ދެމަފިރިންގެ ދެމެދަށް ވަނަނުދީ ޝައިޠޯނާ ރޮއްވާލާފަ ކައިވެނި ސަލާމަތްކުރެވޭނެކަން މިއޮތީ އެނގެން! ބޭނުންވަނީ ބުއްދިއާ އިޚްލާޞްތެރިކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 41ސ
ދެމަފިރިންގެ ދެމެދަށް ވަނަނުދީ ޝައިޠޯނާ ރޮއްވާލާފަ ކައިވެނި ސަލާމަތްކުރެވޭނެކަން މިއޮތީ އެނގެން! ބޭނުންވަނީ ބުއްދިއާ އިޚްލާޞްތެރިކަން!

މައްސަލަތައް ކުރިމަތިނުވާނެ އެއްވެސް ދެމަފިރިއަކު ނުތިބޭނެއެވެ. ޝައިޠޯނާ އަބަދުވެސް ހުންނާނީ ދެމަފިރިންގެ ދެމެދަށް ވަދެގަތުމުގެ ފުރުޞަތަކަށް ބަލަބަލައެވެ. ތިނޯހެއްގެ ފަގަވަރުގެ ފުރުޞަތެއް ލިބުނަސް ދެމިގަންނާނެއެވެ. ވަދެގަންނާނެއެވެ.  

ދެމަފިރިންނަށްވެސް އޮތީ އެކަމަށް ސަމާލުވެ ތިބުމެވެ. ތިރީގައި އެވަނީ ބުއްދީގެ ބޭނުންކޮށް ޝައިޠޯނާ ރޮއްވާލައި ކައިވެނި ސަލާމަތްކުރި ފިރިއެއްގެ ވާހަކައެވެ. ވިދާޅުވެލައްވާށެވެ!  

މިއަދު ހެނދުނު ވަޒީފާއަށް ދާން ނުކުތުމުގެ ކުރިން އަހަންނާއި އަހަރެންގެ އަނބިމީހާ އާއި ދެމެދު މައްސަލައެއް ޖެހުނެވެ. އެއީ އަހަރެމެންގެ ދެމެދުގައި ހިނގާ ދިޔަ ކުޑަ ދެބަސްވުމެކެވެ. 

އަހަރެމެން ތިބީ އެކަކު އަނެކަކު ދެކެ ވަރަށް ރުޅި އައިސްފައެވެ. އަހަރެންގެ މޫނުމައްޗަށް އަރަމުންދިޔަ ކުލަވަރުތަކުން، އަހަރެން ހުރީ ކޮންމެފަދަ ހަމަލާއަކަށްވެސް ތައްޔާރަށްކަން އަނބިމީހާއަށް އެނގުނެވެ.  އޭނާވެސް ހުރީ ވަރަށް ރުޅި އައިސްފައެވެ. އަދި ދޫދޭކަށް ގަސްތެއް ނުކުރެއެވެ. 

އަހަރެން ގެއިން ނުކުތީމެވެ. އަދި ފަހަތުން އޭނާވެސް ނުކުމެ ދޮރުތައް ތަޅުލުމަށްފަހު އަހަރެންގެ ފަހަތުން އަންނަން ފެށިއެވެ. އަހަރެމެންގެ ކާރެއް ނެތުމުން، ކޮންމެ ދުވަހަކުވެސް ހެނދުނު ވަޒީފާއަށް ދިއުމަށް އަރަނީ އެއް ބަހަކަށެވެ. އަދި ތިބެނީ އެކުއެކީގަ ކައިރިކައިރީގައެވެ. 

އަހަރެން ފައިބަނީ " މަންޑާ ހިލް" އަށެވެ. އަދި އޭނާ ފައިބަނީ "ޒެސްކޯ" އަށެވެ. 

އެކަމަކު މިއަދު އޭނާއާއި ކައިރީގައި އިންނަން ބޭނުން ނުވުމުން، ފަހަތު ސީޓުގައި އަހަރެން އިށިއިނީމެވެ. އަދި ކުރީ ސީޓުގައި އޭނަ އިށީނީ، ރީތި ޕޮލިސް އޮފިސަރެއްގެ ކައިރީގައެވެ. 

އެމީހާ އަހަރެންގެ އަނބިމީހާއަށް ބަލައިލިއެވެ. އެމީހާ އޭނާގެ އިސްތަށިގަނޑާއި މޫނަށް ބަލަމުން ދިޔަ އާދަޔާ ޚިލާފު ގޮތް އަހަރެންނަށް ފެނުނެވެ. ދެން އެމީހާ އަހަރެންގެ އަނބިމީހާއަށް އޭނާ ވަރަށް ރީތިކަމަށް ބުންޏެވެ. އަދި އަހަރެންގެ އަނބިމީހާ ހިނިތުންވެލާފައި އެމީހާއަށް ޝުކުރު އަދާކުރިއެވެ. 

އެމީހާ އަހަރެންގެ އަނބިމީހާ ގާތު ކޮންތާކަށްތޯ ދަނީ އެހުމުން، ވަޒީފާއަށް ދަނީކަމަށް ބުނެލިއެވެ. 

މި ހުރިހާއިރުވެސް އަހަރެން އިނީ ފަހަތުގައި، އެމީހުންގެ ވާހަކަތައް އަޑުއަހާށެވެ. 

"އަހަރެންގެ ނަމަކީ ވަންސާ ވީމްބާ. އަހަރެންގެ ޔުނީފޯމުންވެސް އެނގޭނެހެން އަހަރެންނަކީ ޕޮލިސް އޮފިސަރެއް. މީގެ މަސްދުވަސް ކުރިން އަހަރެން ވަނީ "ލުސާކާ" އަށް ހަމަޖައްސާފަ.  މިހާރު އަހަރެން މިދަނީ އަހަރެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނަށް." 

އަހަރެންގެ އަނބިމީހާ ބޯ ޖަހާލިއެވެ. އަދި ކޮންޑަކްޓަރު އަހަރެންގެ އަނބިމީހާ ގާތު ބަސް ފީ ދެއްކުމަށް އެދުމުން އެ ޕޮލިސް މީހާ ބަސް ފީ ދައްކައިދޭނެކަމާށް ބުންޏެވެ. އަދި 50 ގެ ނޫޓެއް ނެގުމަށްފަހު 2 މީހުންނަށް ކަމަށް ބުންޏެވެ. 

އަހަރެންގެ އަނބިމީހާ އޭނާއަށް ޝުކުރު އަދާކުރުމަށް ފަހު ހިނިތުން ވެލިއެވެ.  

އަނެއްކާވެސް ޕޮލިސްމީހާ ވާހަކަ ކުރިއަށް ގެންދިޔައެވެ. 

" އަހަރެން ވަރަށް އަވަހަށް ފައިބާނަން "މުނާލީ" އަށް. އަހަރެން ހުންނަން ހަމަޖެހިފައިވަނީ ' ޗެލްސްޓޯން ޕޮލިސް ކޭމްޕް" ގަ. އަހަރެންނާ ހިސާބަށް މިއިން ދުވަހަކު ތީނައަށް އާދެވޭނެ ކަމެއްވެސް ނޭންގެ. އަހަންނަށް ތީނަގެ ނަންބަރު ލިބިދާނެތަ؟" 

އިތުރު ވަގުތު ބޭކާރު ނުކޮށް އަހަރެން އަވަހަށް އަނބިމީހާގެ ކޮނޑުގައި ކޮއްޓާލުމުން

އޭނާ އެނބުރުމުން އަނބިމީހާ ގާތު އަހަރެން އަހާލީމެވެ. 

" 'ކަސޫބާ' ގެ ލަންޗް ބޮކްސްއަށް ސަމުސަލެއް ލާން ހަނދާން ހުރިބާ؟. ތީނައަށް އިނގޭނު ތީނަ އަބަދުވެސް ހަނދާން ނެތޭކަން." 

އަހަރެންގެ އަނބިމީހާ އިނީ ވާނުވާ ނޭންގިފައެވެ. އޭނަ ހިތަށް އަރާނެ " ކަސޫބާ" އަކީ ކާކުބާއޭ. އަދި އަހަރެން އޭނައާއި ވާހަކަ ދައްކަން ނިންމީ ކީއްވެބާއެވެ. އޭނަ އިތުރަށް ސުވާލެއް ކުރުމުގެ ކުރިން އަހަރެން އިތުރު ކޮށްލީމެވެ. " މިއަދު ތަންކޮޅެއް ކުރިން އޭނަ ސްކޫލުން ގެންނައްޗޭ؟ އަހަރެންނަށް އާދެވޭނީ ތަންކޮޅެއް ލަހުން ގެއަށް. ރޭގަނޑު ކެއުމަށް 'އިފިންކުބަކަ' ކައްކާލައްޗޭ. އޭރުން އަހަރެން ގެއަށް އައިސް ނިދުމުގެ ކުރިން އެއްޗެއް ކާލެވޭނީ." 

އަހަރެންގެ އަނބިމީހާ އިނީ ހައިރާންވެފައެވެ.

އޭނާ ޕޮލިސްމީހާ އާ ދިމާއަށް ބަލައިލުމަށްފަހު އަހަރެންނާއި ދިމާއަށް ބަލައިލިއެވެ.

"ޔެސް ހަނީ" އޭ ބުނެ ބޯ ޖަހައިލިއެވެ.  

އެ ޕޮލިސް މީހާ އެނބުރިލާފައި އަހަންނަށް ބަލައިލިއެވެ. އަދި ސަލާމް ކޮށްލިއެވެ. އަދި އަހަރެންގެ އަނބިމީހާ އާއި ސުވާލުކުރިއެވެ. "އެއީ ތީނަގެ ފިރިމީހާތަ؟" 

އަހަރެންގެ އަނބިމީހާ ބޯ ޖަހައިލިއެވެ. އެ ޕޮލިސްމީހާ އަހަންނާ ދިމާއަށް ބަލަން ފެށިއެވެ.

އަދި ފަހު ފަހަރަށް ބަލައިލުމަށްފަހު ހީލިއެވެ. އަހަރެން އެ ހިނިތުންވުމަކަށް ރައްދެއް ނުދެމެވެ. 

" ޗައިނަމާ" އަށް ދެވުމުން އަހަރެން ބަހުން ފޭބީމެވެ، އަދި އަހަރެންގެ އަނބިމީހާވެސް އަހަންނާއެކު ބަހުން ބޭލީމެވެ. 

އަހަރެންގެ އަނބިމީހާގެ ހުނުމެއް ނުހުއްޓުނެވެ. އަހަރެމެން އަނެއް ބަހަށް އަރަމުން ދިޔައިރު އަނބިމީހާ އަހަންނާ ސުވާލު ކުރިއެވެ.

" ހަނީ، ކަސޫބާ އަކީ ކާކު؟"

" ކަސޫބާ އަކީ މުސްތަޤުބަލުގަ އަހަރެމެންގެ ދަރިފުޅު. އަވަހަށް ބަހަށް އަރައިގެން ހިނގާދާން." އަހަރެންގެ އަނބިމީހާ ހީނގަތެވެ. 

އަހަރެމެން އެހެން ބަހަކަށް އެރީމެވެ. އަދި މިފަހަރު ބަހުގައި އަހަރެމެން އިށިއިނީ ކައިރީގައި ޖެހިޖެހިގެންނެވެ. އަދި މިފަހަރު އެނާއަށް ބަސްފީ ދެއްކީވެސް އަހަރެންނެވެ. 

" ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުންވެސް ތިބާ، ތިބާގެ ބައިވެރިޔާއާ ދުރަށް ޖެހިލާ ވަގުތަކީ ޝައިޠާނާ އެތަނެއް ފޫބައްދާނެ ވަގުތެކެވެ. ތިބާގެ ހުއްދައަކާއި ނުލައި އެ މަޤާމު އޭނާ ނަގާނެއެވެ. އަދި ތިބާގެ މަޤާމް އޭނާ އަމިއްލަކޮށް ވެރިކުރާނެއެވެ. ޝައިޠާނާއަށް ތިބާގެ ގެއިން ޖާގަ ނުދޭށެވެ. އެފަދަ ހުރިހާ ޖާގައެއް ފޮރުވާލާށެވެ." 

ޚިޔާލުތަފާތުވެ ރުޅިއާދެވޭ ކަންކަން އަބަދުވެސް މެދުވެރިވާނެއެވެ. އެފަދަ ޙާލަތުތައް މެދުވެރިކުރުވަނީވެސް ޝައިޠޯނާއެވެ. މެދުވެރިކުރުވުމަށްފަހު ދެމަފިރިންގެ މެދުގައި މައްސަލަ ޖެހޭނެ އަދި މައްސަލަ އިތުރަށް ހޫނުވާނެ ހުރިހާ ކަމަކަށް މަގުފަހިކުރުވާނެއެވެ. އެކަމަށް ދެމަފިރިންވެސް ހޭލުންތެރި ނުވެއްޖެނަމަ ކަންކަން ވެގެންދާނެ ގޮތް މިކުރުކުރު ވާހަކަކޮޅުންވެސް އެނގިގެންދާނެއެވެ.  

ތިބާ ޘާބިތުވެ ހުރީ ﷲ ގެ މަގުގައިކަން އަބަދުވެސް ޢަމަލުތަކުން ހާމަކުރަމުން ގެންދާށެވެ.

މާތް ﷲ ތިބާގެ ކައިވެންޏާއި ގުޅުމުގައި ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މިއަދުނޫސް

މިއަދު އޮންލައިން