ލިބިދާނެ ދުނިޔަވީ މަންފާގެ ދަހިވެތިކަމުގަ ދީނަށްޓަކާ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ އެންމެ މަތިވެރި ވާޖިބަށް ފަސްނުޖެހޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ލިބިދާނެ ދުނިޔަވީ މަންފާގެ ދަހިވެތިކަމުގަ
ދީނަށްޓަކާ ކޮންމެ މުސްލިމަކުވެސް އަދާކުރަންޖެހޭ އެންމެ މަތިވެރި ވާޖިބަށް
ފަސްނުޖެހޭށެވެ!


ދީނާއި ދިރިއުޅުން ގުޅުވާލަން އޮތީ ވަކިކަމަކުން ނޫނެވެ. ހުރިހާ ކަމެއްގައެވެ. އެއީ ދުނިޔެއަށް ފޮނުއްވަވާފައި މިތިބީ ﷲ ތަޢާލާއަށް އަޅުކަންކުރުމަށް ކަމަށްވާތީއެވެ. ޤިޔާމަތް ދުވަހު ސުވަރުގެ ވައްދަވާނެ އަޅަކަށް ވެވޭނީ ދީނުގައި ޘާބިތުވި ވަރަކުންކަމަށްވާތީއެވެ.  

ތިރީގައިވާ ލިޔުމަކީ ކޮންމެ މުސްލިމަކުވެސް މިއަދު ވިސްނައި އަދި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ މައްސލަ ކަމަށް ބަލައިގެން ނޫނީ އިސްލާމް ދީނުގައި ޘާބިތުވެ ހުރުން ވާނީ ވަރަށް ދަތި އުނދަގޫ ކަމަކަށެވެ. ތިމާ އާއި ޢާއިލާވެސް މިކަމަށް ސަމާލުކަން އިތުރުކުރަން މިވަނީ ޖެހިފައެވެ.  

ލިޔުން ވިދާޅުވެލައްވާ!

ދީނީ ޣީރަތްތެރިކަން ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގައި އޮތް ދީން ޙިމާޔަތް ކުރުމަށް ކޮންމެހެން ލާޒިމު ކަމެކެވެ. ދީނީ ޣީރަތްތެރިކަން ނެތިއްޖެ މުޖުތަމަޢެއްގައި ދީނެއް ނޯންނާނެއެވެ. ފަހަރެއްގައި ނަމެއްގައި ދީން އޮވެ ދާނެއެވެ. ނަމަވެސް އިޢުތިޤާދީ ގޮތުންނާއި ޢަމަލީ ގޮތުން ދީން އޮންނާނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.  

ދީނުގެ ޢަދުއްވުން އިސްލާމީ ޢާއިލީ ނިޒާމާއި، މުސްލިމް ޅަދަރީންގެ ސިކުނޑިތަކަށް ދީނާ ދުރު ފަލްސަފާތަކާއި ފިކުރުތައް ވައްދަން މަސައްކަތް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީއެވެ. ދީނީ މުޤައްދަސާތުތަކާއި، ދީނީ ޝިޢާރުތަކާއި، ދީނީ އަޙްކާމުތަކާއި ޙުދޫދުތަކަށް މަލާމާތް ކުރުމަކީ އެބައިމީހުންގެ އަމާޒަކަށް ވަނީ ހަދާފައެވެ. ބޭނުމަކީ ދީނީ ޣީރަތްތެރިކަން މުޖުތަމަޢުން ނައްތައިލުމެވެ.

ދީނަކީ މުޤައްދަސް އެއްޗެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. ދީނީ ޝިޢާރުތަކަށް ދެވިފައިވާ ޤަދަރާއި ތައުޒީމު ހިތްތަކުން ފުހެލުމެވެ. ދީނަށް ދެވިފައިވާ ބާރާއި ނުފޫޒު ނައްތައިލުމެވެ. މިފަދަ ކަންކަން ކުރާ މީހުންނާ މެދު ދީނީ އަދި ޤާނޫނީ ފިޔަވަޅު އެޅިގެން ނުދަންޏާ، އެއީ އެ މުޖުތަމަޢެއްގައި ދީނަށް ދެވިފައި އޮންނަ މަޤާމާއި މުޤައްދަސްކަން އިސާހިތަކު ނެތި ހިނގައިދާނޭ ކަމެއް ކަން ކަށަވަރެވެ. އަދި އެފަދަ ޖަރީމާތައް ހިންގަން އެބައިމީހުންނާއި އެބައިމީހުންނަށް ވާގިވެރިވާ މީހުންނަށް ވެސް ލިބިގެން ދާނެ އިތުރު ހިތްވަރެކެވެ.

ހިތާމައަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވެސް މިފަދަ ކަންކަން ހިނގަމުން ދާ ކަމެވެ. ދީނީ މުޤައްދަސާތުކަށް ބަޔަކު މީހުން ދަނީ ހިތު ހުރި ގޮތަކަށް ފުރައްސާރަ ކުރަމުންނެވެ. ﷲ އާއި ރަސޫލާއަށް ދަނީ ތައުހީނުގެ ބަސްތަކާއި ފުރައްސާރަ ރައްދު ކުރަމުންނެވެ. ސިއްރިޔާތުގައެއް ނޫނެވެ. ފާޅުގައި، މަގުމަތީގައެވެ. މީސްމީޑިއާގައެވެ. ޕޯޑިއަމްތަކުގައެވެ. މަޖިލިސްތަކުގައެވެ. ނަމަވެސް އެފަދަ މީހުންނާ މެދު އެޅޭ ފިޔަވަޅެއް ނެތެވެ.

ފިޔަވަޅެއް ނޭޅޭ ތާ، ދީނީ ޝިޢާރުތަކަށް ފުރައްސާރަކޮށްފައިވާ ބައެއް މީހުންނަށް ދައުލަތުގެ މަތީ މަޤާމުތައް ހަވާލުކުރެވެމުން ދެއެވެ. މުސްލިމް ރައްޔިތުންތަކެއްގެ މައްޗަށް ނިޔާ ކަނޑައަޅެމާއި، ސިޔާސަތު ކަނޑައަޅަން ހަވާލު ކުރެވެމުން ދެއެވެ. މުސްލިމް ޅަދަރީންގެ ސިކުނޑިތަކަށް ވާސިލުވެވޭ ފަދަ މަޝްރޫޢުތައް އެބައިމީހުންނާ ހަވާލުކުރެވެމުން ދެއެވެ. ޤާނޫނާއި ޤަވާޢިދުތައް އެބައިމީހުންގެ އެޖެންޑާއާ އެއްގޮތަށް ޑްރާފްޓުކުރެވި ފާސް ކުރެވެމުން ދެއެވެ. މުސްލިމް މުޖުތަމަޢަކީ ސެކިއުލާ ޢަލްމާނީ ކެންސަރުން ކެންސަރު ޖެހި ބަލިވެފައިވާ ދީނާ ބީރައްޓެހި މާއްދިއްޔަތަށް ލެނބިފައިވާ މުޖުތަމަޢަކަށް މަޑުމަޑުން ބަދަލުކުރެވެމުން ދެއެވެ.

މި ހުރިހާ ކަމެއް ގޮސް ގުޅެނީ ދީނީ ޣީރަތްތެރިކަން އެ މުޖުތަމަޢުން ނެތި ދިޔުމާއެވެ. ދީނީ ޣީރަތްތެރިކަމެއް ނެތް މުޖުތަމަޢަކީ ދިރި ހުއްޓަސް މަރުވެފައި ވާ މައްޔިތެއް ފަދަ މުޖުތަމަޢެކެވެ. އެފަދަ މުޖުތަމަޢެއްގައި ދީނީ ރޫޙެއް ނޯންނާނެއެވެ. ދީނަށް ފުރައްސާރަ ކުރެވޭ ހިނދު އެކަމާ ދެކޮޅަށް އަޑު އުފުލާނޭ މީހެއް ނުހުންނާނެއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނާން ފަށާފައި މި ވަނީ އެ ހިތާމަވެރި މަންޒަރުގެ ކޮޅުމައްޗެވެ.

ދީނީ ޢިލްމުވެރިންނާއި ދާޢީން އެންމެ ގަދަޔަށް މަސައްކަތް ކުރައްވަން ވީ މުޖުތުމަޢުގައި މި އޮތް ދީނީ ޣީރަތްތެރިކަން ސަލާމަތްކުރުމަށް ޓަކައެވެ. ރައްޔިތުންނަށް ދީނީ ކަންކަން އޮޅުން ފިލުވައި ދިނުމަށް މިއަށް ވުރެ ބޮޑަށް މަސައްކަތްތަކެއް ކުރައްވާން ޖެހެއެވެ.

ދީނުގެ މަތިވެރިކަމާއި، ދީނުގެ އަޚްލާޤިއްޔާތުގެ މަތިވެރިކަމާއި، މާތްﷲގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަން މީސްތަކުންގެ ހިތު ތެރެއަށް ވައްދަން އެބަ ޖެހެއެވެ. ދީނީ ޣީރަތްތެރިކަމާއި އަޚްލާޤިއްޔާތު ސަލާމަތުން އޮތް މުޖުތަމަޢެއް ބަލި ކުރުމަކީ ޢަދުއްވުންނަށް ފަސޭހަ ކަމަކަށް ނުވާނެ ކަން ކަށަވަރެވެ.

--ޝައިޚް ޝަފީޢު ޢަބްދުއްﷲ

މިއަދު އޮންލައިން