ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 3 ވަނަ އާޔަތް - ދެވަނަ ބައި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 18ސ
ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: 3 ވަނަ އާޔަތް - ދެވަނަ ބައި

ﷲ ތަޢާލާގެ ވަހީބަސްފުޅު: (مَالِكِ يَوْمِ الدِّينِ)

މާނައީ: ” ޤިޔާމަތްދުވަހުގެ ވެރި އިލާހެވެ. “ 

مَالِكِ އޭ އައިސްފައި މިވަނީ (الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ ) މި އާޔަތުގައި ވާ "ﷲ" އަށް ގެނެވޭ ސިފައެއްގެ ގޮތުގައެވެ. އަދި يَوْمِ الدِّينِ ގެ މުރާދައަކީ ޤިޔާމަތްދުވަހެވެ. الدِّينِ މި އާޔަތުގައި އައިސްފައިމިވަނީ ޖާޒާ ގެ މާނައިގައެވެ. އަދި الدِّينِ ބައެއް އާޔަތްތަކުގަ ޢަމަލުގެ މާނައިގައިވެސް އައިސްފައިވެއެވެ. މިގޮތުން ( لكم دينكم و لي دين) މި އާޔަތުގައި دين އައިސްފައިވަނީ ޢަމަލުގެ މާނައިގައެވެ.  

އަދި ޢަރަބި ހަރުބަހެއްގައި އޮވެއެވެ. كَمَا تَدِيْنُ تُدَانُ. މާނައީ: ” ޖަޒާލިބުން ވަނީ ތިބާ ޢަމަލުކުރި ގޮތެއްގެ މައްޗަށެވެ. ” [މި ތާނގައި ފުރަތަމަ ކަލިމަ تَدِيْنُ  ގަ دين އައިސްފައިވަނީ ޢަމަލުގެ މާނައިގައެވެ. އަދި ދެވަނަޔަށް تدان ގަ دين އައިސްފައި ވަނީ ޖަޒާގެ މާނައިގައެވެ. ] 

އަދި ﷲ ތަޢާލާގެ ބަސްފުޅު (مَالِكِ) މުތަވާތިރު ހަތް ޤިރާއަތުގެ ތެރެއިން ޤިރާއަތެއްގައި އައިސްފައިވަނީ (مَلِكِ) މި ގޮތަށެވެ. مَلِكْ ގެ މާނަ مالك ގެ މާނައަށްވުރެ ޚާއްސަވެގެންވެއެވެ.

އަދި މި ދެ ޤިރާއަތު ގެ މާނަ ޖަމްޢުކުރުމުން ވަރަށް ބޮޑު ފާއިދާއެއްވެއެވެ. އެއީ ﷲ ތަޢާލާގެ މުލްކަކީ ޙަޤީޤީ މުލްކެއްކަން އެނގިގެންދެއެވެ. އެހެނީ މަޚްލޫޤުންގެ ތެރޭގައި  مالك ކަމުގައި ނުވާ ملك އިން ތިބެއެވެ. އެހެނީ އެބައިމީހުންނަކީ މަލިކުން ކަމުގައި ވިޔަސް ކަންތައްތައް ހިންގުމުގެ ބާރު އެބައިމީހުންނަށް ދީފައި ނޯންނަނީއެވެ. އެ މީހުންނަށް މަލިކުންނޭ ކިޔަނީ ހަމައެކަނި ނަމެއްގެ ގޮތުގައެވެ. [މިސާލަކަށް: އިނގިރޭސިވިލާތުގެ ރާނީ އަކީ މިލިކާ އެކެވެ. އެހެން ނަމަވެސް އޭނާ އަކަށް ވެރިކަން ހިނގުމުގެ ބާރެއް ނޯވެއެވެ. އެބާރުއޮންނަނީ ބޮޑު ވަޒީރަށެވެ. ޖަޕާނުގައިވެސް ކަންތައް އޮންނަނީ މިހެންނެވެ.] 

އަދި މީސްތަކުންގެ ތެރޭގައި ملك އިންނަށް ނުވާ مالك ތިބެއެވެ. މިސާލަކަށް ޢާއްމުރައްޔިތުންނެވެ. އެމީހުންނަކީ އެމީހުންގެ އމިއްލަ މުދާތަކުގެ ވެރިންނެވެ. އެހެންނަމަވެސް ޤައުމުގެ ވެރިކަން ހިންގުމުގެ ބާރެއް އެމީހުންނަކަށް ނޯންނާނެއެވެ. 

އެހެންނަމަވެސް ﷲ عز و جل އީ مالك އެވެ. އަދި ملك އެވެ. [ އެހެންކަމުން އެންމެހައި ތަކެއްޗެއްވަނީ އެއިލާހުގެ މިލްކުވެރިކަމުގެ ދަށުގައެވެ. އަދި އެ ހުރިހާއެއްޗަކާއި އެއެއްޗެހީގެ ބާރުގެ ދަށުގައިވާ އެއްޗަކަށްވެސް ބާރު ހިންގަވާ ކަންތައްތައް ހިންގަވާ ތަދުބީރުކުރައްވަނީވެސް އެއިލާހެވެ. އެއިލާހުގެ މިލްކުވެރިކަމަށް ހައްދެއްނުވެއެވެ. އަދި އެއިލާހުގެ ވެރިކަމަށްވެސް ހައްދެއްނުވެއެވެ.] 

- ނުނިމޭ -

- އައްޝައިޚް އަޙްމަދު އިޙްޞަން މުޙައްމަދު

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

މިއަދު އޮންލައިން