ގިނަބައަކަށް ދެރަލިބެނީ އެކުވެރިންގެ ޙަޤީޤަތަށް ނުބަލައި މާބޮޑަށް ގާތް ކުރެވޭތީ! މިސިފަތައް ދެނެގަތުމުން ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ގިނަބައަކަށް ދެރަލިބެނީ އެކުވެރިންގެ ޙަޤީޤަތަށް ނުބަލައި މާބޮޑަށް ގާތް ކުރެވޭތީ! މިސިފަތައް ދެނެގަތުމުން ކުރާ ފައިދާ ބޮޑުވާނެ! އިން ޝާ ﷲ

ގިނަ ބައަކަށް ކުރަން އެންމެ އުނދަގޫ އެއްކަމަކީ ގެންގުޅެވޭ އެކުވެރިންގެ އަޞްލުސިފަ ނުވަތަ ޙަޤީޤަތް ދެނެގަތުމެވެ. އެކަންކުރުމަށްޓަކައި ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. އިން ޝާ ﷲ  

ކަންބޮޑުވާންޖެހޭ ޙާލަތެއް ނުވަތަ ހިތާމަވެރި ޙާލަތެއް ކުރިމަތިވެގެން އުޅެންޖެހޭ ވަޤުތު ތިބާގެ ޙާލު ނުބަލާ އެއްވެސް މީހަކީ ތިބާއަށް ހެޔޮއެދޭ މީހެއް ނޫނެވެ. އަދި ތިބާއަށް އެހީތެރިވާން ބޭނުންވާ މީހެއްވެސް ނޫނެވެ. އަދި ތިބާއަށް ރަނގަޅު ގޮތެއް މެދުވެރިވުމަށް އެދޭވެސް މީހެއް ނޫނެވެ.  

މިބުނި ފަދަ ޙާލަތުގައި އަޅައިވެސް ނުލައި ހުރެފައި، ޙާލުވެސް ބަލާނުލައި ހުރެފައި ތިމަންނާ އެއިރު މާ "ބިޒީ" ވީކަމަށް ބުނިނަމަވެސް އެކަން ޤަބޫލުނުކުރާށެވެ. އޭނާއަކީ ތިބާ އާއިމެދު އެއްވެސް ވަރަކަށް ސަމާލުކަންދޭ މީހަކުނަމަ، ތިބާއަކީ އޭނާއަށް މުހިންމު މީހަކު ނަމަ އެޙާލަތުގައި ވަޤުތު ހޯދައިގެން ތިބާގެ ޙާލުބަލާނެއެވެ. އަޅާލައި އެހީތެރިވާނެއެވެ. އެއްފަސްގަނޑެއްގައި ހުރިނަމަ ޒިޔާރަތްވެސްކުޜާނެއެވެ.

މިހާރަކަށް އައިސް ބަލިޙާލެއްގައި އުޅެންޖެހުމުން ގިނަ ބައަކު އެކަން އޭނާގެ ގާތް މީހުންނަށް އެންގުމަށްޓަކައި ސޯޝަލްމީޑިއާގައި ހާމަކުރެއެވެ. ހާމަކުރީމާ "ގެޓްވެލް ސޫން" ނުވަތަ "އަވަސް ޝިފާއަކަށް އެދެން" ކޮމެންޓްވެސް ކޮށްލައެވެ. ގިނަ ބައަކަށް އެކަން އެހިސާބުން އެއޮތީ ނިމިފައެވެ. ގުޅާލައި ޙާލުބަލައި އެހީތެރިވެދެނީ ވަރަށް މަދުމީހެކެވެ.  

ހިތާމައަކީ އަހުރެމެން މުސްލިމުންގެ މެދުގައިވެސް މިކަންކަން މިގޮތަށް ހިނގަމުން އަންނަ ކަމެވެ. ދަތިޙާލުގައި ޖެހުނު މީހާގެ ޙާލުބަލައި ނުވަތަ ބަލިޙާލުގައި އޮތް މީހާގެ ޙާލުބަލައި އެހީތެރިވުމަކީ އެކަމުން ނުހަނު ގިނަގުނަ ޘަވާބު ލިބެން އޮތް ކަމެއްކަން އެނގިތިބެވެސް އެފުރުޞަތުވެސް ދޫކޮށްލަނީއެވެ. އެކަމަކު ތިމާއަށް އެފަދަ ޙާލަތެއް ކުރިމަތިވުމުން މީހަކު އަޅާނުލައިފިނަމަ ދެރަވެއެވެ. ރުޅިވެސް އާދެވެއެވެ. އެހެންކަމަށްވާއިރު ތިމާ އަޅައިނުލުމުން އަނެކާއަށްވެސް ހަމައެ އަސަރުކުރާނެކަން ނުވިސްނޭނަމަ އެއީ ކިހައިދެރަކަމެއް ހެއްޔެވެ؟  

ދުނިޔެޢާއި އާޚިރަތް ހޯދަން އަހުރެމެން މިކުރާ ދަތުރުގައި މިކަންކަމަށް ސަމާލުކަންދެމާ ހެއްޔެވެ؟ އެއިރުން އެކަމުގެ ފައިދާ އެމީހަކަށް ދުނިޔެއާއި އާޚިރަތުގައިވެސް ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން