ކައިވެނިކުރުމަށްފަހު މާމޮޅު އެހެންގޮތެއް ހޯދުމަށާ ކައިވެނި ރޫޅާލަން އެންމެ ފަސޭހަވާނެ ގޮތަކަށް ވިސްނާނަމަ އެހެދެނީ ބޮޑު ގޯހެއް! އޮތީ އެކުގަ އުޅެން މަސައްކަތްކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކައިވެނިކުރުމަށްފަހު މާމޮޅު އެހެންގޮތެއް ހޯދުމަށާ
ކައިވެނި ރޫޅާލަން އެންމެ ފަސޭހަވާނެ ގޮތަކަށް ވިސްނާނަމަ އެހެދެނީ ބޮޑު ގޯހެއް!
އޮތީ އެކުގަ އުޅެން މަސައްކަތްކުރުން!


މިތަނަށް އެއްވެ ތިބި އެންމެހައި މީސްތަކުންނޭވެ! ތިއައިން ކޮންމެ މީހަކީވެސް ވަރަށް ބޮޑު ނަޞީބުވެރިއެވެ. އަހަރެމެން އެންމެން މިތިބީ އެއާކޮންޑިޝަންކުރި ތަނެއްގައެވެ. ބޯމަތީގައި ފުރާޅެއް ނެތި މިރޭވެސް ނިދަން ތިބީ ކިތައް މިލިއަން މީހުން ހެއްޔެވެ؟ ސުވާލަކީ ދަތިޙާލުގައި ތިބި މީހުން ﷲ ތަޢާލާއަށް ޝުކުރުވެރިވާއިރު ތިބާ ޝުކުރުވެރިވަމުހެއްޔެވެ؟  

މިތަނުގައި އިން ކޮންމެ މީހަކީވެސް ކާން ބޭނުންވާ ފަހަރު ކާނެތަން އެނގޭ މީހުންނެވެ. (އިޚްތިޔާރުކުރުމުގެ ފުރުޞަތު އޮތް މީހުންނެވެ.) ބޭނުންނަމަ ގެއިންނެވެ. ބޭނުންނަމަ ކޮންމެވެސް ރެސްޓޯރަންޓަކުންނެވެ. ނަމަވެސް ނިކަންބުނެބަލާށެވެ. ކާނެ އެތިކޮޅެއް ދެން ލިބޭނީ ކޮންވަގުތަކު ކޮންތަނަކުންކަން ނުއެނގޭ ޙާލުގައި ދިރިއުޅެމުންދަނީ ކިތައް މިލިއަން މީހުންހެއްޔެވެ؟ ސުވާލަކީ ދަތިޙާލުގައި ތިބި މީހުން ﷲ ތަޢާލާއަށް ޝުކުރުވެރިވާއިރު ތިބާ ޝުކުރުވެރިވަމުހެއްޔެވެ؟  

ދެން މިފާހަގަކޮށްލަނީ އަހަރެމެންގެ ތެރެއިން އެންމެ ގިނަ ބައަކަށް އެންމެ ބޮޑަށް ޝުކުރުވެރިނުވެވޭ އެއް ކަންތަކެވެ. އެއީ ކައިވެނިކުރާނެ ބައިވެރިއަކު ލިބި ކައިވެނިކުރެވުމެވެ. އަހުރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިތަނުގައި ގިނަވާނީ އެއްފަހަރު ނުވަތަ އެއަށްވުރެވެސް ގިނަފަހަރު ކައިވެނިކޮށްގެން ތިބި މީހުންނެވެ. އަދި މިވަގުތު ހުހަށްހުރި ނަމަވެސް ބޭނުން ކޮންމެ ވަގުތަކު ކައިވެނިކުރެވެން ތިބި މީހުންނެވެ.  

ނަމަވެސް ނިކަން ވިސްނައިލަބަލާށެވެ! ދުނިޔޭގައި 60، 70 އަހަރު އުޅުމަށްފަހު ދުނިޔެ ދޫކުރާއިރުވެސް ކައިވެނި ނުކުރެވިފައި ތިބެންޖެހެނީ ކިތައް މިލިއަން މީހުންނަށް ހެއްޔެވެ؟ ވީމާ ތިބާއަށް ކައިވެނިކުރެވޭނެ މަގު ފަހިކޮށްދެއްވެވީތީ ޝުކުރުވެރިވަމުހެއްޔެވެ؟  

ކައިވެނިކުރެވުމުން ޝުކުރުވެރިވެވޭނަމަ ކައިވެނިކުރެވުމާއިއެކު ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ޢަމަލުކުރަން އަވަސްވެ ނުގަންނާނެތެވެ. ﷲ ތަޢާލާ އަހަރެމެންނަށް ކުރަން ހުއްދަ ދެއްވެވި ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ ޢަމަލަކީ ވަރިކުރުމެވެ. ނަމަވެސް ކައިވެނިކުރެވުމާއިއެކު މިފެންނަނީ ގިނަ ބައަކު ވަރިކުރަން އަވަސްވެގަންނަތަނެވެ. ޝުކުރުވެރިވުމުގެ ކަންފުޅެއްވެސް ހިތުގައިވޭހެއްޔެވެ؟

ވީމާ އަހުރެންގެ އާދޭހަކީ އެންމެންނަކީވެސް ޝުކުރުވެރިވާ އަޅުނަކްމުގައިވުމެވެ. ކައިވެނިކުރެވިއްޖެނަމަ އެކައިވެނި ދަމަހައްޓައި ކައިވެނިމަތީގައި ދިރިއުޅެން މަސައްކަތްކުރާ ބައަކު ކަމުގައިވުމެވެ. އެންމެ ފަސޭހައިން ވަރިކުރެވޭނެ ގޮތަކާއިމެދު ވިސްނުމުގެ ބަދަލުގައި ކައިވެނިމަތީގައި ދެމިތިބެވޭނެ ގޮތަކާއިމެދު ވިސްނާ ބައަކު ކަމުގައިވުމެވެ. ޝުކުރުވެރިވުމަކީ އެއީއެވެ.  

ޝުކުރުވެރިވާ އަޅުންނަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެކަން އޮތީ އެނގޭށެވެ. ވީމާ އެކަމަށް ޝައްކުވެސް ކުރުމެއް ނެތެވެ. ޝުކުރުވެރިނުވެ ވަރިކުރާ އަދި ވަރިވާ މީހުންނަށް އަބަދުހެން އެކަމުގެ ތެރޭގައި އުޅެންޖެހެނީ މިބުނި ކަންކަމަށް ވިސްނައިނުލެވި ކަންކަން ކުރެވޭތީއެވެ. 

--އިސްލާމީ ތިލަފަތުގެދަރުސަކުން    

މިއަދު އޮންލައިން