ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަކީލުކުރުމާ އަދި އެއިލާހުގެ މަދަދަށް އެދުމާއި އެއިލާހާމެދު ރަނގަޅަށް ހީކުރުމާ އަދި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ރުޤުޔާކުރުންފަދަ ކަންކަމަކީ ބަލިތަކުން ފަސޭހަކޮށްދޭ ކަންކަމެވެ. އަދި އެހެންމެ ބިރުވެތިވެ މަޑުމޮޅިކަމާއި އިޚްލާޞްތެރިކަމާއެކު ކުރާ ދުޢާވެސްމެއެވެ. އަދި ޞަދަޤާތްކުރުން ގިނަކުރުންވެސް ހިމެނެއެވެ.
ﷲ ތަޢާލާ އެއިލާހުގެ އަޅުތަކުން އިމްތިހާނުކުރައްވާ އަދި އެކަމުން ސަލާމަތްވާނެ ގޮތްވެސް މިންވަރުކޮށްދެއްވައެވެ. އަދި މިދީނުގައިވަނީ ބަލިތަކުން ފަސޭހަވާނެ ފުރިހަމަ ޔަޤީންކަން އޮންނަ އިލާހީ ބޭސްފަރުވާތަކެވެ. އޭގެ މަޞްދަރަކީ ﷲ ގެ ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައަށް ބާވާލެއްވި ވަޙީއެވެ.
އެތަކެއްޗަކީ:
1. މަދީނާގެ ޢަޖުވާ ކަދުރު: އެއީ ވިހަތަކަށާއި ސިޙުރުން ރައްކާތެރިކޮށްދޭ އެއްޗެކެވެ. ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( مَنْ تَصَبَّحَ كُلَّ يَوْمٍ سَبْعَ تَمَرَاتٍ عَجْوَةً ، لَمْ يَضُرَّهُ فِي ذَلِكَ اليَوْمِ سُمٌّ وَلاَ سِحْرٌ ) [رواه البخاري (5445) مسلم (2047)]
މާނަ: އެދުވަހެއްގެ ހެނދުނު (ހުސްބަނޑާހުރެ) އަޖުވާކަދުރުގެ ހަތްކަދުރު ކައިފިމީހަކަށް އެދުވަހަކު ވިހަޔެއް އަދި ކިޔެއް ސިޙުރެއްވެސް އެމީހަކަށް ނުޖެހޭހުއްޓެވެ.
2.ފެނަކީ ހުމަށްވާ ފަރުވާއެއް: ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
(الْحُمَّى مِن فَيْحِ جَهَنَّمَ، فأطْفِئُوها بالماءِ) [صحيح مسلم (7842)
މާނަ: "ހުމަކީ ޖަހަންނަމައިން ފެތުރިގެން އަންނަ ހޫނުކަމެކެވެ. ފަހެ ފެނުން (އެބަހީ: އެ ކާއްތައިގެން) އެ ހޫނުކަން ފިނިކުރާށެވެ."
3. މާމުއި: ﷲ ތަޢާލާ ޚަލްޤުކުރެއްވި ގިނަގުނަގުނަވެގެންވާ ފަރުވާތަކުގެ ތެރެއިން މާމުޔަކީ ދެވަނައެއް ނުވާފަދަ ފުރިހަމަ ފަރުވާއެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ.
وَأَوْحَىٰ رَبُّكَ إِلَى النَّحْلِ أَنِ اتَّخِذِي مِنَ الْجِبَالِ بُيُوتًا وَمِنَ الشَّجَرِ وَمِمَّا يَعْرِشُونَ ﴿٦٨﴾ ثُمَّ كُلِي مِن كُلِّ الثَّمَرَاتِ فَاسْلُكِي سُبُلَ رَبِّكِ ذُلُلًا ۚ يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَاءٌ لِّلنَّاسِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِّقَوْمٍ يَتَفَكَّرُونَ ﴿٦٩﴾ [ سورة النحل ]
މާނަ: "ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުޅަނދުރަށް އިލްޙާމް ކުރައްވައި އެންގެވިއެވެ. ފަރުބަދަތަކުގައްޔާއި، ގަސްގަހާގެހީގައްޔާއި މީހުންހަދައިދޭ ބިނާތަކުގައި ހަތާހަދައި އުޅޭށެވެ. [68] ދެން ތިޔަކުޅަނދުރު ހުރިހާ މޭވާތަކުން ކައިއުޅޭށެވެ. ފަހެ، ތިޔަކުޅަނދުރުގެ ވެރިރަސްކަލާނގެ، ފަސޭހަކޮށް ދެއްވައިފައިވާ މަގުތަކުން ހިނގާށެވެ. އެތަކެތީގެ ބަނޑުން ކުލަތައް ތަފާތު ބުއިމެއް ނުކުމެގެން އާދެތެވެ. އޭގައި މީސްތަކުންނަށް ބަލިފަސޭހަވުންވެއެވެ. ހަމަކަށަވަރުން ފިކުރުކުރާ ބަޔަކަށް، އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. سورة النحل ] [69]
4. ކަވާޖެހުން:
ކަވާޖެހުމަކީ ފައިދާހުރި ނަބަވީ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވަފައިވެއެވެ.
(إِنَّ أَفْضَلَ مَا تَدَاوَيْتُمْ بِهِ الْحِجَامَةُ..) [مسلم ( 2952 ) ]
މާނަ: "ތިޔަބައިމީހުން ކުރާ އެންމެ ރަނގަޅު ފަރުވާއަކީ ޙިޖާމާ (ކަވާ) ޖެހުމެވެ."
5. މަދީނާގެ ޢަޖުވާކަދުރު:
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
(فِي عَجْوَةِ الْعَالِيَةِ ، أَوَّلَ الْبُكْرَةِ عَلَى رِيقِ النَّفْسِ شِفَاءٌ مِنْ كُلِّ سِحْرٍ، أَوْ سُمٍّ) [صححه الألباني في “صحيح الجامع” (4262)]
މާނަ: "ހަމަކަށަވަރުން މަދީނާގެ ޢާލިޔާ ސަރަހައްދުގެ އަޖުވާ ކަދުރު ހެނދުނުގެ ފުރަތަމަ ވަގުތުގައި ހުސްބަނޑާ، ކާމީހާ ދަންނައެވެ. ކޮންމެ ބާވަތެއްގެ ސިޙުރަކަށްވެސް އޭގައި ޝިފާވެއެވެ. ނޫނީ ވިހައިން ރައްކާތެރިކޮށްދެއެވެ."
6. ކަޅުދިރި: ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ފަރުވާއެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْحَبَّة السَّوْدَاءِ: شِفَاءٌ مِنْ كُلِّ دَاءٍ إِلَّا السَّامَ) [مسلم (2215)]
މާނަ: "ކަޅުދިރިއަކީ ހުރިހާ ބައްޔަކަށްވާ ޝިފާއެކެވެ. އައްސާމު ފިޔަވައެވެ. (އެބަހީ: މަރުބަލި ފިޔަވައެވެ.)"
7. ޤުރުއާނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުއްނަތުން ޘާބިތުވެފައިވާ ދުޢާތަށް ކުރުމުން ޝިފާ ލިބެއެވެ. އެގޮތުން ސިޙުރު ބާޡިލު ކުރުމަށާއި، ހަށިގަނޑަށްވަދެފައި ހުންނަ ޖިންނި ހަށިގަނޑުން ނެރުމާއި، އެސްފީނާއަށް ވެސް ފަރުވާކުރެވެއެވެ.
8. ޒަމްޒަމް ފެން:
ޒަމްޒަމް ފެނަކީ މުސްލިމުންނަށް ދެއްވާފައިވާ ބަރަކާތްތެރި ފެނެކެވެ. އަދި އެފެނަކީ އެންމެ މަތިވެރި އެންމެ މާތް ފެނެވެ. ފެންތަކުގެ ސައްޔިދެވެ. އަދި އެފެން ނުކުންނަނީ އެންމެ މާތްވެގެންވާ ބިންކަމުގައިވާ މައްކާގެ ބިމުންނެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ.
9.
(إِنَّهَا مُبَارَكَةٌ، إِنَّهَا طَعَامُ طُعْمٍ)) [رواه مسلم 4/1922]
މާނަ: "ހަމަކަށަވަރުން އެއީ (އެބަހީ: ޒަމްޒަމް ފެނަކީ) ބަރަކާތް ލެއްވިގެންވާ ފެނެކެވެ. އަދި އެއީ ކެއުމެއްގެ ގޮތުގައި ބޭނުންކުރަންވެސް ފުދޭ އެއްޗެކެވެ."
ޠަޔާލިސީގައި އައިސްފައި ވެއެވެ. "އަދި ބައްޔަށްވާ ފަރުވާއެކެވެ."
[ބައްލަވާ: الطيالسي 61]
މިހުރިހާ ފަރުވާތަކަކީ ޝިފާލިބެނިވި ނަބަވީ ފަރުވާތަކެވެ. މިކަމުން ފަރުވާލިބި މަންފާ ކުރާނެ މީހަކީ އެކަންކަމަކީ ﷲ ގެ ރަޙުމަތާއެކު ފަރުވާ ލިބޭނެ ކަމެއްކަން ހިތުގެ އަޑިން ޔަޤީންކުރާ މީހަކަށެވެ.
އެސްފީނާއާއި ސިޙުރު އެއީ ޖެހޭ އެއްޗެއްކަމަށް އީމާންވުން:
ޢަމަލުތަކުގައި ﷲ އަށް އިޚްލާޞްތެރިވުމަކީ އެކަން ޤަބޫލުވުމުގެ ޝަރުތެކެވެ. އިޚްލާޞްތެރިކަމާއެކީ ކުރާ ޢަމަލަކީ ކިތަންމެ ކުޑަ ޢަމަލެއްކަމުގައިވިޔަސް އެކަމުގައި ބަރަކާތް ލެއްވިގެންވާ ޢަމަލެކެވެ. މުސްލިމު ޑޮކްޓަރު ބަލާނީ އޭނާގެ ފަންނުގައި މަޢުލޫމާތު މުއްސަނދިކޮށް އޭނާގެ ފަރާތުން އިސްލާމީ އުއްމަތަށް ފައިދާވާނޭ ފަދައިން މަސައްކަތްކޮށް ދިނުމެވެ.
ނަމަވެސް ޝަރުޠަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާ ކަންކަމަށް އީމާންވާމީހަކަށް ވާންޖެހޭނެއެވެ. އަދި ސިޙުރުގެ ސަބަބުން މީހާގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް އިންކާރުކުރާ، ޖިންނި އުޅޭކަމަށް އިންކާރުކުރާ، އެއީ އިންސާނުންގެ ސަބަބުން ޖެހޭ ކަމެއްކަމުގައި ދެކޭ މީހަކަށްވެގެން ނުވާނެއެވެ. އަދި އެސްފީނާއަކީ ޙަޤީގަތެއް ނުވާ ހަމައެކަނި އިންސާނާގެ ސިކުނޑިއަށް ހީވާ ހީވުމެއްކަމުގައި ބުނާފަދަ މީހެއްކަމުގައިވެގެން ނުވާނެއެވެ. ﷲ ތައާލާގެ މިންވަރުފުޅަށް ވުރެ ކަމެއް އަވަސްވާނެނަމަ އެސްފީނާ ޖެހުން އަވަސްވާނެކަން ދަންނަންވާނެއެވެ. އެހެންކަމުން ޙިއްސީކަންކަން ތެދުކޮށް ޣައިބުގައިވާ ކަންކަމަށް އީމާންވާޖެހެއެވެ.
ބަލިމީހާއާމެދު ކެތްތެރިވުން :
ބުއްދިވެރިކަމާއި ކެތްތެރިކަމަކީ ކަންކަމުގެ އަގުވަޒަންކުރަން ދަންނަ މީހުންގެ އެންމެ މުހިންމު ސިފަތަކެވެ. ބަލިމީހާގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށާއި އޭނާގެ ހިތާމަޔާއި އޭނާގެ ފަރާތުން ފެންނަ ނޭދެވޭ ކަންކަމަށް ރުޅިމޫނު ނުހަދާށެވެ. ކެތްތެރިކަން އިސްކުމަށް އޭނާއަށް ވާގިވެރިވާށެވެ.
އަދި އޭނާއަށް އޯގާތެރިވެ ރީތި ބަހުން މުޢާމަލާތު ކުރާށެވެ. މީސްތަކުންނަށް އުއްމީދު ގެނެސްދޭ މީހުންދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. ބަލި މީހާއަށް އުފާވެރިކަން ގެނެސްދީ ބަލިން ސަލާމަތްވާނެކަމަށް އުއްމީދު އާކޮށްދޭށެވެ. އެހެނީ ބަލިމީހާގެ ހިތަށް އުފާވެރި ޝުޢޫރުތަށް ވައްދައި އޭނާގެ ހިތަށް ދިރުން ލިބުމުން ހަށިގަނޑަށް ދޭ ބޭހުގެ ސަބަބުން ނަފްސު ދިރެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ކަނޑައެޅުއްވި މިންވަރުފުޅަށް ރުހުން:
ޘާބިތުކަމާއި ފުރިހަމަ ކެތްތެރިކަމަކީ ﷲ ކަނޑައެޅުއްވި މިންވަރުފުޅަށް ރުހުމެވެ. އޭ ބަލިމީހާއެވެ. އެކަމަށް ރުހޭށެވެ! އަދި އެއިލާހަށް އެންމެ ފުރިހަމައަށް އަޅުކަންކުރާ އަޅުވެރިއެއްކަމުގައި ވާށެވެ. އަދި އެއިލާހުގެ ދީލަތިވަންތަކަމަށް ކެތްތެރިވާށެވެ. އެހެނީ ކެތްތެރިކަމުގެ ނިމުން ވާކަންކަށަވީ ހެޔޮނިމުމަކަށެވެ. އެމީހެއްގެ އިމާންކަން ހުރިމިންވަރަކަށް އެމީހަކު ކެތްތެރިވެއެވެ. ކެތްތެރިކަމަކީ އޭގެ އަހުލުވެރިޔާއަށް ހެޔޮކަން ބޮޑު ކަމެކެވެ.
ޝިފާދެއްވުމުން ﷲ އަށް ޙަމްދުކުރުން:
ބަލިމަޑުކަމުން ސަލާމަތްވެ ހެޔޮޞިއްޙަތުގެ ވެރިޔަކަށް ތިބާވުމުން ޝިފާދެއްވި ފަރާތް މަތިން ހަނދުމަކޮށް ހެޔޮ ޞިއްޙަތަކީ ކިހާ ބޮޑުވެގެންވާ ނިޢުމަތެއްކަން ހަނދުމަކޮށް އެނިޢުމަތުގެ ވެރިއިލާހުގެ ދީލަތިވަންތަކަމަށް ޝުކުރުވެރިވާން ވާނެއެވެ. ދަތި އުނދަގޫކަމުގައި އެއިލާހުގެ މަތިން ހަނދުމަކުރާ ފަދައިން އުފަލާއި އަރާމުގެ ޙާލަތުގައިވެސް އެއިލާހުގެ މަތިން ތިބާ ހަނދުމަކުރަންވާނެއެވެ.
ތިބާ ހެޔޮޞިއްހަތުގައިވާ ހިނދު އެދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭކަން ދަންނާށެވެ. ފަހެ ދުނިޔެވީ މިޙަޔާތަކީ މަދު ދުވަސްތަކެކެވެ. އެހެންކަމުން މިދުވަސްތަކުގައި އެއިލާހަށް ތެދުވެރި ތައުބާއަކުން ތައުބާވާން ޖެހެއެވެ. އަދި ބަލިޙާލަތުގެ ދުވަސްތަކުން ޢިބުރަތް ޙާޞިލުކޮށް ﷲ އަށް ވަކީލުކުރާ މީހެއްކަމުގައި ތިބާ ވާށެވެ. ﷲ ގެ މިންވަރުފުޅާމެދު ޝައްކު އުފެއްދުމަށް ޝައިޡާނާ ޖަހާ މަޅިގައި ތިބާ ނުޖެހޭށެވެ.
ﷲ އީ އެންމެހާ ބަލިތަކުން މީސްތަކުން ދުރުކުރަށްވާ އަދި މީސްތަކުންގެ ޝަކުވާ އައްސަވާ އިލާހެވެ. އެއިލާހު ވަޙީކުރައްވާފައި ވެއެވެ.
(وَإِن يَمْسَسْكَ اللَّـهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يَمْسَسْكَ بِخَيْرٍ فَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ) ﴿١٧﴾ سورة الأنعام 17
މާނަ: "އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ އެއިލާހު މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއްނުވެއެވެ. އަދި އެއިލާހު ތިބާއަށް ހެޔޮގޮތެއް މެދުވެރިކުރައްވާނަމަ އެކަން (ދުރުކުރާނެ އެހެންފަރާތެއް އެއިލާހު މެނުވީ ނުވެއެވެ.) ފަހެ އެއީ ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ."
- އައްޝައިޚް އަޙްމަދު ޚާލިދުގެ ލިޔުއްވުމަކުން
މި ލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބެއް ކަމަށްވާ ޑރ: ޢަބްދުލް މުޙްސިން ބިން މުޙައްމަދު އަލްޤާސިމް، ލިޔުއްވާފައިވާ ރިސާލާއެއްކަމަށްވާ ((دَوَاءٌ نَافِعٌ لِكُلِّ مَرِيضٍ)) "ކޮންމެ ބަލިމީހަކަށްވެސް މަންފާ ކުރުވަނިވި ފަރުވާއެއް" ގެ ތަރުޖަމާއެކެވެ.