ކައިވެނިކުރުމަށްފަހު ފާފައެއް ނުކުރަން މަސައްކަތްކުރާނަމަ ކައިވެނި ރޫޅުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެ! އުފެދޭ ގިނަ މައްސަލަތަކުގެ އަޞްލަކީ ފާފަކުރެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކައިވެނިކުރުމަށްފަހު ފާފައެއް ނުކުރަން މަސައްކަތްކުރާނަމަ ކައިވެނި ރޫޅުމުގެ ފުރުޞަތު ބޮޑުތަނުން ކުޑަވާނެ! އުފެދޭ ގިނަ މައްސަލަތަކުގެ އަޞްލަކީ ފާފަކުރެވުން!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

(އައްރޫމް: 21)  

ހަނދާންކުރާށެވެ! ކައިވެންޏަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ތިމާގެ ޙަޔާތުގެ ބިންގަލެވެ. އެބިންގަލުގެ މަތީގައި ދުނިޔެއާއި ޢާޚިރަތް ބަދަލުކޮށްލަން އަޅާ ބިންގަލެވެ. ވީމާ އެކަމަށް ނިޔަތްގަނެ ޢަޒުމް ކަނޑައަޅައިގެން ނޫނީ ކައިވެނިނުކުރާށެވެ.  

އެބިންގަލުގެ މަތީގައި ކުރަންޖެހޭ ފުރަތަމަ ކަމަކީވެސް ތިމާއަށް ކުރެވެމުންދާ ފާފަތައް ކުރުން ހުއްޓައިލުމެވެ. ދެމީހުންނަށްވެސް އޮތީ ފާފަކުރުން ހުއްޓައިލުމެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ގަދައަޅައި މަސައްކަތްކުރުމެވެ. ކައިވެނި ފޭލްވާ އެންމެ ބޮޑު ސަބަބަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ދިރިއުޅެން މަސައްކަތް ނުކުރެވުމެވެ.  

ލޮބުވެތި އަޚުންނާއި އުޅުތުންނޭވެ! އިސްވެ ބަޔާންކުރި އާޔަތުން އެނގިގެންދަނީ ދެމަފިރިންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވެވިކަމެވެ. "އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ." މިފަދައިން އޮތުމުން އެކަމަށް ޝައްކުކުރާކަށް އެއްވެސް ޖާގައެއް ނެތެވެ.  

މިޘާލެއް ބުނެލާނަމެވެ. ކިތަންމެ މީރުކޮށް ކޭކެއް ފިހުނު ނަމަވެސް ހަކުރު ނާޅާނަމަ އެއިގައި ފޮނިރަހައެއް ނުލާނެއެވެ. ފޮނިރަހަ ނުލީމާ ކޭކަކަށްވެސް ނުވާނެއެވެ. ކޭކަކީ ފޮނިރަހަލާންޖެހޭ އެއްޗަކަށްވާތީއެވެ. ހަމަ މިއުޞޫލުން ކައިވެނިކުރުމަށްފަހު ދުނިޔަވީ ކަންކަން ކިތަންމެ ފުރިހަމަކުރިނަމަވެސް ޢަމަލުތައް އިޞްލާޙްކޮށް، ފާފަކުރުން ހުއްޓައިނުލާނަމަ ކައިވެނީގައި ބަރަކާތެއް ނުލައްވަވާނެތެވެ. ބަރަކާތް ނުލައްވަވާނަމަ ކައިވެނިން ޙާޞިލުކުރަންޖެހޭ އުފާވެރިކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟  

ވީމާ ކައިވެނިކުރެވޭ ހިސާބުން ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތް ކުރާށެވެ! ފާފައެއް ނުކުރަން މަސައްކަތްކުރާށެވެ! ފާފައެއް ނުކުރީމާ ދެމީހުންގެ މެދުގައި މައްސަލަ ޖެހޭނެ ކަމެއް މެދުވެރިއެއް ނުވާނެއެވެ. އިން ޝާ ﷲ

މިޘާލަކަށް ދޮގުނުހެދީމާ މަކަރެއް ނުހެދޭނެއެވެ. ތެދުވެރިވެވޭނެއެވެ. ލިބޭ އާމްދަނީން ހިލޭ އަންހެނުންނަށް ނުވަތަ ފިރިހެނުންނަށް ޚަރަދުނުކުރީމާ ފުދުންތެރިކަން އިތުރުވާނެއެވެ. ފާޙިޝް ޢަމަލެއް ނުކުރީމާ ދެމްފިރިންގެ ގުޅުން އަބަދުވެސް ދާނީ ކުރިއަރަމުންނެވެ. ލޯބި އިތުރުވަމުންނެވެ. އެންމެ އުފާވެރި ޚަބަރަކީ އެއްވެސް ފާފައެއް ނުކޮށް ތަޤްވާވެރިވާން މަސައްކަތްކުރީމާ ﷲ ތަޢާލާ ބަރަކާތް ލައްވަވައި ހުރިހާ ގޮތަކުންވެސް އުފާވެރިކަން ދެއްވަވާނެ ކަމެވެ.

 

- މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން