ޞިރާޠުމަގު ހުރަސްނުކުރެވި ސުވަރުގެ ނުވަދެވޭއިރު އެކަމަށް އެދިގެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 28ސ
ޞިރާޠުމަގު ހުރަސްނުކުރެވި ސުވަރުގެ ނުވަދެވޭއިރު އެކަމަށް އެދިގެން އެންމެ ބޮޑަށް ސަމާލުކަންދޭންވީ ކަންތައް!

ޞިރާޠުމަގު ހުރަސް ނުކުރެވިއްޖެ މީހާއަށް ޖެހޭނީ ނަރަކައަށް ވެއްޓިގަންނަންކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ބަޔާންކުރަން މިއުޅެނީ ޞިރާތުމަގު ހުރަސްކުރަން އެދޭމީހާ އެންމެ ބޮޑަށް ސަމާލުކަންދޭން އޮތް ޢަމަލަށެވެ. އިން ޝާ ﷲ 

މީހަކު މަރުވުމުން ނުވަތަ ބަލިވުމުން ނުވަތަ އެފަދަ މުޞީބާތެއް މެދުވެރިވުމުން ކެތްތެރި ނުވެވެނީ ކީރިތި ޤްރްއާން ޤަބޫލުނުކުރާ މީހުންނަށެވެ. މީސްތަކުން ދުނިޔެއަށް ފޮނުއްވަވަނީ ކަނޑައެޅިފައިވާ މުއްދަކަށްކަން ﷲ ތަޢާލާ ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީމާ އެއީ މީހާ މޮޔަވާ ވަރަށް ކަންބޮޑުވާންޖެހޭ ސަބަބަކަށް ވެގެން ނުވާނެއެވެ.  

ހަމައެފަދައިން ބަލިވުން، މުދައު ގެއްލުން ނުވަތަ އެނޫންވެސް މުޞީބާތެއް ކުރިމަތިވުމުން ފުރަތަމަ ވެސް ޤަބޫލުކުރަން ޖެހޭނީ މުޞީބާތްތައް ދުނިޔޭގައި ކުރިމަތިވާނެ ކަމާއި އެކަންކަން ކުރިމަތި ކުރައްވަވަނީ ﷲ ތަޢާލާ ކަމެވެ. އެއިރުން ދާނީ ކެތްތެރިވުމުގެ ބާރު ލިބެމުންނެވެ.  

ކެތްތެރި ވުމަކީ ޞިރާޠު މަގު ފަހިވުމަށް އެދޭ މީހާ އެންމެ ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ އެއް ކަންތަކެވެ. ފުރިހަމައަށް ކެތްތެރި ވެވޭ މީހާއަކީ ވަރަށް ބޮޑު މަތިވެރިކަމެއް ލިބިގެންވާ މީހެކެވެ. އެހެނީ ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައި ކަމަށް ވަޙީ ކުރައްވަވާފައި އޮތުމުން ކެތްތެރިކަމުގެ މަތިވެރިކަން އެނގިގެންދެއެވެ.  

އަޅުކަން ކުރުމުގަ އާއި ފާފަ ނުކުރުމަށް ކެތްތެރި ނުވެ ޞިރާޠު މަގަކުން ނުދެވޭނެއެވެ. ނަރަކައަށް ވެއްޓި ނުގަނެ ޞިރާޠުމަގު ހުރަހެއް ނުކުރެވޭނެއެވެ. ވީމާ ޞިރާޠު މަގު ހުރަސްކޮށް ސުވަރުގެ ދިއުމަށް އެދޭ މީހާ މިކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދޭނެޖެހޭނެއެވެ. 

ކެތްތެރިކަމެވެ ބުނެވިއްޖަނަމަ އާންމު ގޮތެއްގައި ހިތަށް އަންނާނީ ދުނިޔަވީ ކޮންމެވެސް މުޞީބާތަކަށް ކެތްތެރިވާން ޖެހުން ކަމަށެވެ. އެއީ ވެސް ކެތެރިކަމެވެ. ނަމަވެސް ޙަޤީޤަތުގައި ކެތްތެރިކަމުގެ މާނަ ވަރަށް ފުޅަލެވެ. ކެތްތެރިކަން ވަނީ އެތައް ބައަކަށް ބެހިގެންނެވެ.  

ﷲ ތަޢަލާއަށްޓަކައި ކުރަންޖެހޭ އަޅުކަން ކުރުމުގައި ކެތެރިވުމަކީ ވެސް މަތިވެރި ކެތްތެރިކަމެކެވެ. ކެތްތެރިކަމުގެ ދަރަޖަ މަތިވެރިކަމުން މިވެނިކަމަކީ އެންމެ މަތިވެރި ކެތްތެރިކަން ކަމަށް ބުނަން އުނދަގޫތަކެއް އެބަހުއްޓެވެ. ނަމަވެސް ވިސްނައިލާއިރު ކެތްތެރިކަމުގެ ތެރެއިން އަޅުކަން ކުރުމުގައި ކެތްތެރިވުމުގެ ދަރަޖަ ވަރަށް މަތިވެރިއެވެ. އެހެނީ އަޅުކަން ކުރުމުގައި ކެތްތެރި ނުވެވިއްޖެނަމަ އަޅުކަން ފުރިހަމަ ނުވާނެތީއެވެ. ފުރިހަމަ ނުވާނަމަ އަޅުކަމުން ލިބެންޖެހޭ ހަޤީޤީ މަންފާ ނުލިބޭނެތީއެވެ.  

ހަމަ އެއާއިއެކު ﷲ ތަޢާލާ ނަހީ ކުރެއްވެވި ކަންކަން ނުކޮށް ހުރުމަށް ވާންޖެހޭ ކެތްތެރިކަމަކީ ވެސް ވަރަށް މަތިވެރި ކެތްތެރިކަމެކެވެ. އެހެނީ އެއްކޮޅުން އެ ފާފައެއް ކުރުމަށް ޝައިޠާނާ ގެންދާނީ ހިތްވަރުދެމުންނެވެ. އަމިއްލަ ނަފުސުގެ ގުނަވަންތައް ދާނީ ފާފަ ކުރުމަށް ދަހިވެތިކުރުވަމުންނެވެ. އެ ހާލަތުގައި ވެސް ފާފައެއް ނުކުރުމަށް ހިތްވަރުކޮށް ތިމާ ކެތްތެރިވުމަކީ ވެސް ކެތްތެރިކަމުގެ ވަރަށް މަތިވެރި ދަރަޖައެވެ.

ސުވަރުގެ ވައްދަވާނެ މީހުން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އަހުރެމެންނަށް އެނގެން އޮތް މިންވަރަށް ބަލާނަމަ ޞިރާޠުމަގު ހުރަސްނުކުރެވިދާނެ ކަމަށް ބިރުވެތިނުވާ މީހަކަށް ސުަވރުގެ ލިބޭނެ ގޮތެއް ފެންނާކަށް ނެތެވެ. އެހެނީ ސުވަރުގެ ވަދެވޭނީ ނަރަކައަށް ވެއްޓިނުގަނެ ޞިރާޠުމަގު ހުރަސްކުރެވިއްޖެނަމައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން