އެއީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ކިޔެވިފައި ނެތުމުން ފައިސާ ހޯދަނީ ގެއެއްގައި މަސައްކަތްކޮށްގެންނެވެ. ދުވަހަކުވެސް މުސާރައިގެ އިތުރުން އެއްވެސް ކަމަކު ނުއެދެއެވެ.
އޭނާއަށް މައްސަލައަކަށްވާން ފެށީ ބޮސްގެ ފިރިހެން ދަރިފުޅު އޭނާގެ ފަހަތުން އަޅުވާލައިގެން އުޅެންފެށުމުންނެވެ. އޭނާގެ ލޯބިވެރިޔާއަށް ވެއްޖެނަމަ ގޭގެ ރާނީއަށް ހަދާނެކަމަށްވެސް އައީ ބުނަމުންނެވެ. އަދި އަގުބޮޑު ހަދިޔާތަކާއި ފައިސާ ދޭންވެސް މަސައްކަތްކުރެއެވެ. ނަމަވެސް ނުހިފައެވެ.
އެހެންވެ ޒުވާނާ އެއްރޭ އޭނާގެ ގެ ހޯދައިގެން އެގެއަށް ދިއައެވެ. އޭނާގެ ޙަޤީޤަތް ހޯދުމަށެވެ. ފެނުނީ ކޮޓަރިއެކެވެ. ކައްކައިކަނީވެސް އެތަނުގައެވެ. އެތަނުގައި ދިރިއުޅެނީ މަންމަޢާއި ކޮއްކޮޢާއިވެސް އެކުގައެވެ. ޒުވާނާ ވާހަކަދައްކާލާފައި އެނބުރި އަންނަމުން މަންމައަތަށް ފައިސާކޮޅެއްވެސް ލައްވައިދިނެވެ.
ޒުވާނާ ގެއަށް އައިސް ހުރިހާ ވާހަކަތަކެއް މަންމައާއި ބައްޕައަށް ކިޔައިދީފައި ކައިވެނިކުރަން ބޭނުންކަމަށްބުނުމުން އަނެއްރޭ އެމީހުން އަމިއްލައަށް ގޮސް ޙަޤީޤަތް ބެލިއެވެ. މިހާދަތިޙާލުގައި އުޅޭއިރުވެސް ދަރިފުޅުގެ ހުށަހެޅުން ޤަބޫލުނުކުރީ ކީއްވެގެންތޯ ސުވާލުކުރުމުން ބުންޏެވެ. "މެޑަމްއެވެ. ދަރިފުޅު އެދެނީ ލޯބިވެގެން އުޅުމަށެވެ. އެއީ އަޅުގަނޑުކުރާނެ ކަމެއް ނޫނެވެ. ކައިވެނީގެ ކުރިން ދޭ ހަދިޔާއެއްވެސް ބޭނުމެއް ނޫނެވެ. މަންމަ އެކަނިމާއެކަނި ދެބެއިން ގެންގުޅެ ބޮޑުކުރީ ވަރަށް ބުރަ މަސައްކަތްކޮށްގެންނެވެ. މީހެއްގެ އަތުން އެންމެ ރުފިޔާއެއްވެސް ނުހޯދައެވެ."
ދެމަފިރިން ޙައިރާންވިއެވެ. މިފަދަ ޒަމާނެއްގައިވެސް މިހާރަނގަޅު ކުދިން ތިބޭކަން އެނގުމުންނެވެ. އަވަސް އަވަހަށް ދެކުދިންގެ ކައިވެނިކޮށްދިނެވެ. ދެމީހުން އުޅެމުން އެގެންދަނީ ވަރަށް އުފަލުގައެވެ.
ޢިބްރަތް ޙާޞިލުކުރާށެވެ! އަޅުގަނޑުގެ އެކުވެރި މިއުޚުތާ ފަދައިން ވެވިއްޖެނަމަ ކޮންމެ އަންހެނަކަށްވެސް އުފާވެރި ދިރިއުޅުމެއް ދެއްވަވާނެތެވެ. ހިތާމައަކީ އެފަދަ އަންހެނުން މިއަދު މަދުކަމެވެ.
- ރަޝީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް