އެއީ ކައިވެނިކޮށް ވަރަށް އާދައިގެ ގޮތަކަށް ދިރިއުޅެންފެށި ޒުވާން ދެމަފިރިންނެވެ. ދެމަފިރިންވެސް އެކަކު އަނެކަކަށް ވަރަށް ވަފާތެރިއެވެ. އެކުގައި އުޅެނީވެސް ވަރަށް ލޯބިންނެވެ. ކައިވެނީގެ 3 ވަނަ އަހަރު އެހައިތަނަށް ދެމީހުންނަށް އެއްކުރެވިފައިހުރި ފައިސާކޮޅު އެއްކޮށްލައިގެން ކުޑަވިޔަފާރިއެއް ފެށިއެވެ. އެވިޔަފާރި ވަރަށް ބާރަށް ކުރިއަރައިގެންވެސް ދިއައެވެ. ނަމަވެސް ދުވަސްކޮޅެއްފަހުން ހުއްޓުން އަރަންފަށައިފިއެވެ. ކުރިއެރުން ހުއްޓިއްޖެއެވެ.
ވީދެރައިން ދެމަފިރިންގޮސް ދީނީ ޢިލްމްވެރިއަކާއި ބައްދަލުކޮށް ދިމާވެގެންއުޅޭ މައްސަލަ ކިޔައިދިނެވެ. އެތައް އިރެއްވަންދެން ކުރި ސުވާލުތަކުން އެނގުނީ ދެމަފިރިންވެސް މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށްވެސް ހެޔޮކޮށްހިތާކަމެވެ. ނަމަވެސް ގޭގައި ގެންގުޅޭ ނޯކަރަށް ކަންކަންކުރަނީ ވަރަށް އިހާނެތިކޮށް ކަމެވެ. ކެއުންވެސް ތަފާތުކުރާކަމާއި ގޮނޑީގައި އިށީނދެހެދުންވެސް މަނާކުރާ ކަމެވެ.
އެކަންކަން އެނގުމުން އިމާމް ވިދާޅުވިއެވެ. "އަހުރެން ވަކިކަމެއް ވަކިގޮތަކަށް ނިންމަނީއެއް ނޫނެވެ. އެކަމަކު ފުރަތަމަ ކަމަކަށްވެސް ގޭގައި ގެންގުޅޭ ނޯކަރަކީ އުޚުތެއް ކަމަށް ދެކި އުޚުތަކަށް ހެޔޮކޮށްހިތާފަދައިން ހެޔޮކޮށް ހިތައިގެން ގެންގުޅެބަލާށެވެ! ދެވަނަ ކަމަކަށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަމުން ކޮންމެ ދުވަހަކުވެސް ކޮންމެވެސް މިންވަރެއް ޞަދަޤާތްކޮށްބަލާށެވެ. އެންމެ ރަނގަޅީވެސް އެވަޤުތުގައި ﷲ ތަޢާލާ އެންމެ ބޮޑަށް ބަރަކާތް ލައްވަވާފައިވާ ފަތިހުގެ ވަޤުތުގައި ޞަދަޤާތްކުރުމެވެ. މިކަންކަމަށް ސަމާލުކަންދީގެން މަހެއްހައި ދުވަހު މަސައްކަތްކޮށްފައި އެނބުރި އައިސްބަލާށެވެ!"
މަހެއްހައި ދުވަސްފަހުން ދެމަފިރިން ޢިލްމްވެރިޔާ އާއި ބައްދަލުކޮށްފައި ދެންނެވިއެވެ. "ޢިލްމްވެރިޔާ ވިދާޅުވި ގޮތަށް އަހުރެމެން ކަންތައް ކުރީމުއެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް ހެޔޮ ބަދަލުތަކެއް ފެންނަން ފަށައިފިއެވެ. ދުވާލަކު 20000 ރުފިޔާވެސް ނުލިބިގެން އުޅެންޖެހުނު ވިކުރާއަށް މިހާރުވެސް ދުވާލަކު 25000 ވަރު ލިބެއެވެ. ކުރަންޖެހޭ ބޭކާރު ޚަރަދުތައް ބޮޑުތަނުން މަދުވެއްޖެއެވެ."
ޢިލްމްވެރިޔާ ވިދާޅުވީ އެގޮތަށް ކުރިއަށްދާން މަސައްކަތްކުރުމަށެވެ. ގޭގައި ގެންގުޅޭ ނޯކަރުންނަށްވެސް އަދި މަސައްކަތުގައި ގެންގުޅޭ މުވައްޒިފުންނަށްވެސް ހެޔޮކޮށްހިތުމަށެވެ. އެމީހުންގެ ހެޔޮދުޢާ ލިބުމަކީވެސް ދިރިއުޅުން އުފާވެރިވެ ކުރިއަށްދާ ކަމެއް ކަމަށާއި އެމީހުންގެ ނަފްރަތަކީ ދެރަގޮތް މެދުވެރިވާ ސަބަބަެއް ކަމަށެވެ.
- މަޢުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން