ތަނަވަސް އަންހެނަކާ ގުޅެވުމުން ނިކަމެތި ލޯބިވެރިޔާއަށް ދެވޭނެ އެންމެ ބޮޑު ދެރަދިން މީހަކު ފަޟީޙަތްވެ ތަނަވަސް އަނބިމީހާ ގެއްލި އެންމެ ހިތްދަތިޙާލު ޖެހުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ތަނަވަސް އަންހެނަކާ ގުޅެވުމުން ނިކަމެތި ލޯބިވެރިޔާއަށް ދެވޭނެ އެންމެ ބޮޑު ދެރަދިން މީހަކު ފަޟީޙަތްވެ ތަނަވަސް އަނބިމީހާ ގެއްލި އެންމެ ހިތްދަތިޙާލު ޖެހުނު ގޮތުގެ ވާހަކަ-

އެއީވެސް ވަރަށް ލޯބިވެގެން އެކުގައި އުޅުނު ދެމީހުންނެވެ. 2 އަހަރު އެކުގައި އުޅުމަށްފަހު ފިރިހެން މީހާއަށް ތަނަވަސް އަންހެނަކު ފެނުމުން ވަކިވީއެވެ. އެއިރު ލޯބިވެރިޔާ އިނީ ބަލިވެކަން އެނގުނީ ދެމީހުން ވަކިވި ފަހުންނެވެ. އެވާހަކަ ބުނުމުން ބުނީ ތިއައީ އަހަރެންގެ ދަރިއެއްކަން ޔަޤީންނުވާ ކަމަށެވެ.  

އަންހެން ކުއްޖާގެ ޢާއިލާއިން ބޭނުންވީ ދަރިފުޅު ވައްޓާލުމަށެވެ. ނަމަވެސް އެކަމުގެ ފާފަ މާބޮޑުވާނެކަން އެނގޭތީ އެކަން ނުކުރީއެވެ. ދަރިފުޅު ވިހެއީއެވެ. ވިހެއުމަށްފަހު ވަޒީފާއެއް ހޯދައިގެން އުޅެންފެށީއެވެ.  

ދަރިފުޅަށް 4 އަހަރުގައި ދަރިފުޅު ގޮވައިގެން ގޮސް ޖުމްހޫރީ މައިދާނުގައި އުޅެނިކޮށް ފުރަތަމަ ފަހަރަށް ދަރިފުޅުގެ ބައްޕަ އާއި ބައްދަލުވިއެވެ. އޭނާގެ އަނބިމީހާއަކީ ސްކޫލް އިރުގެ އެކުވެރިއެއްކަމަށްވުމުން އައިސް ބައްދަލުކުރިއެވެ. ފުރަތަމަވެސް ޙައިރާންވީ ދަރިފުޅާއި ފިރިމީހާއާއި ވައްތަރުކަމުންނެވެ.  

ސުވާލުތައް ކުރަން ފެށުމުން ދަރިފުޅުގެ ބައްޕަ އަކީ ކާކުކަން ނުބުނެ ކަންތައްވީގޮތް ތެދަށް ކިޔައިދިނެވެ. އެއިރު އޭނާ އިސްދަށަށް ޖަހައިގެން އަޑުއަހަން ހުއްޓެވެ. ދެއެކުވެރިން ވަކިވީ ފަހުން ބައްދަލުކުރަން ނިންމައިފައެވެ.  

އެއިގެ ދެރޭ ފަހުން ދިން ދަޢުވަތަކަށް ދަރިފުޅު ގޮވައިގެން އެގެއަށް ގޮސް ދިން ކެއުން ކައިނިމިގެން ސިޓިންގރޫމްގައި ތިބެފައި އެކުވެރިޔާ އޭނާގެ ފިރިމީހާއަށް ބުންޏެވެ. "އަހުރެން މާގިނަ ސުވާލުތަކެއް ކުރާކަށް ނެތީމެވެ. އެކަމަކު މިކުއްޖާ ފެނުނު ވަޤުތުން ފެށިގެން އަހުރެންނަށް މިވާ އުނދަގޫތައް ފިލުވައިލަން ބޭނުމެވެ. ޑީއެންއޭއެއް ހަދައިލަން ބޭނުންވެއެވެ. ޚަރަދުކުރާނީ އަހަރެންނެވެ. ތިއަ ދެމީހުންވެސް މިކަމަށް އިންކާރު ނުކުރާނެ ކަމަށް ހީކުރަމެވެ."  

އެހިސާބުން ފިރިމީހާއަށް ޖެހުނީ ޙަޤީޤަތް ކިޔައިދީ ކުށަށް އިޢުތިރާފްވާށެވެ! ކުށަށް އިޢުތިރާފްވެ މާފަށް އެދުމުން ބުންޏެވެ. "މާފުކޮށްފީމެވެ. އަހުރެން ބޭނުންވަނީ މިދަރިފުޅާއި އެކުވެރިޔާ މިގޭގައި ގެންގުޅޭށެވެ. ކަލޭކައިރިން ވަރިވާށެވެ. ކައިވެންޏަށް 4 އަހަރުވީއިރުވެސް ދަރިއަކު ނުލިބުނު ސަބަބަކީ ކަލޭގެ އަނިޔާވެރިކަން ކަމަށް ޤަބޫލުކުރަމެވެ. ދެން ލައްވަވާނެ ކޯފާއަކަށް ބިރުވެތިވަމެވެ. އަހުރެންގެ އެކުވެރިޔާއަކީ ވަރަށް ނިކަމެތި އަންހެނެކެވެ. އޭނާގެ ނިކަމެތިކަމަށް ކަލޭ ތިއަވަނީ ބޮޑު ފަރުބަދައެއްވަރުގެ ބޮޑު ތަކްލީފެއް ޖައްސުވައިފައެވެ. ކަލެއަށް ރަނގަޅު ގޮތެއް މެދުވެރިވުމަށްވުރެ ގާތީ އިތުރު ބުރައެއް ޖެހުމެވެ. ވީމާ އެދެނީ ވަރިކޮށްފައި ހަމަ މިހާރު މިގެއިން ނުކުމެގެންދިއުމެވެ. ދެން މިދެމައިން މިގެއަކުން ނުނުކުންނާނެއެވެ."  

ފިރިމީހާ ކުރި އާދޭސްތައް އަޑުވެސް ނުއެހިއެވެ. ވަޤުތުން ގެއިން ނެރެލީއެވެ. ތަނަވަސްކަމުގެ ދަހިވެތިކަމުގައި ނިކަމެތި އަންހެނަކަށް އަނިޔާވެރިވިކަމުގެ ޝަޒާ ދުނިޔޭގައިވެސް ލިބުނީއެވެ. ދެއެކުވެރިން އެކުގައި އުޅެމުން ދެއަންހެނުންވެސް ކައިވެނިކޮށް އުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.  

މިޙާދިސާގައި ނިކަމެތިވެ ހިތާމަކުރަންޖެހުނީ އަޅުގަނޑުގެ އެކުވެރިއަކަށެވެ. އެކުވެރިޔާ ވިހެއުމުގެ ޚަރަދުތައްވެސް ކުރީ އަޅުގަނޑެވެ. އޭނާގެ މައިންބަފައިންނަކީ ޢުމުރުން ދުވަސްވެ ބަލިކަށިވެފައިވާ ނިކަމެތި ބައަކަށްވުމުން އެހީތެރިނުވެވުނީއެވެ.  

މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާމިކުރަނީ ލޯބިވާކަމަށް ބުނަމުން ނިކަމެތި އަންހެނުންނަށް މިބާވަތުގެ އަނިޔާދޭ ފިރިހެނުންނަށް ފިލާވަޅަކަށެވެ. އެގޮތަށް ދޭއަނިޔާ އެމީހުންނާއި ކޮންމެވެސް ދުވަހަކުން އަރައިހަމަކޮށް ކަރުނައަޅަން ޖައްސުވާނެ ކަމަށް ބުނުމަށެވެ.

 

- ފަޒިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް   

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން