ޢާއިޝަތު ރަފާޙް ޢަލީ
އަހަރެމެންގެ އަތުގައި އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ނެތް ޙާލު، ދަރަނިތައް ނުދައްކާ ހުއްޓާ މަރުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި، ކޮންމެ އިންސާނަކުވެސް (އޭނާގެ ދަރަނީގެ ސަބަބުން) ހިފެހެއްޓިގެންވެއެވެ. މާނައަކީ އޭނާގެ ބޯމަތީގައިވާ ކޮންމެ ދަރަންޏަކަށް އޭނާ ޒިންމާވާންޖެހޭނެއެވެ. އެހެންކަމުން އެ ދަރަނި ސާފުކޮށް (ދައްކާ) ނިމެންދެން އޭނާއަކީ އެކަމަށް ޖަވާބުދާރީވާންޖެހޭނެ މީހެއްކަމުގައި ބެލެވޭނެއެވެ.
މިއީ ކަށުނަމާދު ކުރުމަށްޓަކައި ނަބިއްޔާ ﷺ ގެ އަރިހަށް މައްޔިތަކު ގެނެވޭ ހިނދު، އެންމެ ފުރަތަމަވެސް އެކަލޭގެފާނު ކުރައްވާ ސުވާލަކަށް "އޭނާ ނަގާފައިވާ އެއްވެސް ދަރަންޏެއް އެބައޮތްތޯ؟" ނުވަތަ "އޭނާ މަރުވީ ދަރަނިވެރިއެއްގެ ގޮތުގައިތޯ؟" ވީ ސަބަބެވެ. އެބޭކަލުން "އާއެކޭ" ދަންނަވައިފިނަމަ، ނަބިއްޔާ ﷺ ޙަދީޘްކުރައްވަނީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ އަޚާގެ މައްޗަށް ކަށުނަމާދު ކުރާށެވެ، ތިމަންކަލޭގެފާނު ނަމާދެއް ނުކުރައްވާނަމެވެ."
އެކަލޭގެފާނު އެފަދައިން ކަންތައް ކުރެއްވީ މީސްމީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގައި، އެ ނުދައްކާ ތިބޭ ތިބުން ކުށްވެރިކުރައްވައި، މީހުން އެކަމުން ދުރުހެލިކުރެއްވުމަށެވެ.
އަދި ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: "ޝަހީދެއްގެ ހުރިހާ ފާފައެއް ﷲ ފުއްސަވައިދެއްވައެވެ، ދަރަނި ފިޔަވައެވެ." މިއިން އެނގެނީ ޝަހީދެއްގެ ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ﷲ ފުއްސަވައިދެއްވި ކަމުގައިވިޔަސް، ދަރަނީގެ މައްސަލަ އިސްތިސްނާވާ ކަމެވެ.
ނަމަވެސް، މީހަކު ފައިސާ ދެއްކުމުގެ ހެޔޮ ނިޔަތުގައި ދަރަންޏަށް ފައިސާ ނަގައި، އެކަމަކު އެ ދައްކާނެ ތަނަވަސްކަމެއް ނުލިބި ނުވަތަ އެކަމަށް ނުކުޅެދިގެންވަނިކޮށް މަރުވެއްޖެނަމަ، އަޅުގަނޑުމެން ﷲ ގެ ހަޟްރަތުގައި ދުޢާކުރަނީ ކުރިން އެ ބަޔާންކުރެވުނު ޙަދީޘްގެ އިންޒާރުގެ ތެރޭގައި އެމީހަކު ހިމެނިގެންނުވުމަށެވެ. އަދި އެކަލާނގެ ފަޟްލުވަންތަކަމާއި ރަޙްމަތްފުޅުން އެމީހެއްގެ ދަރަނި އަދާކޮށްދެއްވެވުމަށެވެ (ނުވަތަ ފުއްސަވައިދެއްވުމަށެވެ).
އެހެންކަމުން، (ޢަޛާބުގެ) އިންޒާރު އޮތީ ދަރަނި ދެއްކުމުގެ ކުޅަދާނަކަން ހުރެމެ، އެ ނުދައްކާ ތިބޭ މީހުންނަށެވެ. ނުވަތަ ދަރަނި ނުދެއްކުމުގެ ނުބައި ނިޔަތުގައި، މީސްމީހުންގެ މުދަލާއި ފައިސާ ގަޞްދުގައި އަތުލައި، އެ ނުދައްކަން އުޅޭ މީހުންނަށެވެ. ޤިޔާމަތް ދުވަހުން އަޒާބު ލިބޭނެ މީހުންނަކީ އެއީއެވެ.
ޝައިޚުގެ ބަސްފުޅު ނިމުނީ
ކަމެއް ޖެހޭއިރަށް ދަރަންޏަށް ފައިސާ ނުވަތަ ތަކެތި ނަގަން އަވަސްވެނުގަންނާށެވެ. ޒަރޫރީ ބޭނުމަކަށްޓަކައި ދެން އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނިވެރިނުވާށެވެ! އެއީ ކުރަން ކިހާބޮޑު ކަމެއްކަން ޝައިޚުގެ ބަސްފުޅުން އެއޮތީ ފެންނާށެވެ!