މުހިންމީ އަދި ފައިދާކުރާނީވެސް ﷲ ގެ ރުހިވޮޑިގަތުން ލިބުމުން! ފިރިން، އަނބިންގެ ރުހުން ހޯދަންވެސް ނަހީކުރެއްވެވި ކަންކަން ކުރީމާ ޖެހޭނީ ކަރުނަ އަޅަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
މުހިންމީ އަދި ފައިދާކުރާނީވެސް ﷲ ގެ ރުހިވޮޑިގަތުން ލިބުމުން! ފިރިން، އަނބިންގެ ރުހުން ހޯދަންވެސް ނަހީކުރެއްވެވި ކަންކަން ކުރީމާ ޖެހޭނީ ކަރުނަ އަޅަން!

އުފާވެރިކަން ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޔަޤިންވާއިރު އުފާވެރި ދިރިއުޅުމަކަށް އެދޭމީހާ އުފާވެރިކަން ހޯދަން އުފާވެރިކަމުގެ ފަހަތުން ދުވުމަށްވުރެ ބޮޑަށް މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އެހެނީ އުފާވެރިކަން ލިބުން އޮތީވެސް ﷲ ތަޢާލާ ދެއްވެވުމުންނެވެ.  

ހަމައެފަދައިން ބައިވެރިޔާގެ ކިބައިން އުފާވެރިކަން ހޯދުމަށްޓަކައި ތަޤްވާވެރިކަމުން ޛައްރެއްގެ މިންވަރުވެސް ޤުރްބާން ނުކުރާށެވެ! އެހެނީ ބައިވެރިޔާ އުފާކޮށްދޭން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް ކޮންމެ ވަޤުތަކުވެސް ބައިވެރިޔާ ތިބާ ދޫކޮށްލައިފާނެއެވެ. ވަކިވެގެން ހިނގައިދާނެއެވެ.  

އެހިނދުގައިވެސް ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވާނެއެވެ. ތިބާއަށް ކުރިން ލިބުނު އުފާވެރިކަމަށްވުރެ މާބޮޑު އުފާވެރިކަމެއް މިންވަރުކުރައްވަވަން ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެފަދަ ޙާލަތުގައި ވާގިއެދި ދުޢާކުރަން އޮތީވެސް ﷲ ތަޢާލާގެ ޙަޟްރަތަށެވެ. ވީމާ ކުރިން ބުނިފަދައިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ގެއްލިދާނެފަދަ ކިތަންމެ ކުޑަކުޑަ ޢަމަލެއްވެސް ނުކުރާށެވެ.  

އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މިކަންކަމެއް ނުވިސްނެއެވެ. ބައިވެރިޔާގެ ކިބައިން އުފާވެރިކަން ހޯދަން ނުވަތަ ބައިވެރިޔާ ހިތްހަމަޖައްސަން އޭނާ އެދޭ ކަންކަން ކުރާއިރު އެކަމަކީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއްކަމާއިމެދު ވިސްނައިވެސް ނުލެވެއެވެ. އެއީ ވަރަށް ދެރަކޮށް ކުރާކަމެކެވެ.  

ކުޑަކުޑަ އެކަމަކު ވަރަށް ޢާންމު ދެކަމެއް ފާހަގަކޮށްލާނަމެވެ. ބައެއް އަންހެނުން އެމީހުންގެ ފިރިން ރުއްސަން އެކަނަބަލުން ލައި އުޅޭ ފޭރާން ބަދަލުކޮށް ބުރުގާ އެބަ ނަގައެވެ. އަދި ބުރުގާ ނާޅައިވެސް އެބަ ތިބެއެވެ. އެކަމެއް ކުރަން ތިމާއަށް ﷲ ތަޢާލާ އަންގަވާފައިވާ ކަމެއް ކުރަން ފިރިމީހާގެ ރުހުން ބޭނުމެއް ނުވާނެއެވެ. އޮތީ އެކަމެއް ކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ މަގުން ކަންކަން ކުރަން ނުރުހޭ މީހަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކަށް ނުވާނެއެވެ. ވީމާ އެފަދަ މީހަކު ތިބާ ދޫކޮށްލުމަކުން ލިބޭނެ ދެރައެއްވެސް ނުއޮންނާނެއެވެ. މެދުވެރިކުރައްވަވާނީ މާ ރަނގަޅު ގޮތްތަކެވެ. އިން ޝާ ﷲ

ހަމަ އެފަދައިން ދެމަފިރިންކުރެ ކޮންމެ މީހަކު ބޭނުންވެގެންވެސް އަދި ދެމީހުން ބޭނުންވެގެންވެސް ބަރަހަނާ ފޮޓޯއާއި ވީޑިއޯތައް ނުބަލާށެވެ! އެއީ ކައިވެނީގެ ބަރަކާތް ކެނޑިގެން ހިނގައިދާނެ ކަމެކެވެ. އެފަދަ ފާފަތައްކުރާ ވަޤުތު ލިބޭ ކުޑަކުޑަހިތްހަމަ ޖެހުމަށްވުރެ ފަހުން ކުރަން ޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ.  

ޔަޤީންކުރަންވީ ﷲ ތަޢާލާއަށްޓަކައި ކަމެއް ނުކޮށް ދޫކޮށްލައިފިނަމަ އެމީހަކަށް ﷲ ތަޢާލާ މާހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެ ކަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން