އަނބިންނާއެކު ވަޤުތު ހޭދަކުރުން – ސުންނަތުން! އަހުރެމްނެގެ ޙާލަށް ލަދުގަންނަން ނުޖެހޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
އަނބިންނާއެކު ވަޤުތު ހޭދަކުރުން – ސުންނަތުން! އަހުރެމްނެގެ ޙާލަށް ލަދުގަންނަން ނުޖެހޭތަ؟

ލިޔުމަށް ފަށައިގަތުމުގެ ކުރިން ކުޑަ ކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ވަރަށް އާދައިގެ ގޮތަކަށް ވިޔަފާރިފެށި މީހެކެވެ. އެކަމަކު ވިޔަފާރިކަމު ޤައުމުން ބޭރަށްދާނަމަ އަނބިމީހާ ގެންދެއެވެ. އޭނާ ބުނި ގޮތުގައި އެކަމަށް އިތުރަށް ކަރަދުކުރަންޖެހެނީ ވަރަށް ކުޑަ ޢަދަދެކެވެ. އެއިގެ ބަދަލުގައި އޭނާގެ ސަބަބުން މަސައްކަތަށް ކުރާ ފައިދާ މާބޮޑެވެ. އަދި ފާފައަކަށްވެދާނެ ކަންކަން ކުރެވުމާއި މުޅިން ދުރުހެލިވެވެއެވެ. މިހާރު އެކުޑަވިޔަފާރި ބޮޑުވެ މިލިއަނުން ކުރާ ވިޔަފާރިއަކަށްވަނީ ބަދަލުވެފައެވެ. ސުންނަތަށް ޢަމަލުކުރުމުގެ ފައިދާ ކުޑަތޯއެވެ؟  

ލިޔުން:  

ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަހުލުވެރިންނަށް ވަގުތު ދެއްވާ މިންވަރު އެކަލޭގެފާނުގެ ދަތުރުފުޅުތަކުންވެސް ހާމަވެގެންދެއެވެ. ފަހެ އެކަލޭގެފާނު ދަތުރުފުޅެއްގައި ނިކުންނަވާ ކަމުގައިވާނަމަ އަނބީންގެ މެދުގައި ގުރުއަތުލައްވައެވެ. އަދި ގުރުއަތުން ދިމާވާ އަނބިކަނބަލެއް ގެންދަވައެވެ. ބައެއް ފަހަރު އެއް އަންބަށްވުރެ ގިނަ އަނބިކަނބަލުން ވެސް ގެންދަވައެވެ. ހަމައެއާއެކު، އެކަނބަލުންނާ ވާހަކަ ދެއްކެވުމަށް ދަތުރު މަތީގައި ވަގުތު ހުސްކުރައްވައެވެ. 

ޢާއިޝާ رضي الله عنها ރިވާކުރެއްވިއެވެ: 

"ނަބިއްޔާ صلى الله عليه وسلم (ދަރުތެއްގައި) ބޭރަށް ނިކުމެވަޑައިގަންނަވާ ކަމުގައިވާނަމަ އަނބިކަބަލުންގެ މެދުގައި ގުރުއަތުލައްވައެވެ. ފަހެ (އެއް ފަހަރު) ޢާއިޝާއާއި ޙަފްޞާއަށް ގުރުއަތު ދިމާވިއެވެ. އަދި ރޭގަނޑުވެއްޖެ ނަމަ ޢާއިޝާއާ އެކުގައި ވާހަކަފުޅު ދެއްކެވުމުގައި ވަޑައިގަންނަވައެވެ…" البخاري: 5211.  

މިޙަދީޘުން ފަހަރެއްގައި ބައެއް މީހުންނަށް ސުވާލު އުފެދިދާނެއެވެ. އެކަލޭގެފާނު ރޭގަނޑު ވުމުން ޢާއިޝާ رضي الله عنها އާ އެކު އެކަނި ވާހަކަފުޅު ދައްކަވަނީ ކީއްވެބާވައެވެ؟ ޖަވާބަކީ، ޙަދީޘްއަކީ ދިގު ޙަދީޘްއެއް ކަމުގައި ވުމުން މިތަނުގައި ޛިކުރު ކުރެވިފައި އެވަނީ އެޙަދީޘްގެ ކުރީކޮޅެވެ. ޙަދީޘްގެ ފަހުކޮޅުގައި ނަބިއްޔާ صلى الله عليه وسلم ޙަފްޞާ رضي الله عنها އާ އެކީގައި ރޭނގަނޑު ވާހަކަފުޅު ދެއްކެވިކަމަށް ވެސް ބަޔާންވެފައި ވެއެވެ. 

(ނޯޓު: މަތީގައި ބުނެވުނު ފަދަ ސުވާލު އުފެދޭނަމަ އަޅުގަނޑުމެންގެ މަންހަޖަކަށް ވާންވާނީ މާތް ނަބިއްޔާ صلى الله عليه وسلم އާ މެދުގައި ހެޔޮކޮށް ވިސްނުމެވެ. ފަހަރެއްގައި ޙަފްޞާ رضي الله عنها އަކީ ރޭގަނޑުގެ ވަގުތުތަކުގައި އަވަހަށް އަވަހާރަފުޅު ލެއްޕެވުން ނުވަތަ އެކަމަނާ އެވަގުތު އެހެން ކަމަކާއިގެން މަޝްޣޫލުވެވަޑައިގަތުން ފަދަ އުޛުރު ހޯދުމެވެ). 

މިއާ ޚިލާފަށް އަޅުގަނޑުމެންގެ މުޖުތަމަޢުތަކުން ފެންނަނީ، އަނބީންނަށް އެމީހުންގެ ފިރީން ނުފެނި އެތައް ގަޑިއިރެއް ހޭދަކުރާ ތަނެވެ. ވަރަށް ގިނަފަހަރު ގިނަ މީހުން ހެނދުނު ގެއިން ނިކުމެގެން ގޮސް އެނބުރި ގެއަށް އައިސް ވަދެވޭއިރު ހުންނަނީ އަނބިދަރީން ނިދާހާއިރު ވެފައެވެ. އަނބިދަރިންނާ އެއް މޭޒެއްގައި ކާން އިށީނދެލެވެނީ މަދު ފަހަރަކުއެވެ. ސުވާލަކީ، މުޅި އުއްމަތުގެ ހުރިހާ އެންމެންގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެން، ދީނުގެ ހުރިހާ ޙުކުމެއް ބަޔާން ކޮށްދެއްވަމުން، ހުރިހާ ފަރުޟު އަދި ސުންނަތް އަޅުކަންތައްތައް ކުރައްވަމުން، ރޭނގަޑު ދަމު ނަމާދު ކުރައްވަމުން، މީސްތަކުންގެ މެދުގައި ޖެހޭ މައްސަލަތަކަށް ޢަދުލަށް ޙުކުމު ކުރައްވަމުން އަދި އެނޫން ހުރިހާ

ކަމަކަށް ޖަވާބުދާރީ ވެވަޑައިގަންނެވުމުގައި މުޅި ޙަޔާތް ވޭތުކުރެއްވި މާތް ނަބިއްޔާ صلى الله عليه وسلم އަށްވުރެ އަޅުގަޑުމެން ހަމަ މަޝްޣޫލުވެ އަވަދިނެތީތޯއެވެ؟ 

ނުނިމޭ… 

- ޝައިޚް ޒަމްޒަމް ފާރިޝް

 

މިއަދު އޮންލައިން