ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.
«مَنْ حَافَظَ عَلَى هَؤُلَاءِ الصَّلَوَاتِ الْمَكْتُوبَاتِ لَمْ يُكْتَبْ مِنَ الْغَافِلِينَ، وَمَنْ قَرَأَ فِي لَيْلَةٍ مِائَةَ آيَةٍ كُتِبَ مِنَ الْقَانِتِينَ»
މާނައީ: "ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެއްޖެމީހާ ޣާފިލުވީ މީހުންގެ ތެރެއިން ނުލިޔުއްވޭ ހުއްޓެވެ. އަދި ރޭގަނޑު ސަތޭކަ އާޔަތް ކިޔަވައިފި މީހަކު ކިޔަމަންތެރިވީ އަޅުންގެ ތެރެއިން ލިޔުއްވޭ ހުއްޓެވެ."
މި ޙަދީޘުން ލިބޭ ފައިދާ:
· ފަރްޟު ފަސް ނަމާދަށް ރައްކާތެރިވުމުގެ މުހިއްމުކަން
· ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމާ ލިބޭ ފައިދާ
ނަމާދަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ފަރްޟު ކުރައްވާފައިވާ އަޅުކަމެކެވެ. ނަމާދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ.
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ.
بُنِيَ الإسلامُ على خمسٍ شَهادةِ أن لا إلَهَ إلَّا اللَّهُ وأنَّ محمَّدًا رسولُ اللَّهِ وإقامِ الصَّلاةِ وإيتاءِ الزَّكاةِ وصَومِ رمضانَ وحجِّ البيتِ لمنِ استطاعَ إليهِ سبيلًا
މާނައީ: އިސްލަމްކަމުގެ ރުކުންތައް ބެހިގެންވަނީ ފަސް ކަމެއްގެ މައްޗަށެވެ. ޝަހާދަތުގެ ދެކަލިމަ، އާއި ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި ކުޅަދާނަވެގެންވާ މީހާ ޙައްޖުވުމެވެ.
ނަމާދަކީ ޤިޔާމަތް ދުވަހު އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭ ކަންތަކެވެ.
أَوَّلُ مَايُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ الصَّلَاة فَإِنْ صَلُحَتْ صَلُحَ سَائِرُ عَمَلِهِ وَإِنْ فَسُدَتْ فَسُدَ سَائِرُ عَمَلِهِ
މާނައީ: ޤިޔާމަތްދުވަހު އަޅާއާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނީ ނަމާދާ މެދުގައެވެ. އެކަންރަނގަޅުވެ ޞާލިޙުވެއްޖެނަމަ، އެހެން ޢަމަލުތައްވެސް ޞާލިޙު ވެދާހުއްޓެވެ. އެކަންފާސިދުވެއްޖެނަމަ އޭނާގެ އެހެން ޢަމަލުތައްވެސް ފާސިދުވެދާނެވެ.
ނަމާދަކީ، ބާލިޣުވެ، ބުއްދި ސަލާމަތުންހުރި، ކޮންމެ މުކައްލަފެއްގެ މައްޗަށް ފަރްޟު ވެވިގެންވާ އަޅުކަަމެކެވެ.
ދެން ޙަދީޘުގައި ބަޔާންވެގެން އަންނަނީ ރޭގަނޑު ކީރިތި ޤުރްއާން ކިޔެވުމުގެ މާތްކަމެވެ. ރޭގަނޑު ކީރިތި ޤުރްއާން ކިޔެވުމާއި، ދަމުނަމާދު ކުރުމާއި ޛިކުރުކުރުމުގައި ހޭދަކުރުމަށް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ބާރު އަޅުއްވާފައިވެއެވެ.