ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 6

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 9ސ
ޤާދިސިއްޔާ ހަނގުރާމަ: ފާރިސީންގެ ބޮޑުބާރު ބިމާހަމަކޮށްލި ތާރީޚީ ހަނގުރާމަ- 6

މުސްލިމުންގެ ވަފުދުގެ ވެރިއަކަށް ހުންނެވީ އައްނުޢުމާން ބިން މުޤައްރިން ރަޟިޔަ ﷲ ޢަންހުއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [ޝައްކެއްނެތެވެ. ﷲ އަޅުގަނޑުމެންގެ މައްޗަށް އޯގާވަންތަވެވޮޑިގަތްފިއެވެ. އެކަލާނގެ ރަޙްމަތްވަންތަކަމުން އަޅުގަނޑުމެންގެ ގާތަށް ރަސޫލުބޭކަލަކު ފޮނުއްވިއެވެ. އެ ރަސޫލާ އަޅުގަނޑުމެންނަށް އަމުރުކުރެއްވީ ހެޔޮކަންތައްތަކަށެވެ. ނަހީކުރެއްވީ އެންމެހައި ނުބައިކަންތައްތަކެވެ. އެ ރަސޫލާ އަޅުގަނޑުމެންނަށް ވަޢުދުވެވަޑައިގަތީ އަޅުގަނޑުމެން އެ ރަސޫލާއަށް އިޖާބަދީފިނަމަ ދުނިޔެއާއި އާޚިރަތުގެ ހެޔޮކަންތައްތައްވެސް ލިބޭނެކަމަށެވެ. އެކަލޭގެފާނުގެ ގޮވައިލެއްވުމަށް ބައެއް މީހުން އިޖާބަދިނެވެ. އަނެއް ބަޔަކު އެކަލޭގެފާނުގެ ގޮވައިލެއްވުން ޤަބޫލެއްނުކުރިއެވެ.]

އިސްލާމްދީން ފެށިގެން އައި ގޮތާއި އިސްލާމްދީން ފެތުރިގެންދިޔަ ގޮތުގެ ޚުލާޞާއެއް އައްނުޢުމާން ބިން މުޤައްރިން ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. އެއަށްފަހު ރަސްގެފާނަށް ދެންނެވިއެވެ. [އަޅުގަނޑުމެން ތިޔަ ރަސްގެފާނަށް އިސްލާމްދީނުގެ ދައުވަތުދެމެވެ. އިސްލާމްދީން ޤަބޫލުނުކޮށްފިނަމަ ޖިޒީދީގެން ތިބެވިދާނެއެވެ. އޭރުން އަޅުގަނޑުމެންގެ ޙިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ. އިސްލާމްދީން ޤަބޫލުކޮށްފިނަމަ އަމާންކަމާއެކުގައި އުޅެވިދާނެއެވެ. އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ނުރައްކަލެއް ނާންނާނެއެވެ. އަޅުގަނޑުމެން މިތަނުން ހިނގައިދާނަމެވެ.]

މި ވާހަކަތައް އަޑުއަހައި ޔަޒުދުގިރުދު ރުޅިއައިސް ފުފިއްޖެއެވެ. ޢަރަބީން އޭނާގެ ކުރިމަތީގައި އެފަދަ ޖެހިލުންކުޑަކަމަކާއެކު ވާހަކަދެއްކުން އެއީ އޭނާއަށް ތަސައްވުރުކުރެވިފައިވާ ކަމެއް ނޫނެވެ. އޭނާ ރުޅިއައިސްގެން ބުންޏެވެ. [މުޅި ދުނިޔެއިންވެސް ކަލޭމެންނަށްވުރެ ބަދުނަސީބު ބަޔަކު އަހަރެން ނުދެކެމެވެ. ކަލޭމެންނަށްވުރެ މީސްކޮޅުމަދު، ރުންކުރު ބަޔަކު ނެތެވެ. އަހަރެމެންގެ ބިމުގެ ދުރު ސަރަހައްދުތަކުގައި ކަލޭމެންނަށް ދިރިއުޅެލާނެ ފުރުޞަތެއް ލިބުނީތީ ކަލޭމެން ހީކުރީ އެއީ ލިބުނު ނަސްރެއް ކަމަށް ހެއްޔެވެ؟ ކަލޭމެންނަށް އަހަރެމެންނާ ހަނގުރާމަކުރާކަށް ކުޅަދާނައެއް ނުވާނެއެވެ. މިހާރު ތިޔަ މަޤާމުތަކަށް އާދެވުމުން ތިޔަތިބީ ހިތްމޮޅުވެ ތިމާމެންވަރުގެ ބަޔަކު ނެތްކަމަށް ހީވެފައެވެ. އަހަރެމެންގެ ޙާލަތުވެސް ހުރީ މާ ރަނގަޅަކަށް ނޫނެވެ. މޫސުން އައުމުން އަހަރެމެން ކަލޭމެންނަށް ރަނގަޅު ކާބޯތަކެތި ދޭނަމެވެ. ކަލޭމެންނަށް އިޙްތިރާމްކުރާނަމެވެ. ލާނެ ރަނގަޅު އަންނައުނު ދޭނަމެވެ. ކަލޭމެންގެ މައްޗަށް ރަނގަޅު، އޯގާތެރި ވެރިއަކު ލާނަމެވެ.]

ޔަޒުދުގިރުދުގެ ވާހަކަތަކުގައިވަނީ އިންޒާރުގެ ބަސްތަކާއެކު ޙަޤީޤަތާ ދުރު އުއްމީދުތަކެކެވެ.

މުސްލިމުންގެ ފަރާތުން ޔަޒުދުގިރުދުގެ ވާހަކަތަކަށް ރައްދުދެއްވީ މުޣީރަތު ބިން ޒުރާރާއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [އަޅުގަނޑުމެންގެ ނާޒުކު ޙާލަތާމެދުގައި ތިޔަ ބުނި ހުރިހާ ވާހަކަތަކަކީ ތެދެވެ. އަޅުގަނޑުމެން ތިބި ޙާލަތު އަދި އެއަށްވުރެވެސް ދެރައެވެ. އެ ގޮތުގައި އަޅުގަނޑުމެން އުޅެއުޅެ ތިއްބާ ރަޙްމަތުގެ ބެއްލެވުމުން ބައްލަވާވޮޑިގެން އަޅުގަނޑުމެންގެ ތެރެއަށް ރަސޫލުބޭކަލަކު ފޮނުއްވައިފިއެވެ.] އެއަށްފަހު ނުޢުމާން ވިދާޅުވި ވާހަކަތައް ވިދާޅުވުމަށްފަހު ދެންނެވިއެވެ. [އިޚްތިޔާރުކުރާށެވެ. ޖިޒީދެއްކުމުގެ ނިކަމެތިކަން ނުވަތަ އަޅުގަނޑުމެންގެ ކަނޑިތަކެވެ. މި ދެ ކަންތަކަށްވުރެ އަދިވެސް އިސްލާމްވުން ހެޔޮކަން ބޮޑެވެ.]

ޔަޒުދުގިރުދު ހަޅޭއްލަވައިގެންފައި ބުންޏެވެ. [ސަފީރުން ޤަތުލުކުރުމަކީ ކުށެއްކަމުގައި ނުވާނަމަ އަހަރެން ކަލޭމެންގެ އެކަކުވެސް ދިރިހުއްޓާ ދޫނުކުރީމުހެވެ. ހަމަ މިހާރު މިތަނުން ފެއްސިގެންދާށެވެ.] މިހެން ބުނެފައި އޭނާގެ އަޅަކަށް އަމުރުކޮށްގެން ކަންވާރަކަށް ވެލިއަޅައިގެން ގެނެސްފިއެވެ. މުސްލިމުންގެ ތެރެއިން އެންމެ މާތް އަދި ބާރުހުރި މީހާ ވެލިއަޅާފައިވާ ކަންވާރު ހިފައިގެން އެ ރަށުގެ ދޮރާށިން ނުކުމެގެންދިޔުމަށް އަންގައިފިއެވެ. މިއީ އޭނާ މުސްލިމުން ނިކަމެތިކޮށް ދެރަކޮށްލުމަށް ކުރި ކަމެކެވެ. އެ ކަންވާރު ނެންގެވީ ޢާޞިމް ބިން ޢަމްރު އައްތަމީމީއެވެ. އެކަލޭގެފާނު އެ ވެލިކަންވާރު ހިއްޕަވައިގެން ރަސްގެފާނުގެ ގަނޑުވަރުން ނުކުމެވަޑައިގެންފިއެވެ. އަހަށް ސަވާރުވެވަޑައިގެން މުސްލިމުންގެ ލަޝްކަރުގެ ގާތަށް ވަޑައިގެންފިއެވެ. އޭރު ސަޢުދުގެފާނު ހުންނެވީ ވަފުދު ލަސްވެގެން ކަންބޮޑުވެވަޑައިގެންފައެވެ. ޢާޞިމް ބިން ޢަމްރު އައްތަމީމީ ވަޑައިގެން ދެންނެވިއެވެ. [އުފާވެރި ޚަބަރެކެވެ. ﷲ ގަންދެމެވެ. އެބައިމީހުން އަޅުގަނޑުމެންނަށް މި ޤައުމުގެ ތަޅުދަނޑިފަތިތައް ޙަވާލުކޮށްފިއެވެ.]

މިއަދު އޮންލައިން