މަންމައާ ތަނަވަސް ފިރިމީހާއާކުރެން އެކަކު އިޚްތިޔާރުކުރަންޖެހުމުން މަންމަ އިޚްތިޔާރުކުރާ ދަރިން މަދުކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. އެތަމަށް ހިތާމަކުރާޙާލުގައިވެސް އުފަލާއިއެކު ބުނަންއޮތީ ތަނަވަސްކަމަށްވުރެ މަންމަ އިޚްތިޔާރުކުރާ ދަރިންވެސް އެބަތިއްބެވެ. އެފަދަ ދަރިންނަށް ލިބޭ އުފާވެރިކަންވެސް މާބޮޑެވެ.
މައިންނަށް ހެޔޮކޮށްހިތައި ބެލެހެއްޓުމަކީ އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންދާ ކަމެކެވެ. އަހުރެމެންނަށް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުން އެދިގެން މަސައްކަތްކުރުމެވެ. އެގޮތުން މައިންނަށް ހެޔޮކޮށް ހިތުމަކީ ކުރަން އޮތް އެންމެ މުހިންމު އެއްކަންތައްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ
އިޙްޞާނާއަކީ މަންމަގެ ހުރި ހަމައެކަނި ދަރިފުޅެވެ. އިޙްސާނާގެ އުމުރުން އެންމެ 5 އަހަރުގަ ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމުން އިޙްޞާނާ ގެންގުޅެ ބޮޑުކުރީ މަންމަ އެކަނިމާއެކަންޏެވެ. މަންމަ ފަދައިން އިޙްޞާނާވެސް މަންމަ ދެކެ ވަރަށް ލޯބިވެއެވެ. މަންމައަށް ބޭނުންވާ ހުރިހާ ކަންކަންކޮށްދެއެވެ.
އިޙްސާނާ ބޮޑުވެ ކައިވެނިކުރުމުން ފިރިމީހާ ބޭނުންވީ އަނބިމީހާ އޭނާގެ ގެއަށް ގެންދާށެވެ. ދަރިފުޅު ދެކެ އިންތިހާއަށް ލޯބިވީނަމަވެސް އެގޮތާއިވެސް މަންމަ ރުހުނެވެ. އެއީ ދަރިފުޅަށް އުފާވެރި ޙަޔާތެއް ހޯދައިދިނުމުގެ ބޭނުމުގައެވެ.
އިޙްޞާނާ ފިރިމީހާގެ ގެއަށް ބަދަލުވިނަމަވެސް މަންމަގެ ކަންކަން ވަރަށް ގާތުން ބަލައެވެ. އިރުއިރުކޮޅުންހެން ފޯނުކުރެއެވެ. އެއްވެސް ކަމަކަށް ދަތިވިއަކަ ނުދެއެވެ. އަދި މުސާރަދީފައި މަންމަގެ ކަންކަން ބަލަހއްޓާނެ އަންހެނަކުވެސް ބެހެއްޓިއެކެވެ.
އެއްރެއަކު ނިދަން އުޅެމުން މަންމައަށް ގުޅައިލުމުން ފޯނު ނެގިއެވެ. ނަމަވެސް ވާހަކައެއް ނުދެއްކުނެވެ. އިވެނީ ބާރަށް ނޭވާލާ އަޑެވެ. އިޙްޞާނާ އަވަސް އަވަހަށް މަންމަގާތަށް ދިއައެވެ. ގޮސް ބެލިއިރު ގޭގައި ބެހެއްޓި މީހާ ގެއަކު ނެތެވެ. ބާރަށް ގޮސް މަންމަގެ ކޮޓަރިއަށް ވަންއިރު މަންމަ ހެއެއް ނެތެވެ. އަވަސްއަވަހަށް އެމްބިޔުލާންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިއައެވެ.
ޑޮކްޓަރުން ބެލުމަށްފަހު މަންމަ ލީ ވެންޓިލޭޓަރަށެވެ. އެހެން ގޮތެއް ނެތުމުންނެވެ. ﷲ ގެ ހެޔޮ ރަޙްމަތްފުޅުން 3 ވަނަ ދުވަހު ހޭއެރިއެވެ. އަދި ވެންޓިލޭޓަރުން ނެގޭވަރުވެސްވިއެވެ. 2 ހަފްތާ ފަހުން ގެއަށްވެސް ގެނެވުނެވެ.
ގެއަށް ގެނައުމަށްފަހު އިޙްސާނާ އޭނާގެ ފިރިމީހާގެ ކިބައިން އެދުނީ ދުވަސްކޮޅަކަށް ނަމަވެސް މަންމަ ގާތުގައި ގޭގައި އޭނާ ބައިންދައިދިނުމަށެވެ. އަދި ފިރިމީހާވެސް އެގޭގައި މަޑުކޮށްދިނުމަށެވެ. އެކަން ފިރިމިހާއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއީ އޭނާގެ މައިންބަފައިންގެ ގެއަކީ ވަރަށް ރީތި ތަނަވަސް އަގުބޮޑުގެއަކަށްވެފައި އިޙްސާނާގެ ގެއަކީ ވަރަށް އާދައިގެ ގެއަކަށްވުމުންނެވެ.
އިޙްސާނާ ބުނީ ފިރިމީހާ އައިއެކުގައިދާން ކިތަންމެހައިވެސް ބޭނުން ކަމަށާއި ނަމަވެސް މަންމަ ދޫކޮށްލާފައި އެވަގުތު ދެވެން ނެތްކަމަށެވެ. އެކަމުގެ ތެރެއިން އުފެދުނު މައްސަލަތަކުގައި އިޙްސާނާ ވަރިކުރާނެކަމަށް ބުނުމުން ވެސް އިޙްސާނާ އިޚްތިޔާރުކުރީ މަންމަ ބަލަން ގޭގައި މަޑުކުރުމަށެވެ. މަންމަ އެކުގައި ގަދަވުމުން ނޫނީ މަންމަ ދޫކޮށްފައިދާން ބޭނުން ނުވާކަމަށް ބުންޏެވެ. އަދި މަންމަ ގަދަވަންދެން ބައިންދަން ފިރިމީހާގެ ގެއަށް ގެންގޮސްދިނުމަށްވެސް އެދުނެވެ. އަނބިމީހާ ހުށަހެޅި ދެގޮތްވެސް ޤަބޫލުނުކޮށް ފިރިމީހާ އިޚްތިޔާރުކުރީ ވަރިިކުރުމެވެ. ގެއިން ނުކުމެގެންދިއައީ ވަރިކޮށްފައެވެ.
އިޙްޞާނާ އެކަމާއި ދެރައެއްވެސް ނުވެއެވެ. ހިތަށް އެރިއެވެ. "އަހަރެންނަށް އޭނާ އާއި ކައިވެނި މިކުރެވުނީ މަންމަގެ ހޮސްޕިޓަލް ބޮޑު ބިލް އޭނާ ލައްވައި ދެއްކެން އެކަނި ކަމަށްވެދާނެއެވެ. އަހަރެން ގޮވައިގެން ދިރިއުޅޭނެ މާރަނގަޅު ބައިވެރިއަކު އަދި ލިބޭނެއެވެ."
އެކަންވީވެސް ހަމައެހެންނެވެ. ޢިއްދަ ހަމަވިތަނާ ކަންކަން ހިނގައިދިއަ ގޮތް ރަނގަޅަށް އެނގޭ ފިރިމީހާގެ އެންމެ ގާތް އެކުވެރިޔާ އިޙްސާނާ އާއި ކައިވެނިކުރަން އެދި ކައިވެނިކުރީއެވެ. އޭނާއަކީ ފިރިމީހާއަށްވުރެ މާތަނަވަސް ވެސް މީހެކެވެ. އޭނާ އިޙްސާނާ އާއި ކައިވެނިކުރީ އިޙްސާނާގެ މަންމައަށްޓަކައި ތަނަވަސް ދިރިއުޅުމެއް ދޫކޮށްލުމުން އެކަމުގެ އަގު ވަޒަންކޮށެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރަނީ މައިމިހާއަށް ހެޔޮކޮށް ހިތާނަމަ ދެރަގޮތެއް މެދުވެރިނުވާނެކަން މިވާހަކައިންވެސް ވަރަށް ރަނގަޅަށް އެނގިގންދާތީ ހަމައެކަނި އެކަން ފާހަގަކޮށްލުމުގެ ގޮތުންނެވެ.
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ