ޛިކުރުކުރުމާ ޛިކުރުކުރާ މަޖިލިސްތަކުގަ ބައިވެރިވުން-: ތިބާގެ ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ ސަމާލުކަންދޭންވީ އެންމެ މުހިންމު ކަންތައް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޛިކުރުކުރުމާ ޛިކުރުކުރާ މަޖިލިސްތަކުގަ
ބައިވެރިވުން-: ތިބާގެ ދުނިޔެއާ އާޚިރަތުގެ ކާމިޔާބީއަށް އެދޭމީހާ
ސަމާލުކަންދޭންވީ އެންމެ މުހިންމު ކަންތައް-!


އިންސާނުން އުފައްދަވައި ހުރިހާ ނިޢްމަތްތަކެއް މިންވަރުކުރައްވަވަނީ ﷲ ތަޢާލާއެވެ. އަދި މަލާއިކަތުންވެސް އުފެއްދެވީ ވެސް ހަމަ ﷲ ތަޢާލާއެވެ! އުޑުތަކާއި ދުނިޔެއާއި އެންމެހައި ކާއިނާތުތަކާއި އެތަންތަނުގައި ވާހައި ތަކެއްޗެއްގެ މިލްކުވެރިފަރާތަކީވެސް ހަމަ ﷲ ތަޢާލާ އެވެ. ދުނިޔޭގެ ޙަޔާތާއި ބަރުޒަޚްގެ ޢާލަމާއި އަދި ޤިޔާމަތް ދުވަހުގެ އެންމެހައި މިލްކުވެރިކަމާއި އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީވެސް ހަމަ ﷲ ތަޢާލާއަށެވެ. ސުވަރުގެ ދެއްވެވުމާއި ނަރަކައަށް ވެއްދެވުންވަނީ ވެސް ހަމަ ﷲ ތަޢާލާއަށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އެފަދަ މަތިކަން ލިބިވޮޑިގެންވާ ﷲ ތަޢާލާ ތިބާއާއިމެދު ރުހިވޮޑިގެން އެކަލާނގެ ފަޚުރުވެރިވެވޮޑިގަންނަވާ އަޅަކަށްވުމަކީ ވަރަށް ފަސޭހައިން ޙާޞިލުކުރެވެން އޮތް ނިޢްމަތެކެވެ! މަސައްކަތްކުރަންވީ އެފަދަ މީހަކު ކަމުގައިވެވޭތޯއެވެ!  

އިންސާނުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަމަލުތައް ކުރުމުން އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ މަލާއިކަތުންނާއި ދައްކަވައެވެ. މާނައަކީ އެކަން މަލާއިކަތުންނަށް އަންގަވަތެވެ! އެކަން އަހަރެމެންނަށް ނުއެނގެނީއެވެ. ނުފެންނަނީއެވެ. ނަމަވެސް އެއީ ހިނގަމުންދާ ކަމެކެވެ. ސުވާލަކީ އިންސާނުން ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަމަލުތައް ކުރުމުން އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަމުގެ ވާހަކަ މަލާއިކަތުންނާއި ދައްކަވަނީ ކީއްވެތޯއެވެ؟  

މިކަމުގެ ތަފްޞީލްތައް ތަފްސީރު ޢިލްމުވެރިން ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ އިންސާނުން އުފައްދަވައި ބިމުގައި ލައްވަވަން އުޅުއްވަވާ ކަމުގެ ޚަބަރު މަލާއިކަތުންނަށް ދެއްވެވުމުން ބިމުގައި ﷲ ތަޢާލާއަށް އުރެދި ފަސާދަ ކުރާނެ ބައަކު ލައްވަވަނީތޯ މަލާއިކަތުން ވަނީ ސުވާލު ކުރައްވަވައިފައެވެ. ޖަވާބު ދެއްވަވަމުން ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މަލާއިކަތުންނަށް އެނގިވަޑައި ނުގަންނަވާ ކަންކަން ތިމަން ﷲ ދެނެވޮޑިގެންވާ ކަމަށެވެ.

 ވީމާ މީސްތކުން ހެޔޮ އަމަލުތައްކޮށް ﷲ ތަޢާލާއަށް

ޛިކުރުކުރުންމަތީގައި ތިބޭވަގުތު އެކަމަށް ފަޚުރުވެރިވެވޮޑިގެން އެކަން މަލާއިކަތުންނަށް އަންގަވަނީއެވެ. ޚާއްޞަކޮށް ގިނަ ބައަކު އެއްތަނަކަށް އެއްވެ ޛިކުރުކުރާނަމަ އެކަމަށް ބޮޑަށް ފަޚުރުވެރިވެވޮޑިގަންނަވައެވެ. އަދި މަލާއިކަތުންނަށް ވަޙީކުރައްވަވަތެވެ. "ނިކަން ދެކިބަލާށެވެ. މީސްތަކުން އެތިބަ ތިމަން ﷲގެ މަތިން ހަނދުމަކޮށް ޛިކުރުކުރަނީއެވެ."

މިކަމުން ވެސް އެނގިގެންދަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ޛިކުރުކުރާ މަޖިލިސްތަކުގައި ބައިވެރިވުމުގެ މުހިންމުކަމެވެ. ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާ އަޅުންގެ ތެރޭގައި ހިމެނުމަށް ގަދައަޅައި އެފަދަ މަޖިލިސްތަކުގައި ބައިވެރިވަން މަސައްކަތްކުރާށެވެ. ދީނީ ނަޞޭޙަތްދޭ މަޖިލިސްތަކުގަ އާއި ދުޢާކުރާ މަޖިލިސްތަކުގައި ގިނަގިނައިން ބައިވެރިވާށެވެ. ޖަމާޢަތުގައި ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢާލާގެ ފަޚުރުވެރިވެވޮޑިގަތުން އެމީހަކަށް ލިބިއްޖެ މީހަކަށްވުރެ ބޮޑު ބާއްޖަވެރިއަކީ ކާކު ހެއްޔެވެ؟ ވީމާ އެފަދަ ބާއްޖަވެރިންގެ ތެރޭގައި ވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން