ދިރިއުޅުން އުފާވެރިކޮށް ބާއްޖަވެރިކުރަން އެދޭމީހުން، ކައިވެނިކުރުމަށްފަހު އުޅުމަށް ބަދަލުތަކެއް ގެންނާނެއެވެ. ކުރިން އެކުވެރިންނަށް ދިން ސަމާލުކަން ކުޑަކުރާނެއެވެ. އެކުވެރިންނާއިއެކުގައި ހޭދަކުރާ ވަޤުތުވެސް މަދުކުރާނެއެވެ.
މީގެ މާނައަކީ އެކުވެރިންނާ ވަކިވުމެއް ނޫނެވެ. ބައިވެރިޔާއަށް ދޭންޖެހޭ ސަމާލުކަމާ ވަޤުތު ދިނުމަށް އިސްކަން ދިނުމެވެ. ބައިވެރިޔާއަށް އެއްވެސް ކަމެއް އުނިނުވާނެ ގޮތަށް ކަންކަން ކުރުމެވެ. އެންމެ މުހިންމީ ބައިވެރިޔާކަމަށް ހެދުމެވެ.
ބައިވެރިޔާއަށް އިސްކަން ދިނުމުން "ބައިވެރިޔާގެ ދަށުވީ، ބައިވެރިޔާއަށް ވިކުނީ" ކަމަށް ބުނާނެ ބައަކު ތިބޭނެއެވެ. އެކަމަށް ކަންބޮޑުނުވާށެވެ. އެމީހުން ކޮންމެ އެއްޗެއް ބުނިނަމަވެސް އެއީ މައްސަލައެއް ނޫނެވެ. ކައިވެނިކުރުމަށްފަހު މުހިންމީ އެކުވެރިން ބުނާ ބަހާއި އެކުވެރިން ދެކޭ ގޮތެއް ނޫނެވެ. މުހިންމުވާނީ ބައިވެރިޔާ ބުނާ ބަހާއި ދެކޭ ގޮތެވެ. ކޮންމެ ކަމެއްގައިވެސް އިސްކަންދޭންޖެހޭނީ ބައިވެރިޔާއަށެވެ. ވީމާ އެފަދަ ބަސްތައް ބުނާނީ ތިބާއަށް އުފާވެރިކަން ލިބުން ނުއެދޭ މީހުންނެވެ.
ކައިވެންޏަށްފަހު އެކުވެރިންކަމުގައި ބަލަންވާނީ ދެމަފިރިންގެ މެދުގައި އުފާވެރިކަން ދެމިއޮތުމަށް ވާގިވާ މީހުންނަށެވެ. ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ ފަދަ ކަންކަން ކުރަން ވިސްނައިދޭ މީހުންނާއި އޮތީ ދުރުހެލިވުމެވެ. ދުރުހެލި ނުވެވިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމަށްކުރާނެއެވެ.
ރަނގަޅަށް ދަންނާށެވެ! ކައިވެންޏަށްފަހު ދެމަފިރިންގެ ވަޤުތުގައިވެސް އަނެކާގެ ޙައްޤުތަކެއް ވެއެވެ. ވަޤުތުގެ ބޭނުން ހިފަންޖެހޭނީ ދެމަފިރިންގެ ދިރިއުޅުމަށް އެންމެ ފައިދާހުރި ގޮތުގައެވެ. އެގޮތަށް އެކަން ނުކުރެވޭކަން އެއީ ގިނަ ކައިވެނިތަކުގައި އެންމެ ބޮޑަށް މައްސަލަޖެހޭ އެއް ސަބަބެވެ. ކައިވެނިތައް ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. ވީމާ މިކަންކަމަކީ ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންވާ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން