ފަށްކުރުމެއް!: ރަސޫލް ޞޢޥ ގެ ކައިވެނިފުޅުތަކަށް ނުބައި ތުހުމަތު ހީކުރަންވެސް ހެޔޮނުވާނެ! ކޮންމެ ކައިވެނިފުޅަކީވެސް ﷲ ތަޢާލާގެ ވަޙީން އަމުރުކުރެއްވުމުން ކުރައްވާފައިވާ ކައިވެނިފުޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 39ސ
ފަށްކުރުމެއް!: ރަސޫލް ޞޢޥ ގެ ކައިވެނިފުޅުތަކަށް ނުބައި ތުހުމަތު ހީކުރަންވެސް ހެޔޮނުވާނެ! ކޮންމެ ކައިވެނިފުޅަކީވެސް ﷲ ތަޢާލާގެ ވަޙީން އަމުރުކުރެއްވުމުން ކުރައްވާފައިވާ ކައިވެނިފުޅެއް!

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނބަލުން 

އަޅުގަނޑުމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަ ބޭކަނބަލުންތަކަކާއި ކައިވެނިބެއްލެވިއެވެ.  އެ ބޭކަނބަލުންތަކަކީ ލޮބުވެތި މާތް ނަބިއްޔާގެ އަނބިއަނބިކަނބަލުންނަށް ވުމަށް ﷲ ތަޢާލާ ޚިޔާރުކުރައްވާފައިވާ ޠާހިރު ބޭކަނބަލުންތަކެކެވެ. އަދި އެކަލޭގެފާނު ކުރެއްވި ކޮންމެ ކައިވެނިފުޅަކީ ﷲ ތަޢާލާގެ ވަޙީއިން އެކަން ކުރުމަށް އަމުރުކުރެއްވުމުން އެކަލޭގެފާނު ކުރައްވާފައިވާ ކައިވެނިފުޅުތަކެކެވެ.  

ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

(وَالطَّيِّبَاتُ لِلطَّيِّبِينَ وَالطَّيِّبُونَ لِلطَّيِّبَاتِ ) 

މާނައީ: " ރަނގަޅު އަންހެނުން ރަނގަޅު ފިރިހެނުންނަށެވެ. ރަނގަޅު ފިރިހެނުން ރަނގަޅު އަންހެނުންނަށެވެ.  " سورة النور 26.   

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا )

މާނައީ : " ދެންފަހެ، ޒައިދުގެފާނު އެކަމަނާގެ ފަރާތްޕުޅުން

ބޭނުންފުޅު ނިމުމުން ތިމަންރަސްކަލާނގެ، ކަލޭގެފާނާ އެކަމަނާއާ ކާވެނިކޮށްދެއްވީމެވެ." سورة الأحزاب 37 . 

ދުނިޔޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބިކަންބަލުންނަކީ ސުވަރުގޭގައިވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނެވެ. އަދި މި ބޭބޭކަނބަލުންގެ ޢަދަދަކީ 11 އެވެ.

ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ އެންމެފުރަތަމަ ކައިވެނިބެއްލެވީ ޚަދީޖާ ބިންތު ޚުވަލިދު –ރަޟިޔަﷲޢަންހާ- އާއެވެ. އެކަމަނާއަކީ އުއްމުލް ޤާސިމެވެ. ނުވަތަ ޤާސިމްގެ މަންމާފުޅެވެ. އަދި އެކަމަނާ އަވަހާރަފުޅުވަންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އާއެކީ 25 އަހަރު ދިރިއުޅުއްވިއެވެ. އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބެއްލެވީ އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިންނެވެ. އަދި އެކަމަނާ އަވަހާރަވީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަދީނާއަށް ހިޖުރަކުރެއްވުމުގެ 3 އަހަރު ކުރިންނެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް 50 އަހަރުފުޅެވެ. 

ޚަދީޖާ ރަޟިޔަﷲޢަންހާ އަވަހާރަވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކައިވެނިބެއްލެވީ ސަވްދާ ބިންތު ޒަމްޢަތު ރަޟިޔަﷲޢަންހާ އާއެވެ. އެކަމަނާ އާ އެކަލޭގެފާނު ކައިވެނިބެއްލެވީ އެކަމަނާ ހުވަފަތް ހާލުކޮޅުގައި ވަނިކޮށެވެ. 

ސަވްދާ ބިންތު ޒަމްޢާ އާ ކައިވެނިބެއްލެވުމަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެން ކައިވެނިބެއްލެވީ ތެދެވެރި ކަލޭގެފާނު އަބޫބަކުރުއް ޞިއްދީޤު ރަޟިޔަﷲޢަންހުގެ ތެދުވެރި ދަރިކަނބަލުން ޢާއިޝާ ބިންތު އައްޞިއްދީޤާ އާއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމަނާއާއި ކައިވެނީގެ ޢަޤުދުފުޅުކުރެއްވީ އެކަމަނާގެ ޢުމުރުފުޅުން 7 އަހަރުގައެވެ. އަދި އެކަމަނާ އެކަލޭގެފާނުގެ ގެކޮޅަށް ގެންދެވުނީ އުމުރުފުޅުން 9 އަހަރުފުޅުގައެވެ. މިކައިވެނިފުޅަކީ ﷲ ތަޢާލާގެ އަމުރުފުޅަށް އެކަލޭގެފާނު ކުރެއްވީ ބަރަކާތްތެރި ކައިވެނިފުޅެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ މިޒަމާނާއި ހަމަޔަށް އިތުރު އެކަލޭގެފާނަށް ފުރައްސާރަކުރުމުގެ ގޮތުން މުނާފިޤުން ދައްކަމުންގެންދާ ވާހަކަތަކަކީ ދޮގުވާހަކަތަކެކެވެ. ޢާއިޝާ ބިންތު އައްޞިއްދީޤާ އަކީ އެކަލޭގެފާނު ކައިވެނިބެއްލެވި ހަމައެކަނި ބިކުވެރި ބޭކަނބަލާވެސްމެއެވެ. 

ޢާއިޝާ ރަޟިޔަﷲޢަންހާ އާއި ކައިވެނިބެއްލެވުމަށްފަހު ދެން އެކަލޭފާނު ކައިވެނިބެއްލެވީ ޙަފްޞާ ބިންތު ޢުމަރު ބުނުލް ޚައްޠާބު އާއެވެ. އެކަމަނާއާ އެކަލޭގެފާނު ކައިވެނިބެއްލެވީ އެކަމަނާ ހުވަފަތް ޙާލުކޮޅުގައި ވަނިކޮށެވެ. 

ޙަފްޞާ ރަޟިޔަﷲޢަންހާ އާ ކައިވެނިބެއްލެވުމަށްފަހު ދެން އެކަލޭގެފާނު ކައިވެނިބެއްލެވީ އުއްމު ޙަބީބާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާއަކީ ރަމްލާ ބިންތު އަބީ ސުފްޔާންއެވެ. އެކަމަނާ ޙަބުޝްކަރަޔަށް ހިޖުރަކުރެއްވުމަށްފަހު އެކަމަނާގެ ފިރިމީހާ މުރުތައްދުވެ އިސްލާމްދީން ދޫކުރިއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމަނާއާ ކައިވެނިބެއްލެވިއެވެ. 

ދެން އެކަލޭގެފާނު ކައިވެނިބެއްލެވީ އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ އާއެވެ. އެކަމަނާއަކީ ހިންދު ބިންތު އަބީ އުމައްޔާ އެވެ. އެކަލެގެފާނު އެކަމަނާއާއި ކައިވެނިބެއްލެވީ އެކަމަނާ ހުވަފަތް ޙާލުކޮޅުގައި ވަނިކޮށެވެ. 

ދެން އެކަލޭގެފާނު ކައިވެނިބެއްލެވީ ޒައިންބު ބިންތު ޖަޙްޝް އާއެވެ. އެކަމަނައަކީ އެކަލޭގެފާނުގެ ބައްޕާފުޅު ފަރާތު ބޮޑުދައިތާފުޅުއްގެ ދަރިކަނބަލެކެވެ. އެކަމަނާ އާއި ކައިވެނިބެއްލެވީ އެކަލޭގެފާނުގެ އަޅެއްކަމުގައިވާ ޒައިދް ބިން ޙާރިޘާ އާއި އެކަމަނާ ކައިވެނި ކުރެއްވުމަށް ފަހުގައެވެ. ޒައިދް ރަޟިޔަﷲ ޢަންހު އެކަމަނާ ވަރިކުރެއްވުމަށްފަހު އެކަމަނާއާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކައިވެނިކޮށްދެއްވީ އުޑުން ﷲ ތަޢާލާއެވެ. އަދި އެކަލޭގެފާނު މި ކައިވެނިފުގެ ޢަޤްދު ނުކުރައްވައެވެ. މި ކައިވެންޏަކީ ރަނެއް ވަލީވެރިއެއް ހެކިންނެއް ނެތި ހަމައެކަނި ﷲ ތަޢާލާ ކޮށްދެއްވި ކައިވެންޏެކެވެ.

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ކައިވެނިބެއްލެވީ ޒައިނަބް ބިންތު ޚުޒައިމާ އަލްހިލާލިއްޔާ އާއެވެ. އެކަމަނާއާ ކައިވެނިބެއްލެވީ އެކަމަނާގެ ފިރިކަލުން އުޙުދު ހަނގުރާމައިގައި ޝަހީދުވެވަޑައިގަތުމުންނެވެ. އެކަމަނާ އެކަލޭގެފާނާ އެކީ 2 މަސް ނުވަތަ 3 މަސް ވަންދެން މެނުވީ  ދިރިނުއުޅުއްވައެވެ. އެއަށްފަހު އެކަމަނާ އަވަހާރަވިއެވެ. 

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެން ކައިވެނިބެއްލެވީ ޖުވައިރިއްޔާ ބިންތު އަލްޙާރިޘް ރަޟިޔަﷲޢަންހާ އާއެވެ. އެކަމަނާއަކީ ބަނީ އަލްމުޞްޠަލަޤު ވަންހައިގެ ބޭކަނބަލެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަމަނާއާ ކައިވެނިބެއްލެވީ ބަނިލްމުޞްޠަލަޤު ހަނގުރާމައިގައި އެކަމަނާ އަސީރާ އަކަށް ވެވަޑައިގަތުމަށްފަހުގައެވެ. 

ދެން އެކަލޭގެފާނު ކައިވެނުބެއްލެވީ ޞަފިއްޔާ ބިންތު ޙުޔައްޔު ބިން އަޚްޠަބު އައްނަޟަރިއްޔާ އާއެވެ. އެކަމަނާއަކީ މޫސާ ޢަލައިހިއްސަލާމްގެ އަޚް ހާރޫން ޢަލައިހިއްސަލާމްގެ ދަރިކޮޅުގެ ބޭކަނބަލެކެވެ. އެކަމަނާ ކުރިން ކައިވެނިބައްލަވައިގެން އުޅުއްވީ ކިނާނަތު ބުން އަބީ އަލްޙުޤައިޤު އާއެވެ. އޭނާ ޤަތުލުވީ ޚައިބަރު ހަނގުރާމައިގައެވެ. 

ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ދެން ކައިވެނިބެއްލެވީ މައިމޫނާ ބިންތު އަލްޙާރިޘް އާއެވެ. އެކަމަނާ އަކީ މުއުމިނުންގެ މަންމާފުޅުންގެތެރެއިން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެންމެ ފަހުން ކައިވެނިބެއްލެވި ބޭކަނބަލާއެވެ.

މަތީގައި ބަޔާންބެދިޔަ 11 ބޭކަނބަލުންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިއަނބިކަނަބަލުންނަށް ވުމަށް، ﷲ ތަޢާލާ މިއުއްމަތުގެ ތެރެއިން ޚާއްޞަ ކުރައްވައި ހޮއްވެވި ބޭބަކަންބަލުންތަކެކެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި މިއުއްމަތުގެ ކޮންމެ ފިރިހެންނަކަށްވެސް އެއްވަގުތަކާއި ކައިވެނިކޮށްގެން އުޅުން ހުއްދަވެގެންވަނީ 4 އަންހެނުންނާއެވެ. އެހެން ނަމަވެސް އެކަލޭގެފާނަށް 4 އަނބިކަނބަލުންނަށްވުރެ އިތުރަށް ކައިވެނިބެއްލެވުން ﷲ ތަޢާލާ ހުއްދަކުރައްވާފައިވަނީ ވަރަށްމަތިވެރި ޙިކުމަތްތަކަކަށްޓަކައެވެ. އަދި މިޙިކުމަތްތައްވެސް ޢިލްމުގެ އަހުލުވެރިންވަނީ ބަޔާންކޮށްދެއްވާފައެވެ.

 

- އައްޝައިޚް އަޙްމަދު މިޙްސަން މުޙައްމަދު

 

މިއަދު އޮންލައިން