ބައިވެރިޔާއަށް ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިނަސް، އަގުބޮޑު ހަދިޔާ ދިނަސް ފައިދާ ނުކުރާނެ ކަމެއް އޮންނަކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބައިވެރިޔާއަށް ކިތަންމެ ގިނަ ކަންތައްތަކެއް ކޮށްދިނަސް، އަގުބޮޑު ހަދިޔާ ދިނަސް ފައިދާ ނުކުރާނެ ކަމެއް އޮންނަކަން އެނގޭތަ؟

ބައެއް އަނބިން ބުނެއެވެ. ފިރިމީހާއަށް ހެޔޮކޮށް ހިތަމެވެ. ބޭނުންވާ ހުރިހާ ޚިދުމަތެއް ފޯރުކޮށްދެމެވެ. އެކަމަކުވެސް އެއްވެސް ރަނގަޅު ނަތީޖާއެއް ނުފެނެއެވެ. ބައެއް ފިރިން ބުނެއެވެ. އަނބިމީހާއަށް ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ކުރަމެވެ. އަގުބޮޑު ހަދިޔާވެސް ދެމެވެ. އެކަމަކު އެއިން ކަމަކުން އެއްވެސް ނަތީޖާއެއް ނުފެނެއެވެ.  

ސުވާލަކީ މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ އަހުރެންގެ ޖަވާބަކީ އެކަކު އަނެކަކަށް ކުރަންޖެހޭ އިޙްތިރާމް ނުކުރެވޭ ކަމެވެ. ޙައްޤު އިޙްތިރާމް ނުކުރެވޭނަމަ ދެން ކޮށްދޭ އެއްވެސް ކަމަކުން ކުރާނެ ފައިދާއެއް ނެތެވެ. ވީމާ ދެމީހުންވެސް އެންމެ ބޮޑަށް ސަމާލުކަންދޭންވީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުމަށެވެ.  

އިޙްތިރާމް ކުރުމަކީ ދެމީހުން ބައްދަލުވުމުން އެކަނި ކުރަން އޮތްކަމެއް ނޫނެވެ. އިޙްތިރާމް ކުރުމުގެ ބޮޑުބައި އޮތީ ނުފެންނަފަށުގައެވެ. އެއީ ބޭވަފާތެރިނުވުމެވެ. އަނެކާގެ ހިތަށް ދަތިވާނެ ނުވަތަަ ތަދުވާނެ ނުވަތަ އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރުމެވެ. އެބާވަތުގެ ކަންކަން ކުރެވޭނަމަ އެކަމުން އަންގައިދެނީ އަނެކާއަށް އަދާކުރަންޖެހޭ އިހްތިރާމް އަދާނުކުރެވޭ ކަމެވެ.  

މާލީ ބާޒާރުގައި އެންމެ އަގުހިފަހައްޓާ އެއްޗަކީ ރަނެވެ. ރަނުގެ އަގަށް ލޮޅުންއަރާނަމަ މުޅިބާޒާރު ގުޑައިގެންދެއެވެ. ރަނުގެ މަޤާމްދެވޭ އެހެން އެއްޗެއް އަދި ބާޒާރަކުން ނުފެނެއެވެ. ހަމައެގޮތަށް ދިރިއުޅުމުގެ ކަންކަން ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށާއި އުފާވެރި ދިރިއުޅުމަކަށް އަދި ބޭނުންވާ ނަތީޖާނެރެން އެންމެ މުހިންމު ކަމަކީ ވަފާތެރިވުމެވެ. ވަފާތެރިކަން ނެތިއްޖެނަމަ އިޙްތިރާމް ގެއްލޭނެއެވެ. އެހިސާބުން ދިރިއުޅުމުގެ ހުރިހާކަމަކަށްވެސް ބޮޑެތި ލޮޅުންތައް އަރަންފަށާނެއެވެ.  


- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން  

- މިއަދުނޫސް

 

 

މިއަދު އޮންލައިން