ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ - 7

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ - 7

- ޢަލީ އިޙްޞާން ފިރާޤް

ދުޝްމިނުންގެ ޢަސްކަރީ ބާރު

ޢިރާޤާއި މަދާއިނު އޮތީ ދިޖުލަތު ކޯރުގެ އައްސޭރީގައެވެ. އެތަނުން ރުސްތުމް އޭނާގެ ލަޝްކަރާއެކު ދެކުނަށް ދަތުރުކުރަމުން ގެންދިޔައެވެ. އޭނާ ދަތުރުކުރަމުން ގޮސް މަންޒިލުކުރީ كُوثَا އޭ ކިޔުނު ތަނުގައެވެ. އެއީ ބާބިލާއި މަދާއިނާ ދެމެދުގައި އޮންނަ ތަނެކެވެ. ބައެއް ރިވާޔަތްތަކުގައިވާ ގޮތުން ސަލާމްލެއްވި އިބްރާހީމްގެފާނު އުފަންވެވަޑައިގަތީ އެތަނުގައެވެ. ރުސްތުމުގެ ގާތުގައި އެއްލައްކަ ހަތިޔާރުއެޅި ހަނގުރާމަވެރިން ތިއްބެވެ. އޭނާ ހުރީ އޭނާގެ ލަޝްކަރުގެ ވަރުގަދަކަމުން ފަޚުރުވެރިވެފައެވެ. ހަނގުރާމަ ނުފެށެނީސް ހަނގުރާމައިގެ ކާމިޔާބު ލިބޭނެކަމުގެ އުއްމީދުތަކުން އޭނާގެ ސިކުނޑިވަނީ މަސްތުކޮށްފައެވެ.

ރުސްތުމް އެތަނުގައި މަންޒިލުކޮށްގެން ހުރިއިރު އެތަނަށް އައި ޢަރަބި މީހަކާ ދިމާވެއްޖެއެވެ. ރުސްތުމް އޭނާކުރެ އޭނާ އެތަނަށް އައީ ކީއްވެތޯ ސުވާލުކުރިއެވެ. އޭނާ ބުންޏެވެ. [އަހަރެމެން މިއައީ ކަލޭމެންގެ ޤައުމު ހޯދާށެވެ. ރަނގަޅަށް އަޑުއަހާށެވެ. ﷲ ވަޢުދުވެވޮޑިގެންފައިވާ ގޮތުގެ މަތީން ކަލޭމެންގެ އަތުން ކަލޭމެންގެ ޤައުމު ހޯދާށެވެ.]

ރުސްތުމް މަލާމާތުގެ ރާގެއްގައި ބުންޏެވެ. [އެހެންވެއްޖެނަމަ އަހަރެމެންނަށް ކަލޭމެންގެ އަތުން ލައްކަ ނިކަމެތިކަމާއި ލަދުވެތިކަން އުފުލަންޖެހޭނެތާއެވެ.]

ޢަރަބި މީހާ ޖަވާބުދިނެވެ. [ކަލޭމެންގެ ޤައުމުގެ މީހުންގެ މައްޗަށް ޖެހޭނެހާ ނިކަމެތިކަމެއް ޖެހެނީ ކަލޭމެންގެ ޢަމަލުތަކުގެ ސަބަބުންނެވެ. އެ ކަމަކީ ކަލޭމެންގެ ތަޤުދީރުގައި ލިޔެވި ނިމިފައިވާ ކަމެކެވެ. ލަޝްކަރު ބޮޑުވެގެން އެ ކަމާ ފަޚުރުވެރިވުމަކީ މޮޔަކަމެކެވެ. ކަލޭމެން ހަނގުރާމައަށް ތިޔަދަނީ ހަމައެކަނި އިންސާނުންނާ ހަނގުރާމަކުރާކަށެއް ނޫނެވެ. ކަލޭމެންގެ ތަޤުދީރުގައި ލިޔެވިފައިވާ ކަމެއް ހޯދުމަށްވެސްމެއެވެ.]

އެ ޢަރަބި މީހާގެ ވާހަކަތައް އަޑުއަހައިފައި ރުސްތުމް ރުޅިއައިސް ފުފިއްޖެއެވެ. ވަގުތުން އެ މީހާގެ ބޯކަނޑާލުމަށް އަންގައިފިއެވެ.

ރުސްތުމް ދަތުރުކުރަމުން ގޮސް بُرْس އޭ ކިޔުނު ރަށަކާ ހިސާބަށް ދެވިއްޖެއެވެ. އެ ރަށަކީ ކޫފާއާއި ޙިއްލާއާ ދެމެދުގައި އޮންނަ ރަށެކެވެ. އެ ރަށާ ހަމައަށް ދެވުމުން ލަޝްކަރުގެ ސިފައިން އެ ރަށް އެކޮށް ލޫޓުވައިލައިފިއެވެ. އެ ރަށުގެ އަންހެންވެރިންގެ އިއްފަތްތެރިކަން ނަގައިލައިފިއެވެ. އެ ރަށުގެ އަހުލުވެރިން އެ ކަމުގެ ޝަކުވާއާއިގެން ރުސްތުމްގެ ގާތަށް ދިޔުމުން އޭނާ ބުންޏެވެ. [ﷲ ގަންދީ ބުނަމެވެ. ޢަރަބި މީހާ އެބުނީ ތެދެކެވެ. އަހަރެމެން ނިކަމެތިކުރީ އަހަރެމެންގެ ޢަމަލުތަކެވެ.]

އެއަށްފަހު އޭނާ މުސްލިމުންގެ އަޚްލާޤަށް ތާރީފުކުރަމުން ބުންޏެވެ. [ﷲ ގަންދީ ބުނަމެވެ. އެބައިމީހުން ހަނގުރާމަކުރާއިރުގައިވެސް ރަށްތަކުގެ އަހުލުވެރިންނާމެދު ކަންތައްކުރަނީ މާ ރަނގަޅަށެވެ. ހަނގުރާމައިގައިވެސް އެ މީހުންގެ އަޚްލާޤު ހުރީ އަހަރެމެންނަށްވުރެ އެތައް ދަރަޖައެއް މަތީގައެވެ.]

ރުސްތުމާއި އޭނާގެ ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް އިސްލާމީ ލަޝްކަރުގެ ކޮމާންޑަރު ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުއަށް ތާޒާކަމާއެކުގައި ލިބެމުންދިޔައެވެ. ދުޝްމަނުންގެ ލަޝްކަރު ދަތުރުކޮށްފައި އައިސް ޤާދިސިއްޔާގެ ރަށްބޭރަށް އަރާ ހަމަވުމުން ސަޢުދުގެފާނު އެބައިމީހުންގެ ޙަރަކާތްތައް ބެއްލެވުމަށް މުޖާހިދުންގެ ޖަމާޢަތެއް ފޮނުއްވިއެވެ. އޭގެ ތެރޭގައި ޢަމްރޫ ބިން މަޢުދީކަރިބާއި ތުލައިޙާ ބިން ޚުވައިލިދު ހިމެނެއެވެ. އެ ދެ ބޭފުޅުންނާއެކުގައި އިތުރު ދިހަ މީހުން ދިޔައެވެ. ތުލައިޙާ ބިން ޚުވައިލިދަކީ އަބޫބަކުރުގެފާނުގެ ޚިލާފަތުގައި މުރުތައްދުވެ ރަސޫލުކަމަށް ދަޢުވާކުރި މީހެކެވެ. ނަމަވެސް ފަހުން އޭނާވަނީ ތައުބާވެފައެވެ. އޭނާ ދުޝްމަނުންގެ ސަރަހައްދަށް ވަޑައިގެން އެ ލަޝްކަރުގެ ސިފައިންނާއި އެ ލަޝްކަރުގެ ހަތިޔާރާ ބެހޭ މަޢުލޫމާތު ހޯއްދެވިއެވެ. އެއަށްފަހު ފުރިހަމަ ރިޕޯޓެއް މުސްލިމުންގެ ކޮމާންޑަރު އިން ޗީފް ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުއަށް އެރުވިއެވެ

މިއަދު އޮންލައިން