ހިތަށް އަނިޔާލިބޭނަމަ ކުރަން މުފްތީ މެންކް ވިދާޅުވެދެއްވާފައިވާ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ހިތަށް އަނިޔާލިބޭނަމަ ކުރަން މުފްތީ މެންކް
ވިދާޅުވެދެއްވާފައިވާ ދުޢާއެއް!

 

އެމީހެއްގެ ހިތުގެ ޙާލު އެނގޭނީ އެމީހަކަށެވެ،

އެހެން މީހުންނަށް އެނގޭނީ އެމީހަކު ބުނި ނަމައެވެ. އެނގޭކަމަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ކޮންމެވެސް ގޮތަކުން އެމީހުންގެ ހިތަށް އަނިޔާލިބެމުންދާ މީހުންކަމަށްވެފައިވާކަން އެއީ ހަމަ ހިތާއި ދެކޮޅަށް ނަމަވެސް ޤަބޫލުކުރަންޖެހިފައިވާ ޙަޤީޤަތެއްކަމެވެ.

ހިތަށް ޝިފާލިބޭނީ ރޫޙާނީ ބާރުންނެވެ. ރޫޙާނީ ބާރު ލިބޭނީ ދުޢާއިންނެވެ. ތަޤްވާވެރިކަމުންނެވެ.  

"ޔާ ﷲ! އަނިޔާވެރިޔާ ޒަޚަމްކޮށްލާފައިވާ މިއަޅާގެ ހިތަށް ޘިފާ ދެއްވެވޭނެ ހަމައެކަނި ފަރާތަކީ އިނބަ ﷲ އެވެ. މިއަޅާގެ ހިތަށް ޝިފާ ލިބި މި އަނިޔާއިން މިއަޅާގެ ހިތް ސަލާމަތް ކުރެވޭނޭ ގޮތަކަށް މިއަޅާއަށް މަގު ދައްކަވައި ދެއްވަވާނދޭވެ! މިއަޅާޢަށް ކެތްތެރިކަމާއި ހެޔޮ ވިސްނުން ދެއްވަވާނދޭވެ!  

މިއަޅާގެ ހިތަށް ފިނިކަން ލިބި ހަމަޖެހުން ލިބޭނެ މަގެއް މިއަޅާއަށް ދައްކަވައި ދެއްވަވާނދޭވެ! މިއަޅާ އާއި އަނިޔާ ލިބެމުންދާ މީސްތަކުންގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އިނބަ ﷲ އެވެ. ޙާލު ބަދަލުކޮށް ދެއްވަވައި ހަމަޖެހުމާއި އުފާވެރިކަން ދެއްވެވޭނީ ވެސް ހަމަ އިންބަ ﷲ އަށެވެ.  

ޔާ ﷲ! މިއަޅާގެ ހިތަށް ލިބެމުންދާ އަނިޔާތަކުންނާއި މާޔޫސްކަމުން މިއަޅާގެ ހިތް ސލާމަތްކޮށްދެއްވަވާނދޭވެ!"  

މިއީ ހިތަށް އަނިޔާ ލިބެމުންދާ ﷲ ތަޢާލާއަށް ކުރަން މުފްތީ މެންކް ބަޔާންކޮށްދެއްވާފައިވާ ދުޢާއެކެވެ.  

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ކޮންމެ 100 އަކުން 80 ވަރަކަށް މީހުންނަކީ ކޮންމެވެސް ސިފައެއްގައި ހިތަށް އަނިޔާލިބެމުންދާ މީހެކެވެ. ފުރިހަމަ ދިރާސާއެއް ކޮށްފިނަމަ އަދަދު ވާނީ ގިނައެވެ. ހަމަގައިމުވެސް މަދެއް ނުވާނެއެވެ. 

ސުވާލަކީ މިހައި ގިނަ ބައަކަށް އަނިޔާ ލިބެން މިދަނީ ކީއްވެގެން ހެއްޔެވެ؟ އަނިޔާވެރިން ހަމަ އެހައި ގިނައީ ހެއްޔެވެ؟ ނޫނީ އެކަމެއް ކުރުމުން އަނެކާއަށް އަނިޔާ ލިބޭނެކަން އިޙްޞާޞް ނުކުރެވި ކަންކަން ކުރާ މީހުން ގިނައީ ހެއްޔެވެ؟ ޔަޤީންވާ ކަމަކީ ކޮންމެވެސް އެއްގޮތެއް މެދުވެރިވަމުން އެބަދާކަމެވެ. ދިރިއުޅުމުގައި މައްސަލަތަކެއް އެބަހުރި ކަމެވެ.  

އިޞްލާޙްކުރަންވެސް ތިބީ ހަމަ އަހަރެމެން ނޫން ހެއްޔެވެ؟ އިޞްލާޙްކުރަން މަސައްކަތް ނުކޮށް މިތިބެނީ ކީއްވެގެން ހެއްޔެވެ؟ ޔަޤީން ކަމަކީ ﷲ ތަޢާލާ، އެކަލާނގެ ޒާތުފުޅަށްވެސް އަނިޔާވެރިކަން ޙަރާމްކުރައްވަވާފައިވާ ކަމެވެ. ވީއިރު އަނިޔާވެރިވުމަކީ އަހަރެމެންނަށް ކުރެވޭނެ އެންމެ ނުބައި އަމަލުކަމުގައި ނުވާނެ ހެއްޔެވެ؟

އެންމެންވެސް މިކަންކަމަށް ވިސްނާލައިފިނަމަ އަނިޔާވެރިކަމުން ސަލާމަތްވެވިދާނެއެވެ. ބަލަންވީ އަނިޔާ ކުރާ މީހާ ކުށްވެރިކުރަން އެކަންޏެއް ނޫނެވެ. ޢަޒުމް ކަނޑައަޅަންވީ ތިމާގެ ކިބައިން އެއްވެސް މީހަކަށް އަނިޔާއެއް ލިބުނަ ނުދިނުމަށެވެ. އެއިރުން އަނިޔާވެރިކަން ނެތި ފިލައިގެން ހިނގައިދާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން