މުސްލިމުން ދެރަވެ ހިތާމަކޮށް ލޮލުން ކަރުނައަޅާނެ އެތައްކަމެއް ހިނގާނެއެވެ. އެކަންކަން އެގޮތަށް ހިނގާނެކަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. މުސްލިމުންގެ ބާރު ކެނޑި މޫދުގައިވާ ފޮނުތައް ފަދައިން އެއްވެސް ބާރެއް ނެތް ބައަކަށްވާނެކަންވސް އެނގެން އެބައޮތެވެ. މިއަދު އުންމަތުގެ ޙާލު މިއޮތީ އެދަރަޖައަށް ވެއްޓިއެވެ. ދީނާ ޤައުމުގެ ދިފާޢުގައި އެއްވެސްކަމެއް ކުރެވެން ނެތް ޙާލަތަށް ވެއްޓިފައިވާތަން މިހާރުވެސް މިދަނީ ފެންނަމުންނެވެ.
މުސްލިމުންގެ 3 ވަނަ ޙަރަމްފުޅަށް ބެލިނަމަވެސް ލޮލުން ކަރުނައަޅަންޖެހެއެވެ. ޔަހޫދީން ބޭނުންވުމުން މަސްޖިދުލްއަޤްޞާއަށް ވަދެގަނެއެވެ. އެތަނުގައި އަޅުކަންކުރަން ތިބޭ މީހުންނަށް ޖެއްސުންކުރެއެވެ. ހިފައި ހައްޔަރުކުރެއެވެ. ބަންދުކޮށް މުސްލިމުންނަށް ނުވަދެވޭނެ ގޮތްހަދައެވެ. މިހުރީ ވިސްނައިލި މީހެއްގެ ލޮލުން ކަރުނަ ނުހިކޭނެ ކަންކަމެވެ.
ފެނިގެންދާނެ ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މައްކާގެ ޙަރަމްފުޅު ތަޅައިލުމެވެ. ނަމަވެސް އެހިސާބަށް ކަންކަން ދާނީ މުސްލިމުން މަދުވެ އާރާއިބާރު ނެތިވެ ދިއުމުންނެވެ.
މިއީ މިއިން ޒަމާނަކު ހިނގާނެ ކަމެއް ނޫނެވެ. ކޮންމެވެސް ޒަމާނެއްގައި ހިނގާނެ ކަމެކެވެ. ކޮންމެވެސް ޒަމާނެއްގައި ހިނގާނެ ކަމެކެވެ. އަހުރެމެންނަށް އޮތީ އެޙާލަތަށް އުންމަތުގެ ކަންކަން ދިއަނުދީ ހިފަހައްޓަން ގަދައަޅައި މަސައްކަތްކުރުމެވެ.
ގުޅުންހުރި ލިޔުމެއް:
ގެފުޅު މުގުރާލާނެ، އަބްރަހަތުލްއަޝްރަމްގެ ޢާއިލާއިން ނުކުންނަމީހަކު ޤުއްޞުވެޤަތައިނި އެވެކިޔާމީހަކު ނިކުމެ މުޅޯއެއް ހިފައިގެން އައިސް ހަމަ ގަލަކުން ގަލަކުން މިހެން ޖަހާ ކަޢުބަތުﷲ ގެފުޅުގެ ހުރި ބަރަކާތްތެރި ގާފޮޅު އެގާފޮޅުތައް އެގާފޮޅުތަކާ އެއްޗެހި އެމީހުން ތަޅަމުން ތަޅަމުން ގެންގޮސް މުޅި ކަޢްބާ ފުނޑުފުނޑު ކޮށްލާނެ! މިހިސާބުން ޙައްޖެއް ނުވެވޭނެ، އެހިސާބުން ޢުމްރާއެއް ނުވެވޭނެ، އެހިސާބުން އެކަންވެސް ބަންދުވީ.
- ޝައިޚް އިބްރާހީމް ފަރީދު އަޙްމަދު
މިއީ މުސްލިމުންނަށް ވަރަށް އަސަރުކުރާ ވާހަކަކޮޅެކެވެ. ބައެއް މީހުންނަށް ޤަބޫލުކުރަން އުނދަގޫތަކެއް ކުރިމަތިވާ ވާހަކައެކެވެ. އެހެނީ މައްކާގެ ޙަރަމްފުޅަކީ ދުނިޔޭގެ ބިންމަތީގައިވާ ބިނާ ތަކުގެ ތެރެއިން މުސްލިމުން އެތަނެއް ދެކެ އެންމެ ބޮޑަށް ލޯބިވާ ތަނެވެ. ވީމާ ޙަރަމްފުޅު ނެތިގެން ދިއުމަކީ މުސްލިމުންނަށް އެންމެ ބޮޑަށް އަސަރުކުރާނެ އެއްކަންތަކެވެ.
ނަމަވެސް އެއީ އެކަމުގެ ވަޤުތުޖެހުމުން ހިނގާނެ ކަމެއްކަމާއި އެކަންކުރާނެ މީހާގެ ނަމަށްދާންދެން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ. ވީމާ އެއީ އެގޮތަށް އެކަން ހިނގާނެ ކަމެއްކަމާއިމެދު ޝައްކުކުރުމެއް ނެތެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
ވިސްނައިލާށެވެ! މައްކާގެ ޙަރަމްފުޅު ތަޅައި ސުންނާފަތިކޮށްލަން ބޮޑު ލަޝްކަރެއް އައިހިނދު އެމީހުންނަށް ﷲ ލެއްވެވި ކޯފާ އާއި އެމީހުން ނިމިދިއަ ގޮތް އަލް ފީލް ސޫރަތުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވަވައިފައެވެ.
"އެތުގެ އެކުވެރިންނާމެދު (އެބަހީ: ފީލު ބާގައިމީހުންނާމެދު) ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަންތައް ކުރެއްވިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟ (1)
އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟ (2)
އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ. (3)
ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ. (4)
ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ."(5)
އެހެންކަމަށްވާއިރު އެންމެ މީހަކަށް ހަމައެޙަރަމްފުޅު ތަޅައި ނެތިކޮށްލެވެނީ އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. އޭނާގެ ބާރުގަދަކަމަކުންނޫނެވެ. އޭނާގެ ބާރު ކިތަންމެ ގަދަ ނަމަވެސް އޭނާއަށް ކުރެވޭނީ އެކަމެއް ކުރަން ﷲ ތަޢާލާ އިރާދަކުރައްވަވާ ކަމެކެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.
- -އިސްލާމީ ތިލަފަތުގެ ދަރުސަކުން