އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެވުމަކީ ލޯބިވެވޭކަމުގެ ހެއްކެއް ނޫނެވެ. ފެންނައިރަށް "ލޯބީ" ގޮވުމަކީވެސް ލޯބިވާކަން އަންގައިދޭ ސަބަބެއް ނޫނެވެ. މިޒަމާނުގައި ގެއަށް ވަނުމުން އުފާވާނެ ބަސްތައް ބުނާ ރޮބޮޓްތައްވެސް އެބަހުއްޓެވެ. އެއެއްޗެތި އެފަދަ ބަސްތައް އެބުނަނީ އަނެކާދެކެ ލޯބިވާތީހެއްޔެވެ؟
މައްސަލައެއް ނެތެވެ. އެބާވަތުގެ ރޮބޮޓެއް ނުފެންނަކަމަށްވެސްވެދާނެއެވެ. އެކަމަކު ބުނަން ދަސްވެފައި ހުންނަ ބަސްތައް ކިޔާ ދޫނ ިތައް ގިނަބައަކަށްވާނީ ފެނިފައެވެ. ލޯބީ އޭވެސް ގޮވައިފާނެއެވެ. އެއީ އަހުރެމެން މާނަމިކުރާ ލޯބިވާތީހެއްޔެވެ؟
ގިނަ ގެތަކަށް ބަލާށެވެ! މޮޅަށް މަކަރުހެދުމުގެ މުބާރާތް ކުރިއަށް ގެންދެއެވެ. ބައިވެރިޔާ މަކަރުނުހަދާތީ އެކަމުގައި ބައިވެރިޔާއާއި ވާދަނުކުރެވޭނަމަ އެކުވެރިންނާއި ވާދަކުރެއެވެ. ޒުވާބެއް ފަށައިފިނަމަ އަޑުގަދަކޮށްގެން ނަމަވެސް މޮޅުވާން ބޭނުންވެއެވެ. ކުށް ނުކުރިޔަސް މާފަށް އެދެން އެބަޖައްސުވައެވެ. މިފަދަ އެތައް ކަމެއް ދެމަފިރިންގެ މެދުގައި އެނަހިނގައެވެ.
އެކަމަކު ބޭނުންވުމުން ލޯބީއެވެ ކިޔައި ވަރަށް ބާރަށް ގޮވައެވެ. އެކުވެރިންގެ ކުރިމަތީގައި ތިމާމެން އުޅެނީ ލޯބިންކަމަށް ދައްކަންވެގެން ހިނިތުންވެގެން ތިބެފައި، ބައްދައި އޮޅުލައިހަދާފައި ދެމީހުން އެކަނިވާއިރަށް ދެހަތުރުން ފަދައިން ކަންކަންކުރަން ފަށައެވެ.
ލޮބުވެތި އެކުވެރިންނޭވެ! މިއާދަތައް ދޫކޮށްލާށެވެ. މިސިފަތައް ހަރުލައްވައިގެން ތިބެ އަނެކާގެ ޝަކުވާ ކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ މިސިފަތަކާއި ދުރުހެލިވެވިގެންނެވެ. ބައިވެރިޔާއަށް ޙަޤީޤީ މާނައިގައި ލޯބީއޭ ގޮވާލެވިގެންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން