ފުދިގެން އުޅެވޭނަމަ އެކަނި ހުންނަން ބޭނުންވާ އަންހެނުންގެ ޢަދަދު އަންނަނީ ގިނަވަމުންނެވެ. ގިން މުޖުތަމަޢުތަކުގައި މިމައްސަލަ އެބަ އޮތެވެ. އަހުރެންގެ ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟
މިސުވާލު ވަރަށް ގިނަ އަންހެނުންނާއި ކުރެވިއްޖެއެވެ. ޖަވާބަކީ ދާދި އެއް ޖަވާބެކެވެ. ބައިވެރިއަކު ހޯދުމުން އޭނާގެ ކަންކަމަށް ވިސްނަން ހަދައިގެން އަމިއްލަ ދިރިއުޅުން ކުރިއަށް ނުގެންދެވުމެވެ. އަބަދު ދެބަސްވުމުގައި އުޅެންޖެހޭކަމެވެ. އެކަންކަމުގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ބޮޑުކަމެވެ. އެމީހުން ދެކެނީ އެކަނިހުރުމުން ބޮލަށްފަސޭހަވާކަށެވެ. ވިސްނަންޖެހޭ ަކންކަން މަދުވާކަމަށެވެ.
އެމީހުން އެދައްކާ ވާހަކައިގައި ޙަޤީޤަތެއް އޮވެދާނެއެވެ. ނެތިވެސް ހިނގައިދާނެއެވެ. އެކަނި ހުންނަން ބޭނުންވާ އަޞްލު ސަބަބު ނުބުނަނީކަމަށްވެސް ވެދާނެއެވެ. އެކަމަށް ވާހަކަދައްކާކަށް ނެތީމެވެ. އަހުރެން ބުނެލަން އޮތީ މިއީ ޙައްލުކުރަންޖެހޭ ކަންކަމަށެވެ.
ކޮންމެ މީހަކުވެސް ކައިވެނިކުރާނީ އުފަލުގައި ދިރިއުޅުމަށެވެ. އުފާވެރިކަން ބޭނުންވެގެންނެވެ. އުފާވެރިކަން ލިބޭނީ މައްސަލަތައް މަދުކުރެވިގެންނެވެ. ސިކުނޑިއަށް ހަމަޖެހުން ލިބޭނީ އެއިރުންނެވެ.
އެހެންވެ އަހުރެން ބުނަން ބޭނުންވަނީ ކައިވެނިކުރުމަށްފަހު އެންމެ ބޮޑަށް އިސްކަންދޭ ކަމަކީ މައްސަލަތައް މަދުކުރުންކަމަށް ހަދާށެވެ. އަނެކާގެ ސިކުނޑިއަށް ބުރަވާނެ ކަންކަން ނުކުރާށެވެ. އުފަލުގައި ދިރިއުޅެވޭނީ ސިކުނޑިއަށް ހަމަޖެހުން ލިބުނުވަރަކުންނެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން
- މިއަދުނޫސް