ބައެއް މީހުން ފާފަތައްކޮށް އުޅޭނެ ގޮތަކަށް އުޅެފައި ތިމާއަށް ތެދުމަގު ނުދެއްކެވީ ކަމަށް އެބަ ބުނެއެވެ. އެއީ ހެދޭ ބޮޑު ދެގެކެވެ. އެންމެންނަށްވެސް ތެދުމަގު ވަނީ ދައްކަވައިފައެވެ. ބަލައިގަނެ އެމަހުން ކުރިއަށް ނުދަނީ އަމިއްލައަށެވެ.
ތެދުމަގަކީ ޤުރްޢާނާއި ސުންނަތެވެ. ޤުރްއާނާއި ސުންނަތް ފެންނަންނެތީ ކާކަށް ހެއްޔެވެ؟ ޤުރްއާން އެއޮތީ ފެންނާށެވެ! ޙަދީޘްފޮތްތައް އެހުރީ ފެންނާށެވެ. ނުފެނިގެން ތިއައުޅެނީ ކޮން އެއްޗެއް ހެއްޔެވެ؟
އެއްވެސް މީހަކު އީމާންވުމަކުން އަދި ނުވުމަކުން ﷲ ތަޢާލާގެ ހަޟްރަތަކަށް އެއްވެސް މައްސަލައެއް ނެތެވެ. އޮތްކަމެއް އޮތީ އެމީހަކަށެވެ. އެމީހަކަށް ދެއްވަވާނީ އެމީހަކު އޭނާގެ އަމިއްލަ އިޚްތިޔާރުގައި ލިބިގަތް ކަމެކެވެ.
އިސްލާމް ދީން އިޚްތިޔާރުކޮށް ޢަމަލުކުރުމަކީ އެމީހެއްގެ ކަމެކެވެ. އެކަމަށް މިކިޔަނީ ސުވަރުގެ ލިބިގަންނަން ބޭނުންވުމާއި ނުވުމެވެ. އެއީ އެމީހަކު އަމިއްލައަށް ގޮތްނިންމަންޖެހޭ ކަމެކެވެ. އެކަމުގެ އިޚްތިޔާރުވަނީ ކޮންމެ މީހަކަށްވެސް ދެއްވަވައިފައެވެ.
ވީމާ ތިމާއަށް ތެދުމަގު ނުފެނުނީ ނޫންނަމަ ނުދެއްކެވީކަމަށްބުނެ ދޮގު ނުހަދާށެވެ. އެކަންވެސް ވާނީ ކުރެވޭ އިތުރު ފާފައަކަށެވެ.
- ޝައިޚް އަލްބަކްރީގެ ދަރުސަކުން