އެއްދުވަހަކު ފޯނުމަރާމާތުކޮށްދޭ ފިހާރައަކަށް މުސްކުޅި އަންހެނަކު ގޮސް ފޯނުދީފައި އެދުނީ ފޯނުގައި އެއްވެސް އެއްވެސް މައްސަލައެއް ހުރިތޯ ބަލައިދިނުމަށެވެ. ބެލުމުން މައްސަލަ އެއް ނުފެނުނުކަމަށް ބުނުމުން ބުންޏެވެ. "އެހެންވީއިރު މައްސަލަ ޖެހިގެން އުޅެނީ ދަރިފުޅުގެ ފޯނަށްތާއެވެ! ދަރިފުޅަށް ނުގުޅޭތާ 3 މަސްވެއްޖެއެވެ."
މިބުނީ މީހަކު ކިޔައިދިން ވާހަކަކޮޅެކެވެ.
ލޮބުވެތި އެކުވެރިންނޭވެ! މައިންބަފައިންނަށް ނުގުޅައި ނުތިބޭށެވެ! އެމީހުން ފޯނުކުރީމާ ނުނެގޭނެ ޙާލަތެއް އައިސްގެންނުވާނެއެވެ. އަދި އެމީހުންގެ ކޯލް ތަންކޮޅެއް ދިގުވިޔަސް ފޫހިނު ވާހަކަދައްކާށެވެ! އެމީހުން އެގުޅަނީ ބައްދަލުކުރަން ނުދާތީ ދެރަވާވަރުންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! މައިންބަފައިންނަށް މެސެޖެއް ކޮށްލުމަކުން ނުފުދޭނެއެވެ. ދަރިންގެ އަޑުއިވެން އެމީހުން ބޭނުންވާނެއެވެ. ފޮޓޯއެއް ފޮނުވައިފިނަމަ ހިނިތުންވެލާނެއެވެ. އެކަމަކު އަޑުއިވުމުން ލިބޭ އުފާވެރިކަމެއް ނުލިބޭނެއެވެ.
ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. "އެންމެ މަތިވެރި ޛިކުރުކުރުމަކީ ޤުރްޢާން ކިޔެވުމެވެ. ދެއިރުގެ ޛިކުރުތައް ކިޔުންވެސް މުހިންމެވެ. އެހެންކަމާއިއެކުވެސް މައިންބަފައިންނާއި ވާހަކަދެއްކުމުގެ މުހިންމުކަންވެސް ކުޑައެއް ނޫނެވެ. ސަބަބަކީ ﷲ ތަޢާލާއަށްފަހު އެންމެ ބޮޑު އިސްކަމެއް ދޭންއޮތީ މައިންބަފައިންނަށްކަން ޤުރްއާނުން އެނގެން އެބައޮތެވެ."
ޢިލްމްވެރިޔާގެ މިބަސްފުޅުގައި އެވަނީ ކީރިތި ޤުރްޢާނުން ފެންނަން އޮތް ކަމެކެވެ. ވީމާ މައިންބަފައިންގެ ހިތުގައި ޖައްސުވަމުން، އެމީހުންނަށް ނުފެނި ހިތްދަތިކުރުވަމުން ކުރާ ޛިކުރު މާތް ﷲ ޤަބޫލުފުޅު ނުކުރައްވަވައިފިނަމަ އެކަމުން ކުރާނީ ކޮންފައިދާއެއް ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން