ގިނަ ބައަކަށް ލިބިގަނެވޭ އެންމެ ބޮޑު ދެރއަކީ
މިޙަދީޘްފުޅަސް ސަމާލުކަން ނުދެވުމެވެ. އެހެންވެ ކިޔުންތެރިންގެ އަރިހުން ވަރަށް އާދޭހާއިއެކު މިއެދެނީ ވަރަށް ބޮޑަށް ވިސްނަވައިގެން މިލިޔުން ވިދާޅުވެލެއްވުމެވެ.
އަހަރެމެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެންމެ ސްމާޓް މީހާއަކީ އެންމެ ރީތިކޮށް ހެދުން އަޅާ މީހާއެވެ. އެންމެ ގޮތުގައި ހުންނަ މީހާއެވެ. ނަމަވެސް އެންމެ ސްމާޓް މުއުމިނަކު ކަމުގައިވުމަށް މިއިން އެއްވެސް ކަމަކަށް ބޭނުމެއް ނުވެއެވެ.
ރަސޫލް (ﷺ) އަށް ދެންނެވުނެވެ. "އެންމެ ވިސްނުން ތޫނު އެންމެ ސަމާޓް މުއުމިނަކީ ކާކުތޯއެވެ؟" ޖަވާބުގައި ޙަދީޘް ކުރެއްވެވިއެވެ. "އެނެމެ ގިނައިން މަރު ހަނދާންކުރާ، އަދި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނަ މީހާއެވެ."
ރަނގަޅަށް ވިސްނާށެވެ. މިކަންކަން މިއަދު ގިނަ ބައަކު ހަނދާންވެސް ނެތެވެ. މަރު ހަނދާންކުރަނީ މަދު މީހެކެވެ. މަރަށް ތައްޔާރުވެގެން ހުންނަނީ މަދު މީހެކެވެ. އެއީ ވެސް ފަހު ޒަމާނުގެ އަލާމާތެކެވެ. މިއަދު މުޖުތަމައުތަކުގެ ހުރިހާ ކަމެއްގައިހެން އިސްކަން ދެނީ ދުނިޔަވީ ކަންކަމަށެވެ. މަރަށް ތައްޔާރުވުމަކަށް ނޫނެވެ. މަރުގެ ވާހަކަ ދައްކައިފިނަމަ ވެފައި އޮންނަނީ މޮޔަޔަ ވާހަކަ ދައްކާ މީހަކަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ.
މަރަކީ ދުނިޔަވީ އިމްތިޙާނުގެ ފައިނަލް އެވެ. ސްކޫލްތަކަށް ބަލައިފިނަމަ ކިޔަވައިދޭން އެންމެ ރަނގަޅު އެދުރުން އަބަދުވެސް އިމްތިޙާނުގެ ވާހަކަ ހަނދާންކޮށް ދޭނެއެވެ. އެއީ ދަރިވަރު އަބަދުވެސް އިމްތިޙާނަށް ތައްޔާރަށް ބެހެއްޓުމަށެވެ. މަރުގެ ވާހަކަ ގިނަގިނައިން ދައްކަން ޖެހެނީވެސް ހަމަ އެ ސަބަބަށްޓަކައެވެ. އަބަދުވެސް މަރަށް ތައްޔާރަށް ހުންނަން ހަނދާންކޮށްދިނުމަށެވެ.
މިދުނިޔޭގައި ނިކަމެތިންނަށް ސީޓު ލިބެނީ އިއްޒަތްތެރިންނާއި މަހުޖަނުންގެ ފަހަތުންނެވެ. ނަމަވެސް މަރުވުމުން އެކަން އޮތީ އެގޮތަކަށް ނޫނެވެ. ދުނިޔޭގައި ކިތަންމެ ބޮޑު އިއްޒަތެއްގައި އުޅުނު ނަމަވެސް، ކިތަންމެ ބޮޑު މުއްސަނދި ކަމެއްގައި އުޅުނު ނަމަވެސް މަރުވާ ހިސާބުން އެކަންކަމުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެމީހަކު މަރަށް ތައްޔާރުވެ ހުރި މިންވަރަކުން މެނުވީއެވެ.
އެމީހަކީ ދުނިޔޭގައި ކިތަންމެ ނިކަމެތި ޙާލުގައި އުޅުނު ނަމަވެސް މަރަށް ތައްޔާރުވެގެން ހުރި ނަމަ މަރުވާ ވަގުތުން ފެށިގެން އޭނާ ދުނިޔޭގައި ހުރެ ހޯދި ނުވަތަ އެއްކުރި މުއްސަނދިކަމުގެ ފައިދާ ލިބެން ފާށާނެއެވެ. ވީމާ މަސައްކަތް ކުރަންވީ ދުނިޔަވީ މުއްސަނދިކަމާއި ޢިއްޒަތަކަށް ނޫނެވެ. ގަދައަޅައި މަސައްކަތް ކުރަންވީ މަރަށް ތައްޔާރުވުމަށެވެ. އެންމެ ވިސްނޭ އަދި އެންމެ ސްމާޓް މީހާއަށް ވުމަށެވެ.
-ބިލާލް އައްސަދުގެ ދަރުސަކުން