ޤުރްއާން އުނގެނި އަދި އުނގަންނައިދޭ މީހާއަކީ އެންމެ މަތިވެރި ދަރަޖައިގައިވާ މީހެކެވެ. އަދި ޢަމަލުކުރާނަމަ އެމީހަކު އެވަނީ އެންމެ މަތިވެރި ދަރަޖައިގައެވެ.
ކުދިންނަށް ޤުރްއާން ކިޔައިދިނުމުގެ މަސައްކަތްކުރާ އަންހެނުން ވަރަށް ގިނައެވެ. އެކަނަބަލުން ފުރަތަމަ ކޯސްތައް ހަދައި ކިޔަވަނީއެވެ. ކިޔަވައިގެން މުދައްރިސުންނަށްވަނީއެވެ. މިއީ ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެކެވެ.
އަންހެނުން ޤުރްއާން އުނގެނެންވީ ހަމައެކަނި މުދައްރިސްކަން ކުރާކަށް ނޫނެވެ. ތިމާގެ ދަރިންނަށް އުނގަންނައިދިނުމަކީވެސް މަތިވެރި އަޅުކަމެކެވެ. ހަމައެއާއިއެކު ޤުރްއާން އުނގެނި، އުނގަންނައިދީ އަދި ޢަމަލުކުރަން މަސައްކަތްކުރާނަމަ އެމީހެއްގެ އަޚްލާޤަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ. އެއީ އޭނާގެ ހިތް ﷲ ތަޢާލާގެ ނޫރުފުޅުން ދިއްލިގެންދާތީއެވެ. އިން ޝާ ﷲ
ގުޅުންހުރި ލިޔުމެއް:
ކްލާސްތަކަށް ޙާޒިރުވެގެންނާއި އޮންލައިންކޮށް ކީރިތި ޤުރްއާނުގެ ޢިލްމް އުނގެނެން މަސައްކަތްކުރާ ދަރިވަރުންގެ ތެރޭގައި ގިނައީ އެކި ޢުމުރުގެ އަންހެނުންކަމާއި ފިރިހެނުން އިންތިހާއަށް މަދުކަން އަބަދުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ. ކްލާސްތައް ހިންގާ ބައެއް މުދައްރިސުންގެ ފަރާތުން މަޢުލޫމާތުލިބޭ ގޮތުގައި ބައެއް ކްލާސްތަކުގައި ބައިވެރިވަނީ 1،2 ފިރިހެނުންނެވެ. އަދި އެންމެ ފިރިހެނަކު ބައިވެރިނުވާ ކްލާސްތައްވެސް ކުރިއަށް ގެންދެވޭކަމަށްވެސް ވަނީ މަޢުލޫމާތު ލިބިފައެވެ.
މީގެ މާނައަކީ ހުރިހާ ފިރިހެނުންނަށް ތަޖްވީދުމަގުން ޤުރްއާން ކިޔަވަން އެނގުމެއް ނޫނެވެ. އަދި ޤުރްއާނުގެ ޢިލްމު ލިބިފައި ތިބުމެއްވެސް ނޫނެވެ. ހަމަ އެއާއިއެކު ކްލާސްތަކުގައި ގިން ޢަދަދެއްގެ އަންހެނުން ބައިވެރިވަމުން އެދަނީ އެމީހުންނަކީ މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ތިބޭ ބއަކަށްވާތީއެއްވެސް ނޫނެވެ. ވަޒީފާ އަދާކުރާ މީހުންގެ ތެރޭގައިވެސް އަންހެނުން މަދެއް ނޫނެވެ. އަދި ވަޒީފާއެއް އަދާނުކުރިނަމަވެސް ގޭގައި ކުރަންޖެހޭ މަސައްކަތްތަކަށް ބެލިނަމަވެސް އަންހެނުން ކުރާ މަސައްކަތަކީ ލުއި މަސައްކަތެއް ނޫނެވެ.
- މިއަދުނޫސް