީ ނަރަކައަށް ވަންނަން ޖެހުނު ބައެއްކަމުގައެވެ.
އެންމެ ބޮޑުވެގެންވާ ފާފައަކީ މިފާފައެވެ. އެއީ ﷲއާއި އެއްޗެއް ބައިވެރިކުރުމެވެ. ޝަރީކުކުރުމެވެ. އެއްވެސް ގޮތަކަށް ޝިރުކުކޮށްފިނަމަ އެހާލުގައި ހުރެ މަރުވެއްޖެނަމަ އެމީހެއްގެ ކިބައިން އެކަން ނުފުއްސެވޭނެއެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ، وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا) سورة النساء 116.
މާނައީ: "ހަމަކަށަވަރުން اللَّه، އެކަލާނގެއަށް ޝަރީކުކުރުމުގެ ފާފައެއް ނުފުއްސަވާނެއެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. اللَّه އަށް ޝަރީކުކުރާމީހާ ބޮޑުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ."
އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ ) سورة المائدة: 72
މާނައީ: "ހަމަކަށަވަރުން اللَّه އަށް ޝަރީކުކުރާ މީހާ ދަންނާށެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމްކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެތަނަކީ ނަރަކައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ﷲގެ ޙަޟްރަތުގައި އެންމެ ބޮޑު ފާފައަކީ ކޮބައިތޯ ޢަބްދުﷲ ބިން މަސްޢޫދު ސުވާލުކުރެއްވިއެވެ. ޙަދީޘްކުރެއްވިއެވެ. (أَنْ تَجْعَلَ لِلَّهِ نِدًّا وَهُوَ خَلَقَكَ) މާނައީ؛ "ﷲ ތިބާ ހެއްދެވި ހިނދުގައި، އެއިލާހާ އެއްވެސް އެއްޗެއް ބައިވެރިކުރުމެވެ. (ޝަރީކު ކުރުމެވެ.)" (ޞަޙީޙް މުސްލިމުގެ، 141 ވަނަ ޙަދީޘް)
ޝާފިޢީ މަޒުހަބުގެ އެންމެ ބޮޑު ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިމާމު ނަވަވީ ރަޙިމަހުﷲ މި ޙަދީޘްގެ ބާބުގެ ނަމަކަށް ޞަޙީޙް މުސްލިމުގެ ޝަރަޙައިގައި މިފަދައިން ވިދާޅުވެފައިވެއެވެ. "ޝިރުކަކީ އެންމު ނުބައިވެގެންވާ ފާފައެވެ."
- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުގެ ލިޔުއްވުމަކުން