"ދަތި އުނދަގޫ ހާލަތަކީ ކަނު އަނދިރިކަން ފަދަ
ކަމެކެވެ. ކަމެއް ދިމާވުމުން މާޔޫސްވެވި ގޮތްހުސްވެއްޖެ ކަމަށް ވިސްނެނީ ތިމާއަށް ކުރިމަތިވާނެ ކަންކަން ނުއެނގޭތީއެވެ. އެ ޙާލަތުގައި މުޅި ދުނިޔެ ބަންދުވެފައިވާ ކަމަށް އިޙްޞާޞް ކުރެވޭނެއެވެ.
އެފަދަ ކޮންމެ ވަޤުތަކީވެސް އިންސާނާ ﷲ ތަޢާލާ އާއި ކުއްތަންވުމަށް އެންމެ ގަދައަޅައި މަސައްކަތްކުރަންވީ ވަގުތެވެ. ﷲ ތައާލާއަށް ވަކީލުކޮށް ތިމާއަށް ދެރަވާނެ ގޮތަކަށް ﷲ ތަޢާލާ ކަންކަން ނުނިންމަވާނެ ކަމަށް އިތުބާރުކުރަންވީ ވަގުތެވެ.
މި ގޮތަށް އަމަލުކޮށްފިނަމަ އެ ޙާލަތުން އެމީހަކު ﷲ ތަޢާލާ ސަލާމަތްކޮށްދެއްވަވާނެތެވެ. ހިތަށް ހަމަޖެހުން ލިބޭނެ ގޮތަށް ކަންކަން މެދުވެރި ކުރައްވަވާނެތެވެ! އިން ޝާ ﷲ. ޔަޤީންކުރާށެވެ! ރޭގަނޑުވުމުން އަނދިރިވެފައި ފަތިސްވުމުން އަލިވާކަން އަންގައިދެނީ އަނދިރިކަން އަބަދަށް ދެމިނުއޮންނާނެކަމެވެ. ހިތްދަތިކަމާއި ތަކްލީފްތަކަކީވެސް ހަމަ މިފަދަ ކަމެކެވެ. ވަޤުތު ޖެހުމުން ފިލައިގެންދާނެއެވެ. އެއްވެސް މީހަކީ އަބަދު ތަކްލީފްތައް އުފަލަންޖެހޭނެ މީހަކަށް ނުވާނެއެވެ. އިން ޝާ ﷲ"
– މުފްތީ މެންކް
މުފްތީ މެންކުގެ މި ބަސްފުޅުން އެނގިގެންދަނީ ދަތި އުނދަގޫ ހާލަތުގައި ﷲ ތަޢާލާ އަށް ވަކީލުކުރާ މީހުންނަށް އެކަލާނގެ ހެޔޮ ގޮތްތައް މިންވަރު ކުރައްވަވާނެ ކަމެވެ. ވީމާ ކުރަން އޮތް ކަމަކީ ކޮންމެ ވަގުތަކު ވެސް ދަތި އުނދަގޫ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ވިސްނައި އެފަދަ ޙާލަތެއް ކޮންމެ ވަގުތަކު މެދުވެރިވި ނަމަވެސް ﷲ ތަޢާލާއަށް ވަކީލު ކުރެވޭނެ ގޮތަށް މީހާގެ އަމަލުތައް އަބަދުވެސް ސީދާކޮށްފައި ބެހެއްޓުމެވެ.
ތިމާޢަށް ހަމަޖެހުން ލިބުމުން ނުވަތަ އުމުރުން ދުވަސްވުމުން ތައުބާވާން މަޑުނުކޮށް އަބަދުވެސް ތައުބާވެ ހެޔޮ ޢަމަލުތައް ކުރާ މީހަކަށްވެގެން ނޫނީ ހަމައެކަކަށްވެސް ސަލާމަތްކަމެއް ނެތެވެ.