އަނބިމީހާ މަރުވުމުން ދަރިފުޅު ބަލަން ގެއަށް ގެނައި ނޯކަރުގެ ރަނގަޅުކަން ބޮޑުވުމުން އާދައާ ޚިލާފް އަދަބެއްދިން ހެޔޮލަފާ ތަނަވަސް މީހެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އަނބިމީހާ މަރުވުމުން ދަރިފުޅު ބަލަން ގެއަށް ގެނައި ނޯކަރުގެ ރަނގަޅުކަން ބޮޑުވުމުން އާދައާ ޚިލާފް އަދަބެއްދިން ހެޔޮލަފާ ތަނަވަސް މީހެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. އާދައާ ޚިލާފަށް އަޚްލާޤް ރަނގަޅު މީހެކެވެ. ގެންގުޅޭ ނޯކަރުންނަށް އަޅާލައި ކަމޭހިތުމުގައިވެސް ނަމޫނާ މީހެކެވެ. އަނބިމީހާއަށް ލޯބިދީގެން އުފަލުގައި ބަހައްޓަން މަސައްކަތްކުރުމުގައިވެސް ނަމޫނާ މީހެކެވެ.  

ކައިވެންޏަށް 10 ވަނަ އަހަރު ކުއްލިގޮތަކަށް އަނބިމީހާ ނިޔާވުމުން އެކަމުގެ މާޔޫސްކަން ބޮޑުވިއެވެ. އެންމެ ބޮޑު ކަމަކަށްވީ 8 އަހަރުގެ އަންހެން ދަރިފުޅު ބަލާނެ ގޮތެކެވެ. އެކަމަށް ވިސްނަމުންގޮސް އެކުވެރިންގެ ޣާތުގައި އެވާހަކަދެއްކުމުން ޚާދިމާއަކު ހޯދައިދިނެވެ.  

ވެރިމީހާގެ ރަނގަޅުކަމުގެ އިތުރުން އޭނާއަކީ ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާ އަންހެނަކަށްވުމުން ވަޒިފާއަދާކުރަމުން ގެންދިއައީ ވަރަށް ރަނގަޅަށެވެ. އެއްވެސް ކަމެއް އުނިވެގެން ނުވަތަ އެއްވެސް ކަމެއް ގޯސްކޮށް ކުރެވިގެންވެސް ދުވަހަކުވެސް ވެރިމީހާ އެއްވެސް އެއްޗެއް ނުބުނެއެވެ.  

ހަމަސްދުވަސްފާއިތުވިތަނާ ބުނީ ދެއެކުވެރިއަކު އެރޭ ކާން އަންނާނެކަމަށެވެ. އެއީ ޢާންމު ކަމެކެވެ. ދޭތެރެއަކުން ކޮންމެވެސް ބައަކު ގެއަށް ގެނެސް ކާންދީ ހަދައެވެ. އެކަމުންވެސް އެނގެނީ ރެސްޓޯރަންޓްތަކާ ދުރުހެލިކަމެވެ. ވީމާ އެއީވެސް ހުރި ރަނގަޅު ސިފައެކެވެ.  

3 މީހުން އެކުގަ ކައިނިމިގެން އައިސް ސިޓީންގރޫމްގައި ތިބެފައި ދަރިފުޅު ބަލަން ގެނައި އަންހެން މީހާއަށް ގޮވައިގެންފައި ބުންޏެވެ. "ތިބާކުރީ ކުށެއް ކަމަކަށް ނުބުނަމެވެ. އެކަމަކު ވަރަށް ބޮޑު ވައްކަމެއް ކޮށްފީމުއެވެ. އެހެންވެ ޤަޞްދުކުރަނީ ޙައްޤު އަދަބު ދިނުމަށެވެ. ބަޔާން އެއޮތީ ލިޔެފައެވެ. ދެއެކުވެރިންގެ ގާތަށްގޮސް ސޮއިކޮށްލާށެވެ! މިރޭ ސޮއިކޮށްފިއްޔާ މާދަމާ ކޯޓުމަރުޙަލާ ކުރިއަށް ގެންދާނަމެވެ."  

އެއްވެސް ކުށެއް ނުކުރަނީސް އެބާވަތުގެ ވާހަކަތަކެއް ދެއްކުމުން އޭނާއަށް މަޑުން ހުރެވުނީއެވެ. ބުނާނެ އެއްޗެއްވެސް ނުވިސްނިފައެވެ. އޭނާއަށް ވިސްނުނެވެ. "ވެރިމީހާއަކީ ހުރިހާ ކަމެއްގައިވެސް އެހާރަނގަޅު މީހަކަށްވާއިރު ކުށެއް ނުކުރަނީސް ދެރައެއް ނުދޭނެއެވެ. އަދި ވާހަކަ އެދައްކަނީވެސް ހެވިފައި ހުރެގެންނެވެ. ރަނގަޅުވާނީ ލިޔެފައި އޮތް އެއްޗެއް ކިޔައިލުމެވެ."  

އެވިސްނުމުގައި ދެއެކުވެރިންގެ ގާތަށްގޮސް ހުއްޓުމުން ސޮއިކުރަން ދިއްކޮށްލީ ކައިވެނީގެ ފޯމެވެ. ވެރިމީހާއާއި ކައިވެނިކުރަން ފުރާފައި އޮތް ފޯމެވެ. ހުރިހާ ތަނެއް ނުވެސްކިޔައި އަވަސްއަވަހަށް ސޮއިކޮށްލީމެވެ. އެއީ އޭނާގެ ރަނގަޅުކަމުން އެކަންޏެއް ނޫނެވެ. ކުއްޖާދެކެ މާބޮޑަށް ލޯބިވެވޭތީއެވެ. ވެރިމީހާ ބުންޏެވެ. "ތިބާ ކުރިވައްކަން މިކިޔައިދެނީއެވެ. އެއީ އަހުރެންގެ ދަރިފުޅަށް އަޅާލައި ލޯބިދީގެން އޭނާގެ ހިތް ދަމައިގަތީއެވެ. ހިތް ވަގަށްނެގީއެވެ. ހިތްވަގަށްނެގިކަމަށް ނިންމީ އަހުރެންނެއް ނޫނެވެ. ކުޑްކުޑަ ރޫމީއެވެ. ހެކި މިއޮތީއެވެ."  

ބުނެފައި ދައްކައިލީ ކުއްޖާ ކުރަހާފައި ބައްޕައަށް ދީފައި އޮތް ކުރެހުމެކެވެ. އެކުރެހުމުގައިވަނީ ދެބަފައިންނާއި އޭނާއެވެ. ދެން ހިތެއް ކުރަހާފައި ލިޔެފައޮތެވެ.

 "Daddy! Auty has stolen my heart!”

"ބައްޕާއެވެ! އާންޓީ އަހުރެންގެ ހިތް ވަގަށްނަގައިފިއެވެ."  

އިތުރަށް ބުނީ އެވައްކަންކުރި ގޮތް ވަރަށް ގާތުން ބަލައިފިން ކަމަށާއި އެކަމުގެ އަދަބަކަށް ދޭންޖެހޭނެ "އަދަބު" ދިނުން އަވަސްކުރަން ވެއްޖެކަމަށް ވިސްނުމުން އަދަބުދިނީކަމަށެވެ.  

އަޅުގަނޑަށް ލިބުނު ޙައިރާންކަމުގައި އެތައްއިރެއްވަންދެން ގަނޑުވެފައި ހުރެވުނެވެ. ރަނގަޅަށް ހިނިތުންވެވުނީވެސް އެތައް އިރެއް ފަހުންނެވެ.  

ކޮންމެއަކަސް ދެވަނަ ރޭ ކައިވެނިކުރެވުނެވެ. އެއްވެސް ރަސްމިއްޔާތެއް ނުބާއްވައެވެ. ގެއަށް ގެނައީ ދެފަރާތުގެ ޢާއިލާގެ އިސް މީހުންނެވެ. އެކައިވެނީގައި މިހާރު 10 އަހަރުވީއެވެ. ފިރިމީހާ ދޭ އަދަބު ވަރަށް ބޮޑެވެ. އެއީ މަސައްކަތުގައި ނޫންނަމަ އެކުގައި ވަޤުތު ހޭދަކުރުމާއި އަބަދުވެސް އަޅުގަނޑު އުފަލުގައި ބައިންދަން މަސައްކަތްކުރުމެވެ. އަޅުގަނޑުގެފަރާތުން ދޭއަދަބަކީ ދެބަފައިންނަށް ވީހާ ރަނގަޅަކަށް ކަންކަން ކުރުމެވެ. އަޅުގަނޑަށް ލިބިފައިވާ ދެދަރިންނަށްވުރެ ދޮންދަރިފުޅަށް ހެޔޮކޮށް ހިތުމެވެ.  

- މުޙްޞިނާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ-

 

 

މިއަދު އޮންލައިން