އަނބިމީހާގެ ކިބައިން ހިތްހަމަޖެހުން ލިބޭނީ އޭނާ ނިދުމުގެ ކުރިން ގެއަށް ގޮސް އެކުގަ ނިދައިގެން! ނިދީމާ ދަމާނަގައިގެން އުފާ ހޯދަން އުޅުނަސް އެކަމެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އަނބިމީހާގެ ކިބައިން ހިތްހަމަޖެހުން ލިބޭނީ އޭނާ ނިދުމުގެ ކުރިން ގެއަށް ގޮސް އެކުގަ ނިދައިގެން! ނިދީމާ ދަމާނަގައިގެން އުފާ ހޯދަން އުޅުނަސް އެކަމެއް ނުވާނެ!

ގިނަ ބައެއްގެ އޮންނަ އެންމެ ބޮޑު ބަލިފަޔަކީ ދިރިއުޅެން މަސައްކަތެއް ނުކުރިނަމަވެސް އަދި ކުރަންޖެހޭ މުހިންމު ކަމެއް ނެތަސް އަނބިމީހާ ނިދުމުގެ ކުރިން ގެއަށް ނުދެވޭކަމެވެ. މިއީ ވަރަށް ބޮޑު އިޖުތިމާޢީ މައްސަލައެކެވެ.  

އުޅޭނެ ތަނެއްގައި އުޅޭނެހައި އިރެއްވަންދެން އުޅެފައި ގޮސް ގެއަށް ވަދެފައި ހަމަހިމޭންކަން ބޭނުންވާ ކަމަށް ބުންޏަކަސް އެކަމެއް ނުލިބޭނެއެވެ. ނުލިބުނީމާ ކިތަންމެ ބާރަށް އެކަމުގެ ޝަކުވާ ކުރުރިޔަސް ހަމަޖެހުމެއް ނުލިބޭނެއެވެ.  

ހަމަހިމޭންކަމަކީ ހޯދުމުން ލިބޭ އެއްޗެކެވެ. އެކަން ލިބިގަންނަން މަސައްކަތްކުރުމުން ލިބޭ އެއްޗެކެވެ. އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްދީގެން ހޯދޭނެ އެއްޗެކެވެ.  

މަސައްކަތް ނިމުނަސް ގެއަށް އަންނަނީއެއް ނޫނެވެ. ގެއަށް އަޔަސް ފެންވަރާލައި ރީތިވެލައިގެން ނުކުމެގެންދަނީއެވެ. ނިދަން އަންނަނީ މެންދަމުން ފަސްވާފަހުންނެވެ. އެކަމަކުވެސް މިބުނަނީ ހަމަޖެހުން ބޭނުންވާ ކަމަށެވެ. އެފަދައިން ބުނާ ފިރިން ގާތުގައި ބުނަން އޮތް ބަހަކީ އުޅޭނެހައި ގޮތަކަށް އުލެފައި ހަމަޖެހުން ބޭނުންވާނަމަ ކައިވެނިނުކުރާށެވެ! ދަރިން ނުހޯދާށެވެ! އެކަނިހުރެގެން އުޅެން ބޭނުންވާ ގޮތަކަށް އުޅޭށެވެ!  

އަނބިމީހާއަށްވެސް ހަމަޖެހުން ބޭނުންވެއެވެ. ހެޔޮލަފާ އަނބިންނަށް ހަމަޖެހުން ލިބޭނީ ފިރިމީހާގެ ކިބައިން ލިބެންޖެހޭ ލޯތްބާއި އަޅައިލުން ލިބިގެންނެވެ. އެކުގައި ވަޤުތު ހޭދަކޮށްގެންނެވެ. ދަރިންނަށް ބޭނުންވާ ހަމަޖެހުން ދަރިންނަށް ލިބޭނީ ދަރިންނަށް އަޅާލައިގެންނެވެ. ދަރިންނާއިއެކުގައި ވަޤުތު ހޭދަކޮށްގެންނެވެ.  

ޚުލާޞާއަކީ އެންމެންވެސް ހަމަޖެހުން ބޭނުންވެއެވެ. ވީމާ ހަމަޖެހުން ވާންޖެހޭނީ ޗޭނެއްގެ ބޮޅުތަކަކަށެވެ. ބޮޅުތައް ގުޅި ގުޅިލާމެހިގެން ނޫނީ ޗޭނު ފުރިހަމައެއް ނުކުރެވޭނެއެވެ. ޗޭނު ފުރިހަމަ ނުވުމުން ހަމަޖެހުން ނުލިބޭނީ ވަކިމީހަކަށް ނޫނެވެ. ހަމަ އެކަކަށްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ވީމާ ހަމަޖެހުން ބޭނުންވާނަމަ ޗޭނު ފުރިހަމަކުރާށެވެ!

 

- އަލަފް / މިއަދުނޫސް 

މިއަދު އޮންލައިން