ޢިބްރަތްތެރި ވާހަކަ: މިމަންމަގެ މިނަޞީޙަތަށް ޢަމަލުކުރާ ފިރިއަކަށް އަނބިމީހާގެ ލޯތްބާ އަޅައިލުން ނުލިބި ނުދާނެ! އަބަދުވެސް ހުންނާނީ ލިބިލިބި! ހުރެވޭނީ އެންމެ އުފަލުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 44ސ
ޢިބްރަތްތެރި ވާހަކަ: މިމަންމަގެ މިނަޞީޙަތަށް ޢަމަލުކުރާ ފިރިއަކަށް އަނބިމީހާގެ ލޯތްބާ އަޅައިލުން ނުލިބި ނުދާނެ! އަބަދުވެސް ހުންނާނީ ލިބިލިބި! ހުރެވޭނީ އެންމެ އުފަލުގަ!

ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނަމަ ފުރަތަމަ ޖަހަންޖެހޭ ހިސާބު ޖަހަނީ މަދުމީހެކެވެ. ފިރިމީހާނަމަވެސް އަނބިމީހާ ނަމަވެސް ފުރަތަމަ ކަމަކަށް އެހިސާބު ޖަހާށެވެ! ހިސާބުޖެހުމުގައި ކުށެއް އަމިއްލައަށް ނުޖަހާނަމަ ނުކުންނާނީ ރަނގަޅު ނަތީޖާއެވެ.  

އެންމެންވެސް ވިސްނާށެވެ! ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެކަން އަމިއްލައަށް އިޙްޞާޞްކުރެވޭނީ ވަރަށް މަދު މީހަކަށެވެ. އެއީއަކީވެސް އެހައި ބޮޑު މައްސލައެއް ނޫނެވެ. އެންމެ ބޮޑު މައްސަލައަކަށްވަނީ މައިންބަފައިން ނުވަތަ ހެޔޮއެދޭމީހުން ވިސްނައިދިނުމުންވެސް އެކަންކަން ޤަބޫލުނުކުރެވުމެވެ. އިޞްލާޙްވާން މަސައްކަތް ނުކުރުމެވެ.

ތިރީގައިވާ ވާހަކަ ވިދާޅުވެލައްވާށެވެ! ތިމާއަށް ކުރެވޭ ކުށްތައް ޤަބޫލުކުރެވި އިޞްލާޙްކުރުމުން ކުރާ ބޮޑުފައިދާ އެނގިލައްވާނެއެވެ. ހެޔޮލަފާ އަނބިންގެ ބޮލުގައި ހުރިހާ ކަންކަން އަޅުވައި އެމީހުން ކުށްވެރިކުރުމުގެ ބަދަލުގައި ތިމާ އުފުލަންޖެހޭ ޒިންމާ އުފުލުމުން ކުރާ ފައިދާގެ ބޮޑުކަން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ  

މިއަދުނޫހުގައި ޝާއިޢުކުރަމުން ގެންދާ "ޙަޤީޤީ ޙާދިސާ" ގެ ވާހަކަތަކާ "ޢިބްރަތްތެރި ވާހަކަ" ސިލްސިލާގެ ތެރެއިން ދާދިފާހުން އަޅުގަނޑު ކިޔާފައިވާ ވާހަކައަކާއި ގުޅިގެން އަޅުގަނޑުވެސް ބައެއް ކަންކަން ޙިއްޞާކޮށްލަން ބޭނުމެވެ.  

އަޅުގަނޑުމެންގެ ކައިވެންޏަށް 4 އަހަރެވެ. ކައިވެނީގައި ލިބުނު ދަރިފުޅަށް 2 އަހަރު ފުރިއްޖެއެވެ. ދަރިފުޅު ލިބުނު ފަހުން އަނބިމީހާ އަޅުގަނޑާމެދު ފަރުވާކުޑަކުރަމުން އައިސް ރޭގަނޑު ގެއަށް އައިސް އަމިއްލައަތުން ކައްކައިގެން ކާންޖެހޭ ޙާލަތަށް ކަންކަން ދިއުމުން އަނބިމީހާ ވަރިކުރަން ނިންމީމެވެ.  

ނަމަވެސް އަޅުގަނޑު ކުރާ ކޮންމެކަމެއްވެސް ކުރަނީ މަންމަގެ ލަފާހޯދައިގެން ކަމަށްވާތީ ވަރިކުރުމުގެ ކުރިން މަންމަގެ ލަފައަކަށް އަހައިލުމުން ދިނީ ބޮޑު ތަޤްރީރެކެވެ. އަޅުގަނޑުގެ މައްޗަށް ބަޔާން އިއްވައި ޙުކުމްކޮށް ނިންމިއިރު އަޅުގަނޑު ވަނީ ބޮޑުތަނުން ކުށްވެރިވެ ނިމިފައެވެ. ކޯޓަކުން އިއްވި ބަޔާނެއްނަމަ އަދަބެއްގެ ގޮތުން ޖަލަށްލާންވެސް ޖެހޭ ހިސާބުގައެވެ. 

މަންމަ ކިޔައިދިނެވެ. "ދަރިފުޅާއެވެ! ދަރިފުޅު ކަންބޮޑުވާ އެއްކަމަކީ ރޭގަނޑު ގެއަށް އައިސް ދަރިފުޅަށް ކަންކަން ކުރަން ޖެހުމެވެ. އެކަން ކުރަން ބޭނުންނުވާނަމަ ގެއަށް އައިސް އެރޭ ކާން ބޭނުންވާ އެއްޗެއްގެ މެނޫ އަނބިމީހާއަށް ދީފައި ދަރިފުޅު ގޮވައިގެން ގޭގައި އުޅެލާށެވެ. އެނދުތަންމަތިވެސް ނުއެޅިހުރިނަމަ އަޅައިލާށެވެ. ގެތެރެ ކުނިކަހައި ފޮޅާ ސާފުވެސްކޮށްލާށެވެ! 

ދަރިފުޅާއެވެ! ދަރިފުޅުގެ ބައްޕައަށް ކައްކައިދިނީ މަންމައެވެ. ނަމަވެސް އެކަންކަން ކޮށްދެވުނީ ބައްޕަ މިބުނި ކަންކަން މަންމައަށް ކޮށްދިނީތީއެވެ. މަންމަ ކުރަންޖެހޭ މަސައްކަތްތައް ކުރަން އެހީތެރިވެދިނީތީއެވެ.

ދެން އޮތީ ދެވަނަ ކަންތަކެވެ. ދަރިފުޅުގެ ބައްޕަ ދަރިފުޅުކުޑައިރު ހަފްތާ ބަންދެއް އަތުވެއްޖެނަމަ އަހަރެމެން ދެމައިން ގޮވައިގެން ލޮނުޒިޔާރަތްކޮޅު ސަހަރައްދަށް ހިނގާލަން ނަމަވެސް ދާނެއެވެ. އަތުގަ ފައިސާހުރިއްޔާ ކޮންމެވެސް ތަނަކަށް ވައްދައި ކޮންމެވެސް އެއްޗެއް ކާންދޭނެއެވެ. ފައިސާ މަދުނަމަ ކައިލާނެ ކޮންމެވެސް އެއްޗެއް ގަނެލައިގެން ޕާކުގައި ތިބެ ކައިލާނެއެވެ.  

އެކަމަކު ދަރިފުޅު ތިއަ ހަދާގޮތަކީ ބުރާސްފަތި ދުވަހު އޮފީސް ނިމުމާއިއެކު ފާޑެއްގެ ދޮށްޓެއް ހިފައިގެން ފުރަނީއެވެ. އެކަމުން ޖީބަށް ފައިސާއެއް އިތުރެއް ނުވެއެވެ. އަނބިދަރިންނާ އޮންނަންޖެހޭ ގުޅުން އެބަ ކެނޑެއެވެ. އަދި އެރޭގެ ނަމާދުތައް ޖަމާއަތުގައި ނުކުރެވެއެވެ. ހަފްތާގެ އެންމެ މަތިވެރި ނަމާދު ކަމުގައިވާ ހުކުރުރުވިލޭރޭ ޖަމާއަތުގައި ކުރާ ފަތިސް ނަމާދުވެސް ޖަމާއަތަކު ނުކުރެވެއެވެ. އެވަރުންވެސް އެދޮށްޓެއް ހިފައިގެން ކޮންމެވެސް ބައަކާއިއެކު ކޮންމެވެސް ތަނަކަށްދާން ތިއަ ހުންނަނީ މޮޔަވެފައެވެ.  

ހުކުރު ދުވަހު ހެނދުނަކީ އަނބިދަރިންނާއިއެކުގައި ހޭދަކުރަންވީ ވަގުތެވެ. ދަރިފުޅު އޮންނަނީ އެވަގުތުގައިވެސް ނިދާފައެވެ. ހަވީރު އަނބިދަރިން ގޮވައިގެން ބޭރަށް ނުކުމެލުމުގެ ބަދަލުގައި ތިއަދަނީ ކޮންމެވެސް ބައަކާއިއެކު ކޮފީއަކަށެވެ.

ވީމާ މިހަފްތާގަ ދޮށީގައި އަތް ނުލާށެވެ. ހުކުރުވިލޭރޭ ފަތިސް ނަމާދުކޮށްގެން 4 މައިން ނިކަން ހުޅުމާލެއަށް ނަމަވެސް ހިނގައިބަލާށެވެ! މަންމަ ފައިސާވެސް ޚަރަދުކޮށްފާނަމެވެ."  

ކޮންމެއަކަސް މަންމަ އިއްވި ބަޔާނަށް އިޙްތިޜާމްކޮށް ހަމަ އެދުވަހުން ފެށިގެން އަމަލުކުރަން ފަށައިފީމެވެ. އެއިގެފަހުން މަހެއްހައި ދުވަސްކޮށްލާފައި މަންމަ އަހައިލިއެވެ. "ކޮބާ ބަދަލެއް ނާދޭހެއްޔެވެ؟ ހަމަ ވަރިކުރަނީހެއްޔެވެ؟" ޖަވާބުގައި ބުނީމެވެ. "އަޅުގަނޑުގެ ޕްރޮފެސަރ ދަ ގްރޭޓް މޮމް"ގެ ސަބަބުން ހުރިހާ މައްސަލަތަކެއް ޙައްލުވެއްޖެއެވެ. ވަރިކުރުމުގެ ބާބު މިހާރު ނިމިއްޖެއެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނޭވެ! ހަމަ ޙަޤީޤަތުގައިވެސް މިއީ އަޅުގަނޑުގެ މަންމަ އަޅުގަނޑަށް ދިން ނަޞޭޙަތެވެ. ބަރާބަރަށް ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުކުރެވުނީ މިއަދު ފަޚުރުވެރިވަމެވެ. ނޫންނަމަ ފުރަތަމަ ދަރިފުޅާއެކު ކައިވެނި އޮތީހީ ރޫޅި ނިމިފައެވެ. ދެން ބުނެލަން ބޭނުމީ މުހިންމީ ކޮންމެހެން ދޮށިހިފައިގެން ނޫނީ ނަނު ހިފައިގެން މަސްބާނަން ނުދިއުމެއް ނޫނެވެ. ޖަމާޢަތުގައި ނަމާދުކުރުމާއި ޢާއިލާ އާއިއެކުގައި ވަޤުތު ހޭދަކުރުން ގިނަކުރުމެވެ.

 

- އަކްރަމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން