ތިބާގެ ހަށިގަނޑުގަވަނީ ކޮންބާވަތެއްގެ ހިތެއްކަން އެބަ އެނގޭތަ؟ ހިތުގެ މިޞްރާބް އެނގޭނީ ހިތް އޮތް ޙާލަތު އެނގިގެންތާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 30ސ
ތިބާގެ ހަށިގަނޑުގަވަނީ ކޮންބާވަތެއްގެ ހިތެއްކަން އެބަ އެނގޭތަ؟ ހިތުގެ މިޞްރާބް އެނގޭނީ ހިތް އޮތް ޙާލަތު އެނގިގެންތާ!

ތިމާގެ މުޅި ޙަޔާތް އެންމެ ބޮޑަށް ގުޅިފައި އޮތީ ތިމާގެ ހިތާއިކަން ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އަދި ކުރިއަށް މިދެވެނީ ސުވަރުގެ ނުވަތަ ނަރަކައާ ދިމާއަށްކަން ކަނޑައެޅުމުގެ ބޮޑުބައި އޮތީ ހޮތުގައެވެ. އެހެންކަމުން ހިތާއިމެދުގައިވާ މިޙަޤީޤަތްތަކަށް ވިސްނައިލަމާހެއްޔެވެ؟    

އަންނަނިވި ފޮޅުވަތްތަކުގައި ހިތުގެ ބައްޔާމެދު ކުރު ތަފްޞީލެއް ދޭހުށީމެވެ.  

ސަލާމަތްވެގެންވާ ހިތް: 

އެއީ ﷲ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް އަޅުކަންކޮށް ޝިރްކުގެ އެއްވެސް ބާވަތެއްގެ ޢަމަލެއްކޮށްހެދުމުން ސަލާމަތްވެގެންވާ ހިތެވެ. އަދި ކިއެއްތަ! އެއީ އެހިތުގެ އަޅުކަން ﷲ ތަޢާލާއަށް ޚާލިޞްވެގެންވާ ހިތެވެ. އެހެނީ ނިޔަތުގެ ގޮތުންނާއި މަޙައްބަތުގެގޮތުންނެވެ. ވަކީލުކުރުމުގެ ގޮތުންނާއި އެކަލާނގެ މަގަށް ރުޖޫޢަވެ ތަވްބާވުމުގެ ގޮތުންނެވެ. އަދި އެކަލާނގެއާމެދު އިޠުމިއުނާނުކަން ލިބި ޚުޝޫޢަތްތެރިވުމުގެ ގޮތުންނާއި ބިރުވެތިވުމުގެ ގޮތުންނެވެ. އަދި ﷲގެ ރަޙްމަތާއި ދަރުމައަށް އެދުމާއި އެކަލާނގެއަށް ތިމާގެ ޢަމަލު ޚާލިޞްކުރުމުގެ ގޮތުންވެސްމެއެވެ. 

ފަހެ މިގޮތުގެމަތީން އިންސާނާ ވާހިނދު، އޭނާ ލޯބިވެއްޖެނަމަ ލޯބިވާނީ ﷲ ގެ މަގުގައެވެ. އަދި ނުރުހުންތެރިވެ ނަފްރަތުވެއްޖެނަމަ އެހެންވާހުށީވެސް ﷲ ގެ މަގުގައެވެ. އަދި އޭނާ އެއްޗެއް ދީފިނަމަ ދޭހުށީ ﷲ އަށްޓަކައެވެ. އަދި ނުދީމަނަޢަވެގެންފިނަމަ މަނަޢަވެގަންނަހުށީވެސް ހަމަ ﷲ އަށްޓަކައިމެއެވެ. އަދި މިވަރަކުންވެސް ނުފުދެއެވެ. އެއީ رسول الله صلّى الله عليه وسلّم ފިޔަވައި އެހެން އެއްވެސް މީހަކަށް އޭނާ މުޅީން ތަސްލީމްކޮށް ބޯލަބައިފުމުން ސަލާމަތްވެއްޖައުމަށް ދާންދެނެވެ. 

މަރުވެފައިވާ ހިތް: 

އެއީ އޭގައި އެއްވެސް ދިރުމެއް ނުވާހިތެވެ. އެހިތް އޭގެ ވެރިރަސްކަލާނގެ މަޢުރިފާކޮށެއް ނުދަންނާނެއެވެ. އަދި އެކަލާނގެއަކަށް އޭނާ އަޅުކަމެއް ނުކުރާނެއެވެ. އަދި އެކަލާނގެ އަކަށް އޭނާ ލޯތްބެއްނުވާނެއެވެ. އަދި ނުވެސް ރުހޭނެމެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާ އަބަދުވެސް مشغول ވެގެންވާނީ އޭނާގެ ޝަހްވަތްތަކާއި ލައްޒަތްތަކާއިގެންނެވެ. އެކަމުގައި އޭނާގެވެރިރަސްކަލާނގެ ރުހިވޮޑިގަތުމާއި ކޯފާ އެކުލެވިގެންވާކަން އެގުނުކަމުގައި ވިއަސްމެއެވެ. އޭނާ އެކަމަކަށް ފަރުވާލެއް ނުބަހައްޓާނެއެވެ އެހެނީ އޭނާއަކީ ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ މީހެކެވެ. އޭނާ ކަމަކަށް ލޯބިވެއްޖެނަމަ އަދި ކަމަކަށް ނުރުހުންވެ ނަފްރަތްތެރި ވިއަސް އޭނާ އެކަންކުރާނީ އޭނާގެ ހަވާނަފްސަށްޓަކައެވެ. އަދި އެއްޗެއްދީ ނުވަތަ ނުދީ މަނަޢަވެގަތްކަމުގައި ވިއަސް އޭނާ އެކަން ކުރާނީ ހަމަ އޭނާގެ ހަވާނަފްސަށް ޓަކައިމެއެވެ. އެހެނީ އޭނާގެ ގާތުގައި، އޭނާގެ ވެރިރަސްކަލާނގެ ރުހިވޮޑިގަތުމަށްވުރެ ބޮޑަށް ހަވާނަފްސަށް އިސްކަންދެވޭނެއެވެ. 

މިފަދަ މީހަކަށް ﷲ ގެމަގަށް ގޮވާލެވިއްޖެނަމަ އެއަޑެއް ނާހާނެއެވެ. އަދި  އެއްވެސް ނާޞިޙެއްގެ ނަޞީޙަތަކަށް އިޖާބައެއް ނުދޭނެއެވެ. އޭނާ ތަބަޢަވާނީ ނުބައިވެގެންވާ ކޮންމެ ޝައިޠާނަކަށެވެ. އޭނާ ނުރުހުން ކުރުވައި އަދި ރުއްސައި ހަދާނީ އޭނާގެ ދުނިޔެއެވެ. އޭނާއަކީ ބާޠިލުގެ އަޑުފިޔަވައި އެހެން ހުރިހާ ހެޔޮބަހަކުން ކަންފަތް ބީރުވެ ހުރިހާ ހެޔޮކަމަކުން މަޙްރޫމްވެ އަނދިރިވެފައިވާ މީހެކެވެ. މިފަދަ ހިތެއްގެ ވެރިއަކާ ގައިގޯޅިވުމަކީ ބަލިމަޑުކަމެކެވެ. މިފަދަ މީހަކާ އެކުގައި އުޅުމަކީ ވިހައެކެވެ. އަދި މިފަދަ މީހަކާ އެއްތަނެއްގައި އިށީދެ ވާހަކަ ދައްކައި އުޅުމަކީ ހަލާކުހުރި ކަމެއްމެއެވެ.  

ބަލިވެފައިވާ ހިތް: 

މިއީ ދިރުމެއްވާ، އެހެންނަމަވެސް ބަލިމަޑުކަމެއް ޖެހިފައިވާ ހިތެކެވެ. އެއަށް ދެމާއްދާއަކުން އަސަރުފޯރާނެއެވެ. އާއެކެވެ! އެއްފަހަރަކު އެއިން ކޮންމެވެސް އެއްމާއްދާއަކުން އެއަށް ބާރުލިބިދާނެއެވެ. އަނެއްފަހަރަކު އަނެއް މާއްދާއަކުންނެވެ. އެކަން ހިގާނީ އޭގެތެރެއިން ބާރުގަދަވި މާއްދާއެއްގެ މައްޗަށެވެ. އެއްމާއްދާއަކީ އެހިތަށް ދިރުން ގެނެސްދޭ މާއްދާއެވެ. ފަހެ ﷲ އަށް ލޯބިވުމާއި އެކަލާނގެއަށް އީމާންވުމާއި إخلاص ތެރިވުމާއި އެކަލާނގެއަށް ވަކީލުކުރުމަކީ އެމާއްދާގެ އަސަރުގެ ތެރެއިންވާ ކަންކަމެވެ. އޭގެ އަނެއްކޮޅަކީ ޝަހުވަތްތަކަށް ލޯބިކުރުމާއި އެކަންތަކަށް އިސްކަންދިނުމާއި އެކަންތައް ޙާޞިލްކުރުމުގެ ޝައުޤުވެރިކަން ބޮޑުވުމެވެ. އަދި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި އަދި ރިއާސަތަށް ދަހިވެތިވެ ބިމުގައި ފަސާދައުފެއްދުމާއި މިފަދަ ކަންކަމެވެ. މިއީ އެހިތުގެ ހަލާކާއި ގެއްލުމުގެ މާއްދާގެ އަސަރުތަކުގެ ތެރެއިންވާކަމެކެވެ.  

ކަން މިހެންހުރުމާއެކު އެހިތުގެ ވެރިޔާވަނީ ދެމަގެއްގެ ދެމެދުގައި އިމްތިޙާނުކުރެވޭ މީހެއްގެ ގޮތުގައެވެ. އެއްމަގަކީ ﷲ އާއި އެކަލާނގެ ރަސޫލާ އާއި އާޚިރަތް ދުވަހަށް ގޮވައިލެވޭ މަގެވެ. އަނެއްމަގަކީ ދުނިޔެ އެދިގަތުމަށް ގޮވައިލެވޭމަގެވެ. ފަހެ އޭނާ އިޖާބަދޭނީ އޭގެ ތެރެއިން އެންމެ ކައިރީގައިވާ މަގަށެވެ. އަދި އެންމެ އަވަހަށް ވަދެވޭން އޮތްމަގަށެވެ. ފަހެ އެއީ ދުނިޔެ އެދިގަތުމުގެ މަގެވެ. އަދި ޝައިޠާނާގެ މަގެވެ.  

އިސްވެ ބަޔާންވެގެން އެދިޔައީ ހިތުގެ ތިން ބާވަތާ ބެހޭ ކުރު ތަޢާރުފެކެވެ. ފަހެ، ފުރަތަމައަށް ނަންގަނެވުނު ހިތަކީ ދިރިހުރި، ޚުޝޫޢަތްތެރި މަޑުމައިތިރި އަދި ހޭލުންތެރި ހިތެކެވެ. ދެވަނައީ ހިކި އަނަރޫފަވެ މަރުވެފައިވާ ހިތެކެވެ. ތިންވަނައީ ބަލިޖެހިފައިވާ ހިތެކެވެ. މިހިތަކީ އެއްގޮތެއްގައި ސަލާމަތުގެ އައްސޭރިއާ ކައިރިވެގެންވާ ހިތެކެވެ. އަނެއް ގޮތެއްގައި ހަލާކުގެ ތުންފަތްމަތީގައިވާ ހިތެކެވެ.  

ޢިލްމުވެރީން ދެކެވަޑައިގަންނަވާ ގޮތުގައި މިތިންހިތުގެވާހަކަ އެކުލެވިގެންވާ ގޮތުގައި الله سبحانه وتالى  ވަޙީ ކުރައްވާފައިވެއެވެ.  

"وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ وَلا نَبِيٍّ إِلاَّ إِذَا تَمَنَّى أَلْقَى الشَّيْطَانُ فِي أُمْنِيَّتِهِ فَيَنسَخُ اللَّهُ مَا يُلْقِي الشَّيْطَانُ ثُمَّ يُحْكِمُ اللَّهُ آيَاتِهِ وَاللَّهُ عَلِيمٌ حَكِيمٌ، لِيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَالْقَاسِيَةِ قُلُوبُهُمْ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ، وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِن رَّبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَى صِرَاطٍ مُّسْتَقِيمٍ"(الحج 52، 53، 54)

މާނައީ: ރަސޫލަކު ނުވަތަ ނަބިއްޔަކު ކިޔަވާ ވިދާޅުވެއްޖެ ހިދު، އެބޭކަލެއްގެ ކިޔަވާވިދާޅުވުމުގެ ތެރެއަށް ޝައިޠާނާ ވަސްވާސް ލާފައިވާ ބޭކަލަކު ކަމުގައިވާ ޙާލުގައި މެނުވީ، ކަލޭގެފާނުގެ ކުރީން އެއްވެސް ރަސޫލަކު އަދި ނަބިއްޔަކުވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ ﷲ، އެޝައިޠަނާ އެއްލާވަސްވާސްތެރިކަން ނެތިކުރައްވައެވެ. ދެން ﷲ، އެކަލާނގެ އާޔަތްތައް ސާބިތުކޮށްދެއްވައެވެ. ﷲ އީ މޮޅަށްދެނެވޮޑިގެންވާ ހަކީމުވަންތަ ރަސްކަލާނގެއެވެ. (އެއީ) އެބައިމީހުންގެ ހިތްތަކުގައި ބަލިމަޑުކަމެއް ހުންނަ މީހުންނަށާއި އަދި އެބައިމީހުންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް އިމްތިޙާނެއް ކަމުގައި، ޝައިޠާނާ އެއްލާ ވަސްވާސްތެރިކަން ލެއްވުމަށްޓަކައެވެ. ހަމަކަށަވަރުން އަނިޔާވެރިންވަނީ (ޙައްޤާ) ދުރުވެގެންވާ ދެކޮޅުވެރިކަމެއްގެ ތެރޭގައިކަން ކަށަވަރެވެ. އަދި ޢިލްމު ދެއްވުނު މީހުންނަށް، ހަމަކަށަވަރުން އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި ޙައްޤު ބަސްފުޅުކަން އެގި އެއަށް އީމާންވެ ދެންއެއާމެދު އެބައިމީހުންގެ ހިތްތައް ހަމަޖެހިގެންދިއުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ އީ، އީމާންވީ މީހުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދައްކަވާ ރަސްކަލާނގެ ކަން ކަށަވަރެވެ." 

އިސްވެދިޔަ އާޔަތްތަކުގައި، ހިތްތައް ބެހިފައިވާ ތަފާތުބައިތައް ބަޔާންވެގެންވެއެވެ. ވީމާ ކަލޭގެހިތް ހިމެނިފައިވަނީ އޭގެތެރެއިން ކޮންބައެއްގައިކަން އަދި ކަލޭގެ ޙާލަކީކޮބައިކަން ދެނެގަންނާށެވެ! އަދި ހަވާނަފްސަށް ތަބަޢަނުވާށެވެ! އޭރުން ކަނުއަދިރީގައި އާވާރާވެފައިވާ މީހަކުފަދައިން ވެދާނެއެވެ. އެފަދަ މީހަކަށް ކުރިމަތީގައިވާ އެއްވެސް އެއްޗެއް ނުފެންނާނެއެވެ. އަދި ދެވޭ ނުދެވޭ ތަނެއްވެސް ނުމެއް އެގޭނެއެވެ. 

އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ. فَمَنْ يُرِدِ اللَّهُ أَنْ يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَنْ يُرِدْ أَنْ يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ( 125 ألأنعام)

މާނައީ: "ފަހެ ﷲ އެމީހަކަށް ތެދުމަގު ދެއްކެވުމަށް އިރާދަކުރައްވާ މީހަކަށް އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާމީހަކު އުޑާދިމާއަށް (މައްޗަށް)  އަރައިގެންދާމީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި ނުތަނަވަސްކަން ލައްވައެވެ." 

ޝައްކެއްނެތެވެ. އިންސާނާ މަގުފުރެދިގެންދާއިރު އަދިރީގެ ތެރޭގައި، ދެވޭ ނުދެވޭ ތަނެއް ނޭގި އާވާރާ ވެގެންވާ މީހަކުފަދައިން ވެއެވެ. އެންމެފަހުން ނުބައިކަމުގެ އެންމެމަތީ ހަރުފަތާހަމައަށް ވާޞިލްވެވިދެއެވެ. ފަހެ ބުއްދިވެރިއަކީ އެމީހެއްގެ މޫނު ރައްކާތެރިކުރާ މީހާއެވެ. އަދި އެމީހާގެ ނަފްސު ހިފަހައްޓައި ﷲ އަށް ބިރުވެތިވާ ޙާލު، ސީދާމަގުންހިގާ މީހާއެވެ. ފަހެ ތިމާގެހިތް މަޑުމައިތިރިވެ އޯގާތެރިވެ ރޫޙު ސާފުވެ ނަފްސު ޠާހިރުވާނީ އެގޮތުންނެވެ. އެފަދަމީހުންނަކީ އާޚިރަތްދުވަހުން މަތިވެރިވެގެންވާ ދަރަޖަ ލިބޭނެ މީހުންނެވެ އަދި ދުނިޔަވީ ޙަޔާތުގައިވެސް ހިތްހަމަޖެހުމާއި ޙަޤީޤީ ސަޢާދަތުގެ އަހުލުވެރީން ކަމުގައިވާނޭ މީހުންނެވެ. މާތް ﷲ އެފަދަ މީހުންގެ ތެރެއިން އަޅަމެން ލައްވާށިއެވެ! آمين

 

- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ލިޔުއްވުމަކުން

މިއަދު އޮންލައިން