ދުލުން ބަޔާންކުރިޔަސް އަދި ނުކުރިޔަސް އެންމެ ގިނަބައަކަށް އޮންނަ އެންމެ ބޮޑު ކަންބޮޑުވުމަކީ ހިތްނުފުރުމެވެ. ހިތްދަތިވަނީވެސް ދަރަނިވެރިވަނީވެސް އިތުރަށް ބޭނުންވާވަރު ބޮޑުވުމުންނެވެ. މިޙަދީޘްފުޅުން އެކަނިވެސް އެކަންކަމުން އަރައިގަނެވޭނެއެވެ. އިން ޝާ ﷲ
ކޮންމެ އަޅަކަށް ނަމަވެސް އިމްތިޙާނުތަކާއި މުސީބާތްތައް ކުރިމަތިވުމުން، އެކަމަށް ކެތްތެރިވެ ދެކޮޅުވެރިކަމެއް ނުދައްކާ ހެޔޮހިތުން އެކަން ބަލައިގަތުމުން، އެބުރަބޮޑު ތަކުލީފް ލުއިވެގެންދެއެވެ. އަދި ވޭންތައް ލުއިވެއެވެ. މީގެއިތުރުން، އަޅާ ﷲ ތަޢާލާގެ ކިބައިން ހެޔޮ ޖަޒާއަށް އެދި ކުރާ އުންމީދު، އަދި ﷲ ތަޢާލާ އޭނާއަށް މިންވަރުކުރެއްވި ޙާލަތު ބަލައިގަނެ އެކަމަށް ކެތްތެރިވެ، އެއީ ﷲ ތަޢާލާއަށް ކުރެވޭ އަޅުމަކެއް ކަމުގައި ޤަބޫލުކުރުމުން ހިތިކަންވެސް ފޮނިކަމަށް ބަދަލުވެއެވެ. އެހެންކަމުން ޘަވާބުގެ ފޮނިކަން ކެތްތެރިކަމުގެ ހިތިކަމުގެ މަތީން ހަނދުމަނެތިކުރުވައެވެ.
މިގޮތުން އެންމެ މުހިއްމު ކަމަކީ ނަބިއްޔާ صلى الله عليه وسلم އުނގަންނައިދެއްވާފައިވާ މަގުން ކުރިއަށް ދިއުމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށް ޞައްޙަ ޙަދީޘްއެއްގައި އައިސްފައިވެއެވެ.
((انْظُرُوا إِلَى مَنْ هُوَ أَسْفَلَ مِنْكُمْ، وَلاَ تَنْظُرُوا إِلَى مَنْ هُوَ فَوْقَكُمْ فَإِنَّهُ أَجْدَر أَنْ لَا تَزْدَرُوا نِعْمَةَ اللهِ عَلَيْكُمْ)) رواه البخاري ومسلم
މާނައީ: "(ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ދަށުގައިވާ މީހުންނަށް ބަލާށެވެ. އަދި (ދުނިޔަވީ ކަންކަމުގައި) ތިޔަބައިމީހުންނަށްވުރެ ކުރިއަރާފައިވާ މީހުންނަށް ނުބަލާށެވެ. އެގޮތަށް ކަންކުރުމުން ހަމަކަށަވަރުން ﷲ ތަޢާލާ ތިޔަބައިމީހުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެއީ ދެރަ ތަކެތިކަމުގައި ނުދެކުމާއި ގާތްކަންބޮޑެވެ."
މި މާތް ބަސްފުޅު އަޅާ އޭނާގެ ލޯމައްޗަށް ގެނެއްސިނަމަ، އެތައް ބައިވަރު މީހުންނެއްގެ ތެރެއިން އޭނާ މަތިވެރިކުރައްވާ ނިޢުމަތް ދެއްވާފައިވާކަން އިޙްސާސްކުރެވޭނެއެވެ. ޞިއްޚަތާއި މުސީބާތްތަކުން މިންޖުކުރެއްވުމުންނެވެ. ތަނަވަސްކަމާއި އެކަމާ ގުޅިގެން ދިމާވާކަންކަމެވެ. އަދި އޭނާގެ ޙާލަތު ކޮންމެ ގޮތަކަށް ހުރިކަމުގައިވިޔަސް މިއީ ޙަޤީޤަތެވެ. މިގޮތަށް ކަންތައް ކޮށްފިނަމަ ނުތަނަވަސްކަން ފިލާދާނެއެވެ. ހަމައެއާއިއެކު ހާސްކަމާއި ހިތާމަތައްވެސް ފިލާދާނެއެވެ. އަދި އެތައް ބަޔަކަށްވުރެ މަތީގައި ﷲ ތަޢާލާގެ ގިނަނިޢުމަތްތަކާއި ބަރަކާތްތަކެއް އޭނާއަށް ވާކަންދަނެ، އޭނާގެ އުފާވެރިކަމާއި ބާއްޖަވެރިކަން އިތުރުވާނެއެވެ.
- އަލްއުޚްތު އުންމި ޢަބްދިﷲ