މުޘައްނާ ބިން ޙާރިޘް ރަޟިޔަ ﷲ ޢަންހުގެ ވަޞިއްޔަތުގައި ވަރަށް ޚާއްޞަ އަސްކަރީ އުކުޅުތަކެއް ބަޔާންކުރައްވައިފައިވެއެވެ. އިސްލާމީ ލަޝްކަރު ޢަމަލުކުރަންޖެހޭ ގޮތުގެ މުހިންމު ގޮތްތައް ބަޔާންކުރައްވައިފައިވެއެވެ. ފާރިސީ ލަޝްކަރު އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ހަނގުރާމައިގެ ތެރޭގައި އަންނަ ބަދަލުތަކަށް ފުރިހަމައަށް ހޭނިގެންކަމުގެ އިންޒާރުދެއްވިއެވެ.
އެހެންކަމުން ދުޝްމަނުންގެ ބިމެއްގައި އެ ހަނގުރާމަ ކުރުމަކީ ބުއްދިވެރިކަމެއް ނޫންކަމުގެ އިރުޝާދު އެކަލޭގެފާނު ދެއްވިއެވެ. މުސްލިމުންނަށް އެންމެ ރަނގަޅު ގޮތަކީ މުސްލިމު ޕްރޮވިންސްތަކުގެ ބޯޑަރުކައިރީގައި ތިބެގެން ހަނގުރާމަކުރުންކަމުގައި އެކަލޭގެފާނު ދެކެވަޑައިގެންނެވިއެވެ. އެހެނީ އެކަމުގެ ސަބަބުން ލަޝްކަރަށް އެހީ ފޯރުކޮށްދިނުން ފަސޭހަވެގެންދާނެއެވެ. ހަނގުރާމައިގައި ކާމިޔާބު ލިބިއްޖެނަމަ ޣަނީމާ މުދާ އެއްކުރުމަށްވެސް ފަސޭހަވެގެންދާނެއެވެ. ހަނގުރާމައިގައި މުސްލިމުން ބަލިވެއްޖެނަމަ އެހެންތަނަކަށް ގޮސް އަލުން އާ ބާރަކާއެކު އައިސް ހަމަލާދޭން ފަސޭހަވާނެއެވެ.
ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހުއަށް މުޘައްނާގެ ވަޞިއްޔަތް ލިބިވަޑައިގެންފިއެވެ. ސަޢުދުގެފާނު، މުޘައްނާ ހުންނެވި މަޤާމު ދެއްވީ އެކަލޭގެފާނުގެ ކޮއްކޯފުޅު މުޢައްނާ ބިން ޙާރިޘްއަށެވެ. ރަނގަޅު މާތް މީހަކު މަރުވެއްޖެނަމަ، އެ މީހަކަށް ހެޔޮހިތުމުގެ ގޮތުން އެ މީހެއްގެ ހުވަފަތް އަނބިމީހާއާ ކާވެނިކުރުމަކީ އެ ޒަމާނުގެ އާދަކާދައިގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. މުޘައްނާ ބިން ޙާރިޘް ރަޟިޔަ ﷲ ޢަންހުގެ ހުވަފަތް އަނބިކަނބަލުންގެ ޢިއްދަ ހަމަވުމުން، ސަޢުދު ބިން އަބީ ވައްޤާޞް ރަޟިޔަ ﷲ ޢަންހު އެކަމަނާއާ ކާވެނިބައްލަވައިގެންނެވިއެވެ. އެއީ ނިކަމެތިވެގެންދިޔަ ޢާއިލާއަށް ހަމްދަރުދީވެވަޑައިގެން، އޯގާވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.
މުޘައްނާގެ އަނބިކަނބަލުން ސަލްމާއަކީ ބުއްދިފުޅު ފުރިހަމަ، ވިސްނުންފުޅު ތޫނު ބޭކަނބަލެކެވެ. އަވަހާރަވެދިޔަ ފިރިކަލުން ގެންގުޅުއްވި ހަނގުރާމައިގެ އުކުޅުތައް އެކަމަނާއަށް އެނގިވަޑައިގަންނަވައެވެ. މުޘައްނާ ބިން ޙާރިޘް ރަޟިޔަ ﷲ ޢަންހުގެ އިރުޝާދުފުޅާއެކު، ސަޢުދުގެފާނު ނިންމެވީ ފުރާތު ކޯރުގެ އައްސޭރީގައިވާ "ޤާދިސިއްޔާ" އޭ ކިޔުނު ތަނެއްގައި ހަނގުރާމަކުރެއްވުމަށެވެ. ޤާދިސިއްޔާއަކީ ޢިރާޤުގެ ކޫފާއިން 100 މޭލު ދެކުނުގައިވާ ރަށެކެވެ. އެއީ ޙީރާގެ ހުޅަނގު ދެކުނުން 52 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
ޢުމަރުގެފާނުގެ ޚާއްޞަ އިރްޝާދު
އަމީރުލްމުއުމިނީން ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަ ﷲ ޢަންހުއަކީ ހަނގުރާމައިގެ ކަންތައްތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ޢަސްކަރީ ޤާއިދެކެވެ. އެކަލޭގެފާނު ވަނީ، އެ ޒަމާނާ އަޅާބަލާއިރު ނުހަނު ހަލުވިމިނެއްގައި މުވާޞަލާތުކުރެވޭނެ ގޮތްތައް ޤާއިމުކުރައްވައިފައެވެ. ހަނގުރާމައިގެ މައިދާނުން ޚަބަރުތައް ގެނެސްދޭ ޤާޞިދުންނާއި، ސީދާ ޢުމަރުގެފާނު ފޮނުއްވާ ޚަބަރުތައް އިސްލާމީ ލަޝްކަރަށް ގެންގޮސްދޭ ޤާޞިދުން، އެކަލޭގެފާނުގެ އަރިހުގައި ކެނޑިނޭޅި މަސައްކަތްކުރަމުންގެންދެއެވެ.
ލަޝްކަރަކަށް ބޭނުންވާނެ އެންމެހައި ކަންތައްތައް ޢުމަރުގެފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަލޭގެފާނު ގެންދެވީ ލަޝްކަރަށް އެހީތައް ފޮނުއްވަމުންނެވެ. ލަޝްކަރުގެ ކޮމާންޑަރުންނަށް ބޭނުންވާނެ އިރުޝާދުތަކާއި ލަފާފުޅުތައް ދެއްވަމުންނެވެ. އެކަލޭގެފާނު އެންމެ އިސްކަމެއް ދެއްވީ ލަޝްކަރުގެ މުޖާހިދުންނާއި الله އާއި އޮންނަ ގުޅުން ވަރުގަދަކުރެއްވުމަށެވެ. މިދެންނެވި އުޞޫލުގެ ދަށުން، ޢުމަރުގެފާނު އެކަލޭގެފާނުގެ ޢަމުރުފުޅުތަކާއެކު ޤާޞިދަކު ޢިރާޤަށް ފޮނުއްވިއެވެ. އެކަލޭގެފާނުގެ ޢަމުރުފުޅުތަކުގައި ވެއެވެ.
[ދުޝްމަނުންނާ ދެކޮޅަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ الله އަށް ކިޔަމަންތެރިވުމެވެ. އަހަރެން ތިޔަބައިމީހުންނަށް، ދުޝްމަނުންނަށްވުރެ ނުރައްކާތެރިކަން ބޮޑު ކަމަކަށް އިންޒާރުކުރަން ހެއްޔެވެ؟ އެއީ ފާފައިގެ ނުބައިކަމެވެ. އަހަރެން ތިޔަބައިމީހުންނަށް ފާފަތަކުން ރައްކާތެރިވުމަށް އަންގަމެވެ. ދުޝްމަނުންނަކީ الله އަށް ނުކިޔަމަންތެރިވާ ބައެކެވެ. ނަސްރު ލިބުންވަނީ ކިޔަމަންތެރި މުސްލިމުންނަށެވެ. އެހެންކަމުން، ތިޔަބައިމީހުން އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވާށެވެ. ތިޔަބައިމީހުން ލަޝްކަރާއެކު ކުރިއަށްދާހިނދު، ތިޔަބައިމީހުންގެ ކަންތައްތައް މަލާއިކަތްބޭކަލުން ބައްލަވާނެކަން ރަނގަޅަށް ހަނދާންކުރާށެވެ. ދުޝްމަނުންގެ މައްޗަށް ކުރިއެރުން ދެއްވާތޯ ދުޢާކުރާ ފަދައިން، الله ގެ މަގުގައި ސާބިތުވެ ތިބުމުގެ ތައުފީޤު ދެއްވާތޯ ވެސް ދުޢާކުރާށެވެ.]
[އޭ މުސްލިމުންގެ ކޮމާންޑަރު ސަޢުދު ބިން އަބީ ވައްޤާޞްއެވެ! މުސްލިމުންނަށް އޯގާތެރިވެވަޑައިގަންނަވާށެވެ. ދިގު ދަތުރުގެ މައްޗަށް އިތުރު ތަކުލީފު އެބައިމީހުންނަށް ނުޖައްސަވާށެވެ. ދުޝްމަނުންނާ ބައްދަލުކޮށް ހަނގުރާމަކުރާއިރު، ޖޯޝާއި ފޯރީގައި ހަނގުރާމަކުރާށެވެ. އަދުއްވުންގެ ލަޝްކަރަކީ ދެރަ ބައެއް ކަމުގައި ނުބަލާށެވެ. އެބައިމީހުންގެ އަތުގައި ސުމާރެއްނެތް މިންވަރަށް ހަތިޔާރު އެބަހުއްޓެވެ. ހަނގުރާމަވެރިންގެ އަދަދު ގިނައެވެ. ވަސީލަތްތަކުގެ ގޮތުން މުއްސަންޖެވެ. ލަޝްކަރު އަރާމަކޮށްލަން ބޭނުންވެއްޖެނަމަ، ހަފުތާއަކު އެއްރޭއެއްދުވާ ވަންދެން އަރާމުކުރާށެވެ.