ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: ފުރަތަމަ އާޔަތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 8ސ
ފަށްކުރުމެއް!: ސޫރަތުލްފާތިޙާގެ ތަފްސީރު: ފުރަތަމަ އާޔަތް

(الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ )

މާނައީ: ( އެންމެހާ حمد ހުރީ، عالم ތަކުގެ ވެރި اللَّه އަށެވެ.  ) 

الْحَمْدُ ގެ މާނައި: ޙަމްދު ލިބިގެންވާ ފަރާތަށް ފުރިހަމަވެގެންވާ ފުރިހަމަކަމާއި ލޯތްބާއި މަތިވެރިކަން ނިސްބަތްކުރުމެވެ. އެ އިލާހަށް ނިސްބަތްކުރެވޭ ފުރިހަމަކަމަކީ އެއިލާހުގެ ޒާތުފުޅުގައި ފުރިހަމަވެގެންވާކަމާއި އެއިލާހުގެ ސިފަފުޅުތަކުގައި ފުރިހަމަވެގެންވާކަމާއި އެއިލާހު ކުރައްވާ ކަންތަކުގައި ފުރިހަމެގެންވުން ކަމުގައި ވާންޖެހެއެވެ. އަދި މި ފުރިހަމަކަން ނިސްބަތްކުރުމިގައި ލޯތްބާއި މަތިވެރިކުރުމާއި އެކު ނިސްބަތްކުރުން ލާޒިމްވެގެންވެއެވެ. އެހެނީ ޢިލްމުވެރިން ވިދާޅުވާގޮތުގައި ލޯތްބާއި މަތިވެރިކުރުމާއި ނުލާ ފުރިހަމަކަށް ނިސްބަތކުރުމަކުން އެއީ ޙަމްދުކުރުން ކަމުގައި ނުވާނެއެވެ. އެކަންވާނީ މަދަޙަ ކިޔުމަށެވެ. 

އެހެންކަމުން ލޯބިނުވާ މިހުންވެސް މަދަޙަކުރާތަން އަހަރެމެންނަށް ފެނެއެވެ. އެހެނީ އެއީ އޭނާ މަދަހަ ކިޔުނު މީހާގެ ފަރާތުން އެއްޗެއް ހޯދަންވެގެން ކިޔާ މަދަހައެކެވެ. ބއެއް ޅެންވެރިން ވެރިންގެ ކުރިމަތީގައި އެމީހުންނަށް މަތިވެރި ސިފަތަކުން ޘަނާކިޔައެވެ. އެހެންނަމަވެސް އެ ވެރިން ދެކެ ލޮބިވުމަކާއި ނުލައެވެ. އެހެންނަމަވެސް ވެރިން ދޭ މުދަލަށް ލޯބިކޮށްގެން ނުވަތަ އެ ވެރިން ދެކެ ގަންނަ ބިރެއްގެ ސަބަބުންނެވެ. އެހެންނަމަވެސް އަހަރެމެން އަހަރެމެންގެ ރައްބަށް ޙަމްދުކުރަނީ ލޯތްބާއި މަތިވެރިކުރުމާއި އެކުގައެވެ. އެހެންކަމުން ޙަމްދުކުރުގައި ޙަމްދުކުރެވޭ ފަރާތް ދެކެ ލޮބިވާ ޙާލު އެފަރާތް މަތިވެރިކުރާ ހާލު ޙަމްދުކުރުމަކީ ލާޒިމްކަމެކެވެ. الْحَمْدُ މި ކަލިމައިގައިވާ ال އައިސްފައިވަނީ ޢަރަބި ބަހުގެ ޤަވާޢިދުގައި الاتسغراق އަށެވެ. އެބަހީ މި ال އިން މާނަކޮށްދެނީ ޙަމްދުކުރެވޭ ހުރިހާ ގޮތަކަށް ހަމްދުގެ ހުރިހާ ވައްތަރެއް ޙަމްދުގެ އެންމެ ފުންމިނަށް ﷲ ތަޢާލާ ޙަމްދުހުރިކަމެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅު: ( لله ) މާނައީ: ( ﷲ އަށެވެ.) މި ކަލިމައިގައި މިވާ ل ގައި ޢަރަބި ބަހުގައި ދެ މާނައެއް ވެއެވެ. އެއީ الاختصاص ގެ މާނައާއި الاستحقاق ގެ މާނައެވެ. الاختصاص ގެ މާނަ އައިސްފައި އޮތުމުން ދޭހަވަނީ ﷲ އަށް ޚާއްޞަކޮށް ޙަމްދުލިބިވޮޑިގެންވާ ކަމެވެ. އަދި الستحقاق ގެ މާނަ އައުމުން އެނގިގެންދަނި އެ ޙަމްދުލިބިވޮޑިގެންވަނީ ﷲ އަށް ކަމެވެ. މި ކަލިމައިގައި ވާ "ﷲ"  އަކީ އަހަރެމެންގެ ރައްބުގެ ނަންފުޅެވެ. މި ނަމުން އެއިލާހު ފިޔަވައިން އެހެން ފަރާތަކަށް ނަންކީގެން ނުވެއެވެ. މި ކަލިމައިގެ މާނައަކީ ލޯތްބާއި މަތިވެރިކުރުމާއިއެކު  އެފަރާތަކަށް އަޅުކަންކުރެވޭ ފަރާތެވެ. 

ﷲ ތަޢާލާގެ ވަޙީބަސްފުޅު: (رَبِّ الْعَالَمِينَ ) މާނައީ: ( ޢާލަމްތަކުގެ ވެރިރައްބެވެ.) الرب  މާނައަކީ ތިން ސިފައެއް ލިބިވޮޑިންވާ ފަރާތެކެވެ. އެއީ ޚަލްޤުކުރެއްވުމާއި މިލްކުވެރިކަމާއ ތަދުބީރުކުރެއްވުން ނުވަތަ ކަންތައްތައް ހިންގެވުމެވެ. ފަހެ ﷲ ތަޢާލާއީ ހުރިހާ އެއްޗެއް ޚަލްޤުކުރެއްވި އިލާހެވެ.އަދި އެންމެހާ ތަކެތީގެ މިލްކުވެރި އިލާހެވެ. އަދި އެންމެހާ ކަންތައް ތަދުބީރުކުރައްވާ ހިންގަވާ އިލާހެވެ. الْعَالَمِينَ އާއި ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެއެވެ.  ﷲ ފިޔަވައި ކޮންމެ އެއްޗަކި ޢާލަމެކެވެ. މަޚްލޫޤާތްތަކަށް ޢާލަމް އޭ ކިޔުނު ސަބަބަކީ އެތަކެއްޗަކީ އެތަކެތީގެ ވެރިއިލާހު ވޮޑިގެންވާކަމުގެ ޢަލާމާތްތަކެއް ކަމުގައި ވުމުންނެވެ. އެހެނީ ﷲ ތަޢާލާ ޚަލްޤުކުރެއްވި ކޮންމެ އެއްޗެއްގައި އެ އެއްޗެއް ޚަލްޤުކުރެއްވި ފަރާތެއްވާކަމުގެ ހެކިވެއެވެ. އެއިންކޮންމެ އެއްޗެއްގައި އެތަކެތި ޚަލްޤުކުރެއްވި ޚާލިޤުގެ ޤުދުރަތްތެރިކަމާއި ޙިކްމަތާއި ރަޙުމަތާއި ޢިއްޒަތާއި އަދި މިނޫންވެސް ރައްބުވަންތަކަމުގެ ސިފަތަކަށް ހެކިލިބޭ އެތައްކަމެއްވެއެވެ. 

މި އާޔަތުން ލިބޭފާއިދާތައް:

އެންމެ ފުރިހަމަވެގެންވާ ޙަމްދު ﷲ ތަޢާލައަށް ލިބޮވޮޑިގެންވާކަން ޘާބިތުކުރުން. އެހެނީ ﷲ ތަޢާލާގެ ބަސްފުޅު (الحمد…) ގައިވާ ال ގައި الاستغراق ގެ މާނަ  އެކުލެވިގެންވެއެވެ. މިމާނަ އެކުލެވުމުން ދޭހަކޮށްދެނީ ހުރިހާވައްތަރެއްގެ ހުރިހާ ޙަމްދެއް ﷲ ތަޢާލާއަށް ވާކަމެވެ.

- ނުނިމޭ- އައްޝައިޚް އަޙްމަދު މިޙްޞަން މުޙައްމަދު  

________________________________________________________

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة الفاتحة  ގެ ތަފްސީރުގެ ތަރުޖަމާއެވެ.

 

މިއަދު އޮންލައިން