ކައިވެންޏަކީ އިންސާނާގެ ދިރިއުޅުމަށް އެންމެ
މުހިންމު ކަންތަކެވެ. އެހެންކަމުން ކައިވެނިކުރަންވާނީ ދެމީހުން ދައްކަންޖެހޭ ވާހަކަތައް ދައްކައި މަޝްވަރާކުރަންޖެހޭ ކަންކަމަށް މަޝްވަރާކުރުމަށް ފަހުގައެވެ. ކައިވެންޏަކީ ޙަޔާތުގެ އެންމެ މުހިންމު ބިންގާކަމަށްވާތީއެވެ.
ތިމާއަށް ލޯބިވެވޭ، ނުވަތަ ކައިވެނިކުރަން ބޭނުންވާ މީހާގެ ކިބައިގައި ތިބާ އެދޭ ހުރިހާ ސިފަތަކެއް ނުހުރެދާނެއެވެ. އަދި އެމީހަކީ ތިބާ ނުރުހޭ ކަންކަންކުރާ މީހަކަށްވެސް ވެދާނެއެވެ. މިއީ ހަމަ ވަރަށް ގިނައިން ކުރިމަތިވާ ކަންކަމެވެ.
ކައިވެންޏަކީ ކުޅޭ ކުޅިވަރަކަށް ނުހަދާށެވެ! ކައިވެނީގެ ދަރަޖަ އެއަށްވުރެ މާމަތިވެރިއެވެ. އަދި ޒަވާޖީ ޙަޔާތެއް ކުރިއަށް ގެންދިއުމަކީ ކުރަން ފަސޭހަކަމެއްވެސް ނޫނެވެ. އެއީ ވަރަށް ބުރަ ކަމެކެވެ. އެތައް ޤުރްބާނީތަކެއްވާންޖެހޭ ކަމެކެވެ.
އެއިގެ ތެރެއިން އެންމެ ބޮޑު އެއް ޤުރްބާނީއަކީ ތިމާ އެކަމެއް ކުރަން ބޭނުންވި ނަމަވެސް ބައިވެރިޔާ އެކަމަށް ނުރުހޭނަމަ އެކަމެއް ނުކުރުމެވެ. އެކަންކުރުން ހުއްޓައިލުމެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ.
ވީމާ ކައިވެނިކުރަން އުޅޭއިރު މަޝްވަރާކުރަން އިސްކަންދޭންވީ ހަނީމޫނަށް ދާނެ ޤައުމާއި ކައިވެނީގެ ޙަފްލާ ވީހައި ބޮޑުކުރުން ފަދަ ކަންކަމަކަށް ނޫނެވެ. އެކަންކަމަށްވުރެ ކުރިން ބައިވެރިޔާގެ ކިބައިން ތިމާ ބޭނުންވާ ކަންކަމަށް މަޝްވަރާކުރަންވާނެއެވެ. އެކަންކަމަށް ދެމީހުން އެއްބަސްވާންޖެހޭނެއެވެ. އެއެއްބަސްވުމަށް ޢަމަލުކުރަންވެސް ޖެހޭނެއެވެ.
ގިނަ ފަހަރު ވާގޮތަކީ ބައިވެރިޔާ އެދޭގޮތަށް ތިމާ ބަދަލުވާނެކަމަށް ބުނެ އެއްބަސްވެފައިވެސް ކައިވެނިކުރުމަށްފަހު އެކަންކަން ބަދަލުކުރަން ވަޤުތު ބޭނުންވަނީއެވެ. އެވަޤުތު ދިގުލައި ދަނީއެވެ. މިއީ އެއްވެސް ގޮތަކުން ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ވީމާ ކައިވެނިކުރަންވާނީ ކައިވެނިކުރާ ވަޤުތުން ފެށިގެން ބައިވެރިޔާ ބޭނުންވާ ގޮތަށް ބަދަލުވާން ތައްޔާރުވެގެންނެވެ. ކައިވެނިން ލިބެންޖެހޭ ޙަޤީޤީ އުފާވެރިކަން ލިބޭނީ އެއިރުންނެވެ.
މިއީ އަޅުގަނޑު ވަރަށް ބޮޑަށް ދިރާސާކޮށް އަދި ތަޖުރިބާވެސް ކުރެވިފައިވާ ކަންކަމެވެ. ގިނަ ބައަކު އެއްބަސްވެސްވާ ކަންކަމެވެ.
--މިއަދުނޫހުގެ ކިޔުންތެރިއެއް